ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ބަންދުކުރި ވިޔަފާރިތަކުގެ އަދާހަމަ ހިއްސާކޮށްފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް ލިބިފައި ވާއިރު އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައެވެ.
އޭގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކުރި އިރު، މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި 12 ވިޔަފާރިއަކާ އެކު ޖުމްލަ 74 ވިޔަފާރިއެއް ވަނީ އެ މުއްދަތުގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް އެ އަދާހަމަތަކުން ދައްކައެވެ.
މީގެއިތުރުން އެ އަދާހަމަތަކުން ދައްކާގޮތުގައި އެ މުއްދަތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަ ދިނީ އެންމެ 8 ވިޔަފާރިއެކެވެ.
![]()
