މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަން ފެށި ހަނގުރާމައިގާ އެމެރިކާގެ 81 މިލިޓްރީ އެއާރކްރާފްޓް އީރާނުން ވައްޓާލައި ނުވަތަ ހަލާކު ކޮށްލައިފިއެވެ. އޭގެ ތެރޭގައި އެއާރކްރާފްޓާއި ހެލިކޮޕްޓަރާއި އިންޓެލިޖެންސް އާއި ފާރަލުމާއި ހަނގުރާމައިގެ މައިދާނުގެ ހަރަކާތްތަކަށާއި ބަލާ ހޯދުމުގެ ހަރަކާތްތަކަށް ޚާއްސަކުރެވިފައިވާ އެމް-ކިޔޫ 9 މަރުކާގެ ރީޕަރ ޑްރޯންވެސް ހިމެނެއެވެ. ޕެންޓަގަންގެ އެންމެ އަގުބޮޑު މިލިޓްރީ އެސެޓްގެތެރޭގައި ހިމެނޭ އެފް-35 މަރުކާގެ ފައިޓަރޖެޓާއި އީ-3 މަރިކާގެ ސެންޓްރީ އަދި ބޮޑެތި ރާޑަރ ހަރުކުރެވިފައިވާ ހަތަރު އިންޖީނުލީ ޖެޓް ފަހަރުވެސް އެ ލިސްޓުގައި ހިމެނެއެވެ. ތަންކޮޅެއް ކުޑަކޮށްހަލާކުވެފައިވާ ބައެއް އެއާރކްރާފްޓް މަރާމާތު ކޮށްފައިވާ ކަމަށްވެސްޚަބަރުތަކުގައި ބުނެފައި ވެއެވެ.
އެމެރިކާއަށް ގެއްލިގެންދިޔަ އެއާރކްރާފްޓް ތަކުގެ އަގު 3.3 ބިލިއަން ޑޮލަރަށް އަރާކަމަށް އަންދާޒާ ކުރެވިފައިވާއިރު އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެމެރިކާއަށް މިހާތަނަށް ލިބުނު ގެއްލުން މަދުވެގެން 45 ބިލިއަން ޑޮލަރަށް އަރާ ކަމުގައި ސީ އެން އެން އަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައި ވެއެވެ.
އެމެރިކާ މިލިޓްރީއަށް ލިބުނު ގެއްލުންތައް ހާމަކޮށްފައިވަނީ ޑިފެންސް ޑިޕާރޓްމެންޓް އިން ނެރެފައިވާ ބަޔާނެއްގެ މައްޗަށެވެ. އެހެންނަމަވެސް ޑިފެންސް ޑިޕާރޓްމެންޓުގެ ސްޓޭޓްމެންޓްގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިތުބާރު ކުރާނެ ވަރެއް އޮތީ ނޭގުމެއްގެ ތެރޭގައެވެ. ޕެންޓަގަނުން ނެރެފައިވާ ހިސާބުތައްވެސް ދިމާނުވާކަމުގެ ތުހުމަތު ވެސް ދަނީ ކުރެވެމުންނެވެ.
އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ބޭރުގައިވެސް އެމެރިކާގެ ތަސައްވުރު އަންނަނީ ކިލަނބު ވަމުންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް މަރާލެވިފައިވާ އެމެރިކާ ސިފައިންގެ އަދަދު އެކި އަދަދު ކަމުގައި މީޑިއާތަކުން ހާމަކުރަމުންގެންދާތީވެ، ކޯފާވެ ވަޑައިގެންހުންނަވާ މިހާތަނަށްމަރުވި ސިފައިންގެ އަދަދަކީ ހަމައެކަނި 21 ކަމުގައި ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެއްޖެއެވެ. އަދި 800 އަށް ވުރެން ގިނަ ސިފައިން ޒަޚަމް ވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އީރާނުން ބުނަމުންގެންދާ އަދަދަކީ ކަނޑައެޅިގެން ދޮގެއްކަމަށް ހެގްސެތު ވިދާޅުވިއެވެ.
![]()
