އޭޝިޔާގެ އެންމެ މުއްސަނދި މަހުޖަނު،ބިލިއަނަރު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު ބިލިއަނަރު އަނަންތު އަމްބާނީގެ ސޫރަ ނުވަތަ ބުދު ހިމަނައިގެން ވަރަށް އަގުބޮޑު އަތުކުރީ ގަޑިއެއް ހަދައި އިންޑިޔާގައި ”އަންވެއިލް“ ކޮށްފިއެވެ.
ލަގްޒަރީ އަތުކުރީގަޑި އުފައްދާ ކުންފުނި ”ޖޭކަބް އެންޑް ކޯ“ އިން ހަދާ ނެރުނު އަތުކުރީ ގަޑީގައި ގިނަ އަދަދަކަށް ޖަވާހިރު ޖަހާފައިވާއިރު،އަނަންތު އަމްބާނީގެ ސޫރައިގެ އިތުރުން އެތަކާއި ބެންގޯލީ ޓައިގަރަކާއި ލަޔަން އެއްގެ ސޫރަވެސް ހިމަނާފައި ވެއެވެ. އަނަންތު އަމްބާނީ އިންނަނީ ގަޑީގެ މެދުގައި ގޮޑިއެއްގައި އިށީދެގެންނެވެ.
އަމްބާނީ އާއިލާއިން ހިންގަމުންގެންދާ ޕްރައިޓް ޒޫ ”ވަންތާރާ“ ގެ ތީމަށް އުފައްދާފައިވާ ގަޑީގެ އަގު، ޖޭކަބް އެންޑް ކޯގެ ފަރާތުން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް އިންޑަސްޓްރީގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކޮށްފައިވާ ގޮތުގައި މިގަޑީގެ އަގު 1.5މިލިއަން ޑޮލަރަށް އަރާނެއެވެ.
އަމްބާނީ އާއިލާއިން ހިންގަމުންގެންދާ ޕްރައިޓް ޒޫ ”ވަންތާރާ“ ގައި އެތާއި ”ލަޔަން“ އަދި ”ޓައިގާ“ ހިމެނޭ ގޮތުން ދެހާހަށް ވުރެގިނަ ވައްތަރުގެ ޖަނަވާރަށް ދަނީ ހިމާޔަތް ދެމުންނެވެ. 3،500 އޭކަރުގެ މިބޮޑު ޒޫ ހަދާފައިވަނީ ޖާމް ނަގަރުގައި ގާއިމް ކޮށްފައިވާ މުކޭޝް އަމްބާނީގެ އޮއިލް ރިފައިނަރީއާ މާދުރުނޫން ހިސާބެއްގައެވެ.
އާމްބާނީގެ ޕްރައިވެޓް ޒޫ ”ވަންތާރާ“ ހުޅުވާދެއްވާފައިވަނީ މިދިޔަ އަހަރުގެ މާޗްމަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
މުކޭޝް އަމްބާނީގެ ދަރިފުޅު ބިލިއަނަރު އަނަންތު އަމްބާނީއާއި ރާދިކާ މާޗަންޓްގެ ކައިވެނީގެ ކުރިން ބޭއްވި ބައެއް ހަރަކާތްތައް ބާއްވާފައިވަނީ ވެސް ”ވަންތާރާ“ ގައެވެ. މިއިވެންޓް ތަކުގައި ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ މީހުން ބައިވެރިވެފައި ވެއެވެ.
ގަޑި ”އަންވެއިލް“ ކުރަމުން ނެރުނު ސޯޝަލްމީޑިޔާ ޕޯސްޓެއްގައި ”ޖޭކަބް އެންޑް ކޯ“ އިން ބުނެފައިވަނީ އެކުންފުނިން އަލަށް އުފެއްދި ލަގްޒަރީ އަތުކުރީ ގަޑިއަކީ ”ވަންތާރާ“ ޒުލުގައި ކުރާބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ނެރުނު ގަޑިއެއް ކަމުގައެވެ. އަދި ގަޑީގެ މެދުގައި އަނަންތު އަމްބާނީގެ ބުދެއް ބައިންދާފައިވަނީ ”ވަންތާރާ“ ހިންގުމަށް އަނާންތު ކުރާ ބުރަމަސައްކަތާއި އޭނާގެ ލީޑަރޝިޕް ފާހަގަ ކުރުމުގެ ގޮތުން ކަމުގައެވެ. އަލަށް އުފެއްދި އަތުކުރީ ގަޑިގައި ޑައެމަންޑާއި ގްރީންސަފާޔާ އަދި ގާނެޓްފަދަ އަގުބޮޑު 397ޖަވާހިރު ހިމަނާފައިވާ ކަމަށް ”ޖޭކަބް އެންޑް ކޯ“ އިން ބުނެފައި ވެއެވެ.
އަލަށް އުފެއްދި ގަޑި އަދި ބާޒާރަށް ވިއްކަން ނުނެރޭ ކަމަށް ވެއެވެ.
![]()
