”އެވްރިޑޭ މާމަ“

Loading

Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ އެވްލީން އެވެ. އުމުރަކީ 63 އަހަރެވެ.

އަހަރެން އިއްޔެ ގެޔަށް އައީ ވަޒީފާއިން އިސްތިއުފާދީފައެވެ. ރަސްމީކޮށް ނޯޓިސް އެއްނުދެމެވެ.އަހަރެން ނެތުމުން ދެން ވާނެ ގޮތަކާބެހޭ ގޮތުން މަޝްވަރާއެއްވެސް ނުކުރަމެވެ.ކޭކެއް ފަޅަން އުޅެފަ، ވަޅިބާއްވާފަ، ހެދުމުގެ ބޭރުންލާ ކޯޓު ނަގައިގެން ދަރިފުޅުގެ ގެއިން ނިކުމެގެން އައީއެވެ.

އަހަރެން އަދާކުރަމުން އައީ އަހަރެންގެ އަންހެން ދަރިފުޅު ކްލާރާ ދިން ވަޒީފާއެކެވެ.ހަތް އަހަރުވަންދެން އަހަރެން މަސައްކަތް ކުރިއިރު އަހަރެން ގަބޫލު ކުރަމުން އައީ އަހަރެންނަށް ލިބޭ މުސާރައަކީ ލޯތްބާއި އަދި އާއިލާއަށް ނިސްބަތް ވާކަމުގެ އިހުސާސް ކަމުގައެވެ.ނަމަވެސް އިއްޔެ އަހަރެންނަށް އެނގުނު ގޮތުގައި އަހަރެންގެ އަގު އެގޭތެރޭގައި، ގޭމްކުޅޭ ޓެބްލެޓަކަށްވުރެ ދަށެވެ.

އަހަރެންނަކީ ރިޓަޔާ ކޮށްފައިވާ ޓީޗަރަކީމެވެ.އަހަރެން ދިރިއުޅެމުން އައީ ރިޓަޔާ ކުރުމުން ލިބޭ ޕެންޝަން ފައިސާއިންނެވެ. ދުނިޔެއަށް އަހަރެންނަކީ ރިޓަޔާ ކޮށްފައިވާ ޓީޗަރެކެވެ.ނަމަވެސް އަހަރެންގެ ދަރިފުޅު ކްލާރާ އަށް އަހަރެންނަކީ 24 ގަޑިއުރު ވަޒީފާގައިއުޅޭ ކާއްކާމީހެއް، މެއިޑެއް  ޑްރައިވަރެއް، އަދި މާމަކިޔާ ދެފިރިހެން ކުދިންގެ މެދުގައިޖެހޭ މައްސަލަތައް ހައްލުކުރަން ހުންނަ މީހާއެވެ.

އަހަރެން މިހުރިހާ ކަމެއް ކުރަމުން ގެންދަނީ ގިނަ ދުވަސް ދުވަހު އެސްޕިރިން ކައިގެން ގައިގަ ވަރުޖައްސައިގެން ކަމެއް އެމީހުން ނުދަންނާނެވެ. އެވަރުންވެސް ކުދިންވެސް އަހަރެންނާމެދު ދެކެމުން އަންނަނީ ވަރަށް ދަށު ދަރަޖައެއްގައެވެ.މަށަށް ކިޔަނީވެސް ރަށްފުށު މާމައެވެ.

ކްލާރާއާއި އޭނާގެ ފިރިމީހާ ގްރެގް އަކީ ވަރަށް އަވަދިނެތި މަސައްކަތުގައި އުޅޭ ދެމީހުންނެވެ.ފައިސާ އެއްކުރުމުގައެވެ.އެންމެ ދޮށީދަރިފުޅު ލިއޯ ލިބުމުން ކްލާރާ ބުންޏެވެ. ދަރިފުޅު ބަލަން ހުންނަން ހިލޭމީހަކު ގެންނާކަށް ބޭނުމެއް ނޫނެވެ.އަހަރުމެން ބޭނުމީ މަންމަ އެވެ. މިހެންކިޔާ ވާހަކަ ދެއްކިވަރުން އެހީތެރިވާން ދާން ފެށީއެވެ.

އަހަރެންގެ މަސައްކަތު ދުވަސް ފެށެނީ ފަތިހު 5:30ގައެވެ. އެގަޑީގަ ދަރިފުޅުގެ ގެޔަށް ގޮސް ކުދިންނަށް ވަކިއެއްޗެއް އެދެމަފިރިންނަށް ވަކިއެއްޗެއް ސަޔަށް ހަދާ ތައްޔާރު ކުރުމަށް ފަހު ހެނދުނުގެ ކާރޫބާރޫ މައިތިރިކޮށް، ކުދިން ސްކޫލަށް ގެންދަމެވެ.ގެޔަށް އައިސް އެއްޗެތި ދޮވެ، ތެލިތަކާ ތަށިތައް ދޮންނަމެވެ.އެއަށްފަހު އެނދު ތަކުގައި ތަންމަތިއަޅާ ގޭތެރެ ކުނިކަހާ ސާފު ކުރަމެވެ.  

ކުދިންނަށް އަޅާ ކާނާ ހުސްކުރަން ބުނެދީ އަދި ފިލާވަޅުތައް ހަދާތޯ ބަލާ ހަދުވަނީ އަހަރެންނެވެ. ބައްޔެއް ވެއްޖެ ނަމަ ކައިރީގައި އިންނަނީ އަހަރެންނެވެ.  

ގްރެގްގެ މަންމަ ބީޓްރިސް އަކީ ކުދިންގެ ދެވަނަ މާމައެވެ. ކުދިންނަށް މާމަގެ ގޮތުގައި ދައްކާފައިވަނީ ބީޓްރިސްއެވެ. ބީޓްރިސް އުޅެނީ ވަރަށް ދުރުގައި ހުންނަ ރީތި ބޮޑު ގެއެއްގައެވެ. އޭނަ ކްލާރާ މެންގެ ގެޔަށް އަންނަނީ އަހަރަކު ދެފަހަރު ކަހަލަ ގޮތަކަށެވެ. ނިޔަފަތިތައް ރީތިކޮން ޕޮލިޝް ކޮށްގެން އެގެޔަށް އޭނަ އަންނައިރު މާމަކިޔާ ދެކުދިންނަށް ކޮންމެ ދުވަހަކު މުރިމަތިވާ މައްސަލަތަކެއް އޭނާއަކަށް ނޭނގެއެވެ.ބީޓްރިސް ދުވަހަކުވެސް ތަޅުން ގަޑެއް ސާފު ކުރި ހެނެއް ހިއެއް ނުވެއެވެ.އަދި ކުއްޖަކު ދަންވަރު ހުން އައިނަމަ ކަންތައް ކުރަންޖެހޭ ގޮތެއްވެސް ބީޓްރިސްއަކަށް ނޭނގެއެވެ.

އެކަމަކު އެކުދިންގެ މާމައަކީ އެއީ އެވެ.

އިއްޔެއަކީ ކްލާރާގެ ދޮށީ ދަރިފުޅު ލިއޯގެ ދިހަވަނަ އުފަން ދުވަހެވެ. އޭނާއަކީ ނިދާގަޑީގައި ބިރުގަންނަ ގޮތްވާ ކުއްޖެކެވެ. އެހެންވެ އެކަހަލަ ކުދިން ނިދާގަޑީގައި ”ހަގް“ ކުރަން ގެންގުޅޭ ކަހަލަ ބަރު ރަޖައެއް އަހަރެން އަތުން ވިޔުނީމެވެ. ބާތުޑޭ ހަދިޔާއަކަށެވެ. މިކަމަށް 4 މަސް ދުވަސް ހޭދަވިއެވެ.ރަޖާ އަހަރެން ވިޔުނީ ލިއޯއަށް އެންމެ ރީތި ކުލަތައް ކަމަށްވާ ގަދަ ނުލާއި ފެހި ކުލައިގެ ވޫލުންނެވެ. އަހަރެން އުންމީދު ކޮށްގެން ހުރީ މިފަދަ ރީތި ރަޖައެއް ލިބުމުން ލިއޯ ވަރަށް އުފާވާނެ ކަމުގައެވެ.އަދި ނިދާގަޑީގައި ރަޖާ ބޭނުން ކުރުމުން އޭނާގެ ހުންނަ އެންގްޒަޔަޓީން ސަލާމަތްވާނެ ރަގަޅު އެއްޗަށް ވާނެ ކަމުގައެވެ.

ޚާއްސަ ރަޖަލުގެ އިތުރުން އަހަރެންގެ ބުރަމަސައްކަތުން ތިންބަޔަށް އުސްކޮށް ހުރި ރީތި ކޭކެއް ހަދާދިނީމެވެ. ރޭޑީމޭޑް ފޮށީގަ ހުންނަ ފުށް ޕެކެޓުންނެއް ނޫނެވެ. ވަގުތު ނަގައިގެން ބާޒާރުކޮށް އެއްޗެތި ހަމަ ކޮށްގެންނެވެ.

ހަވީރު ޕާޓީ އޮންނާތީ ގޭތެރެ ސާފޮށް ހަދަން ހެދުނު އަހަރެން އެގެޔަށް ދިޔައީ 7 ޖެހިއުރުއެވެ.ބީޓްރިސް އައީ ބަރާބަރު ހަތަރެއް ޖެހިއިރު ޕާޓީ އަށެވެ. ވަރަށް މީރުވަސް ދުވާ ސެންޓްޖަހާ ތައްޔާރުވެގެން އައިއިރު، އޭނަ ގެނައި ހަދިޔާ އަތުލަން ދެކުދިންވެސް އޭނަގައިގަ ހިފާ އޮޅުލައިގަތެވެ. ބީޓްރިސް ގެނައީ އަމިއްލަޔަށް ތައްޔާރު ކުރި ހަދިޔާއެއް ނޫނެވެ. ގެނައީ ޓެކް އެއްޗެތި ވިއްކާ އިސްޓޯރަކުން އެއްޗެއް ގަތީމަ ދޭކަހަލަ ކޮތަޅެކެވެ. އަދި ތޫލި އަޑަކުން ބުންޏެވެ. ތިޔަ ކުދިންނަށް ކަމުދާނީ ކޮންކަހަލަ ހަދިޔާއެއްކަން ނޭގޭތީ މިގެނައީ އެންމެ ފަހުގެ ގޭމް ޓެބްލެޓެކެވެ.މިއަދު އެކަކުވެސް އެކުދިން މިއާއި ކުޅެންތިބެވޭނެ ގަޑިކަނޑައަޅައިގެން ނުވާނެއެވެ.

މިހެންބުނި އަޑު އިވުމާއި އެކު ދެކުދިން ކެކި އަރައިގަތެވެ. އަދި ފުމެމުން ގޮސް އޭނަ އަތުން ދެ ޓެބްލެޓް ޖަހައިގަތް ކަހަލައެވެ. އޭނަގެ ދަރިފުޅު ގްރެގް ވެސް ހިނިއައިސްފަ ހުރެ  ބީޓްރިސް އަށް ފިނި ބުއިމެއް އަޅާދިނެވެ.އަދި ބުންޏެވެ. މަންމަ އެކުދިން ”ސްޕޮއިލް“ ކުރަނީ އެވެ. މީގެ ޖަވާބުގައި ބީޓްރިސް ބުންޏެވެ. މާމައިންގެ ދައުރަކީ އެއީ ނޫންހެއްޔެވެ.

އަހަރެން ތައްޔާރުކުރި ހަދިޔާ ހިފައިގެން ސިޓިންގރޫމްގެ އެއްކައިރީގައި ހުރީމެވެ. އަހަރެންނަށް އިހުސާސްވީ އެއިން އެކަކަށްވެސް އަހަރެން ނުވެސް ފެންނަ ކަހަލަ އިހުސާސެކެވެ. އެވަގުތު އަހަރެންގެ ހަދިޔާ ލިއޯ އަށް ދެވޭތޯ މަސައްކަތް ކުރީމެވެ.ނަމަވެސް އޭނައެޔަށް ބަލާވެސް ނުލިއެވެ.އަތުގަ ޓެބްލެޓްގެ ސްކްރީނުން ލޯ ނައްޓާވެސް ނުލިއެވެ.އަދި ބުންޏެވެ. މިހާރަކު ނޫނެވެ.މިޓެބްލެޓް، ރަޖާގަނޑަކަށް ވުރެ މާ ކޫލް އެވެ.އެހެން ނޫނަސް މާމަ އަބަދު ތިޔަކަހަލަ ފޫހި އެއްޖެހި ދެނީ ކީއްކުރަންހެއްޔެވެ.

އެވަގުތު އަހަރެންނަށް މުޅިތަން ހިމޭންވެގެން ދިޔަ ކަހަލަ އެވެ.އަހަރެން ކްލާރާ އާއި ދިމާލަށް ބަލައިލީމެވެ.އަހަރެންގެ ދިފާއުގަ އެއްޗެއް ބުނޭތޯ އެވެ. ލިއޯ ގިނައިން ބަލާ ބޮޑުކުރީ އެވްލީން  މާމަ ނޫންހޭ ބުނާނެ ކަމަށް އަހަރެން ހީކުރީމެވެ. ތިޔަހެން ނުހަދާ މާމަ އެހާލޯބިން ހަދާދިން ހަދިޔާގައި ހިފާށޭ ބުނާނެ ކަމަށް ހީކުރީމެވެ. ބަދަލުގައި ކްލާރާ ފެށީ ހޭށެވެ. އަދި ބުންޏެވެ. ”އެއީ ދެން އެހާބޮޑު ކަމަކަށް ނުހަދާށެވެ. ލިއޯ އަކީ އަދި ކުޑަކުއްޖެއް ނޫން ހެއްޔެވެ. ބީޓްރިސްއަކީ އެކުދިންގެ ”ފަން ގްރޭންޑްމާ“(މަޖާކޮށްދޭ މާމަ)އެވެ.އެކަމަކު މަންމަ އަކީ އެކުދިންގެ ”އެވްރީޑޭ ގްރޭންޑްމާ“(ކޮންމެ ދުވަހަކު ފެނި އާދަވެފައިވާ) މާމަ އެވެ. ދެމީހުން އަދާކުރަނީ ދެރޯލެކެވެ. މިއީދެން ބޮޑުކަމަކަށް ނުހަދާށެވެ.“

”އެވްރީޑޭ ގްރޭންޑްމާ“ ދޯއެވެ. އަރަން ގެންގުޅޭ ބާ ބޫޓް ޖޯޑެއް ގޮތަށް ދޯއެވެ.އަރަން މުހިންމު،ހަލާކުނުވާ،ފަޔަށް ފަސޭހަ، އެހެން ނަމަވެސް ބޫޓު ގެއްލުމުން މެނުވީ އޭގެ އަގު ވަޒަން ނުކުރެވޭ ކަހަލަ ބޫޓެކެވެ.

އެވަގުތު އަހަރެންގެ އެތެރެހަށިން އެއްޗެއް ހަލާކުވި ކަހަލަ އެވެ. އަހަރެންގެ އަމިއްލަ ދެއަތަށް އެވަގުތު ބަލާލެވުނެވެ.އެމީހުންނަށް ތެލި ތަށިދޮވެދީދީ ހަނގަނޑުވަނީ ކުރަކިވެފައެވެ.އެއަށްފަހު އަހަރެންގެ ދަރިފުޅާ ދިމާލަށް ބަލާލީމެވެ. އަރާމުގަ ޖޫސްތައްޓެއް ބޯން އިނެވެ. މުޅިތަނަށް ކުދިން އަޅަމުންދާ ވިދާ ކަރުދާސްތަކާ ކޭކުގެ އެތިކޮޅުތައް ސާފުކުރަން އަހަރެން ހުންނާކަން ޔަގީންވާތީ އިންގޮތަށެވެ.

ރަޖާ ފަތްޖަހާލާފައި މޭޒުމަތީ އެއްކައިރީގައި ބޭއްވީމެވެ. އަދި ކްލާރާގެ ނަމުން ގޮވާލީމެވެ. އޭނާ އާއެކޭ ބުނަމުން ބުންޏެވެ. ކޭކު ފޮތިކޮށްފަ އެންމެނަށް ބަހަމާހެއްޔެވެ.ލިއޯ ބަނޑުހައިވެއްޖެ ކަމަށް ބުނެފިއެވެ.

އަހަރެން އެކަމަށް ދެކޮޅު ހެދީމެވެ. އަދި އަހަރެން ކޭކު ނުފަޅާނެ ކަމަށް ބުނީމެވެ. ކްލާރާ ހައިރާންވި ކަހަލަ އެވެ.އަދި ތިޔަބުނީ ކީކޭތޯ ސުވާލު ކުރިއެވެ. އަހަރެންގެ އަޑު އެވަގުތު ތުރުތުރު ނޭޅީތީ އަހަރެން ހައިރާންވިއެވެ. އަހަރެން ބުނީމެވެ.މަގޭ މަސައްކަތް މިހާހަމައިން މިނިމުނީއެވެ. މިހާހަމައިން ކަލޭމެންގެ ހަޔާތުގައިވާ ”ނުފެންނަ“ މީހާ އަށް ނިމުން އައީއެވެ.އެމީހާ ހުރިހާ ކަމެއް ކޮށްދިނީމަ އެންމެންގެ ލޯތްބާއި ސަމާލުކަން އެހެން މީހަކަށް ދޭތަން ބަލާކަށް ދެންނެތީމެވެ. މިއަދުން ފެށިގެން ”އެވްރީޑޭ ގްރޭންޑްމާ“ ނުފެންނާނެއެވެ.

ބީޓްރިސް އެވަގުތުވެސް ބެލީ އަހަރެން ލަދުގަންނަވާލެވޭތޯއެވެ. ތިޔަހާ ބޮޑަށް ޑްރާމާ ނުކުޅޭށޭ ބުންޏެވެ.އަދި މާހޫނު ގަދައީތޯ ސުވާލު ކުރިއެވެ.

އަހަރެން ބީޓްރިސްއާ ކުރިމަތިލީމެވެ. ތިޔައީ ފަން ގްރޭންޑްމާ ނޫންހެއްޔެވެ.އަހަރެން ބުނީމެވެ. ކުދިން އެހާވަރަށް ކޭކު ކޭމަ މީގެ ގަޑިއެއްހާރުފަހުން ޝުގަރ ކްރޭޝް ވެގެން ދުވަން ފެށީމަ ކަންތައް ކުރަންވީގޮތްވެސް ކަލެއަށް އެގޭނެއެވެ.އަދި މަތީގަ ނުދޮވެވިފަ ހުރީ ދާ އަންނައުނު ފުނިވަރު ދޮންނަންވެސް ކަލެއަށް އެއީ  ބޮޑުކަމަކަށް ނުވާނެ އެވެ. ތިންބުރަށް ލޯންޑްރީ ދޮވެލާ ނިމޭއިރު އެވްރިޑޭ އަކީ ކޮބާކަން ކަލެއަށް ވެސް އެގިދާނެއެވެ.

”އަހަރެން މިއުޅެނީ ކޮނޑަށް ތަދުވާތީ އެވެ.“ ބީޓްރިސް ފާޑެއްގެ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

އަހަރެން ގެއިން ނިކުމެގެން ގޮސް އަހަރެންގެ ކުޑަ ކާރަށް އެރީމެވެ.އެވަގުތު ކްލާރާ ފަހަތުން އައިސް ބުންޏެވެ.ތިޔަހެން އަހަރުމެން ދޫކޮށް ނުދާށެވެ.އަހަރެންގެ ޚާއްސަ މީޓިންގ އެއް މާދަމާ އެބައޮތެވެ. އަހަރެން ބުނީމެވެ. ”ފަން ގްރޭޏްޑްމާ“ ގެނެއްސަ ދާންވީނޫންހެއްޔެވެ.ނޫނީ ހަތް އަހަރުވަންދެން ނޯކަރެއް ނުހޯދާ ސޭވެ ކުރި ލާރިޔަށް ނޯކަރަކު ގެންނާށެވެ.

އަހަރެން ގެޔަށް ދިޔަ ފަހުންވެސް ހުއްޓާނުލާ ކޯލްތައް ދިޔައީ އަންނަމުންނެވެ. އަދި މެސެޖްތައްވެސް ދިޔައީ އޮހެމުންނެވެ. އަނބުރާ ދިއުމަށް އެދިފައެފައެވެ. އަހަރެން ނެތީމަ އެއާއިލާ ”ޤަރަގު“ ވަނީ ކަމަށް ވެސް ބުނެފައި ވެއެވެ. އެއިން އެއްވެސް ކޯލެއް އަހަރެން ނުނަގަމެވެ.އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެމެވެ.

މިއަދު އަހަރެން ހޭލީވެސް ހެނދުނު 8:30 ގައެވެ.އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އަހަރެންގެ ގޭގެ ދޮރުމަތީގައިވާ ކުޑަކުޑަ ފެންޑާ ކޮޅުގައި އަހަރެން މީރު ސައިތައްޓެއް ހިފައިގެން އިށީދެލީމެވެ. އަހަރެން މިއަދު ބަލަން ޖެހޭ ޝެޑިއުލް އެއް ނެތެވެ. ދާން ގަޑިޖެހޭނެ ތަނެއް ނެތެވެ.

މަންމަ ނުވަތަ އެހެންވެސް ފެމިލީ މީހުންނަކީ ”ފްރީ ލޭބަރ“ ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މީހުންނަށް ވާކަށް ނުޖެހޭކަން އެދުވަހު އެނގުނެވެ.އަދި މަންމަ ކޮންމެހެން ނޯކަރުގެ މަގާމަށް ދާކަށް ނުޖެހެއެވެ.

އަހަރެންވެސް އަހަރެންގެ މާމަ ކިޔާ ދެކުދިންދެކެ ވަރަށް ލޯބިވެއެވެ.ނަމަވެސް މިއަދުން ފެށިގެން އަހަރެންމީ އެކުދިންގެ ގޭގައިހުންނަ އެޕްލަޔަންސް ނުވަތަ ”އެއްޗަކަށް“ ވާކަށް ބޭނުމެއް ނޫނެވެ.ގަވާއިދުން ލޯބިން ހުރިހާ ކަމެއް ކޮށްދެމުން އައި މާމަ އެކުދިންވެސް ބޭނުން ނަމަ އެކުދިންޖެހޭނީ ”އެވްރިޑޭ މާމަ“ އަކީ ވެސް ހިތެއް އޮތް، ލޯބިބޭނުންވާ،އިހްތިރާމް ލިބުމަށް އެދޭ އިންސާނެއް ކަން ދަންނާށެވެ.އެވަގުތު އަންނަންދެން އަހަރެން އަމިއްލަ ނަފްސަށް ބޭނުންވެ، ނުކުރެވިހުރި ކަންކަން ކޮށްލަން މަޑުކޮށްލާނީއެވެ. މިހާރު ކުރިޔަށްދާ ފުޓްބޯލަމެޗް  ބަލާލަން ދިއުން ކިހިނެއް ވާނެ ހެއްޔެވެ.  

”ފަން ގްރޭންޑްމާ“ ކުރާނީ އެކަހަލަ ކަންތައް ކަންނޭގެއެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް