ފަލަސްތީނުގެ ޣައްޒާގެ އިރުމަތީ އަވަށުގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދީފައިވާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ އިރުމަތީ އަވަށުގެ އަލް ތޫފާހް އަވަށުގެ ސްކޫލަކަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި އަންހެނަކު ހިމެނޭހެން ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.
އަލްޖަޒީރާއާ ހަވާލާދީ ލޯކަލް މަސްދަރުތަކުން ބުނި ގޮތުގައި، ހަމަލާ ދިން އިރު އެ ސްކޫލަކީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ސްކޫލެކެވެ. ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެ ހާދިސާގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ހަށިގަނޑުތައް ވަނީ މެދުތެރޭ ޣައްޒާގެ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
މަންޒަރު ދުށް މީހުން ތުރުކީގެ އަނަޑޯލޫ އެޖެންސީއަށް ބުނީ އިސްރާއީލުން އެ ސްކޫލާ ކައިރިއަށް ގޮސް ދިން ބޮމުގެ ހަމަލާގައި އާންމުން 6 މީހަކު ޝަހީދުވެ 4 މީހަކު ޒަހަމްވި ކަމަށެވެ.
އެމީހުން އިތުރަށް ބުނީ އިސްރާއީލުގެ ސިފައިން ރެސްކިއު އާއި ސިވިލް ޑިފެންސް ޓީމުތައް އެތަނަށް ވަނަނުދީ އިތުރު ދެ ގަޑިއިރަށް ވުރެ ގިނައިރު ހުއްޓުވާފައިވާ ކަމަށެވެ. އެހެންކަމުން އެ ހާދިސާގައި ޒަހަމް ވެފައިވާ މީހުން ނެރުން ލަސްވި ކަމަށެވެ.
އެ ހާދިސާގައި ޝަހީދުވީ މީހުންގެ އަދަދު ގިނަވުމަށް މެދުވެރިވީ އެ ސްކޫލުގައި ބާއްވަމުން ދިޔަ ކައިވެނީގެ ހަފްލާއަކާ ހަމަލާ އަމާޒުވުމުންނެވެ.
![]()
