މަސްވެރިންނަށް ކިޔޫގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް، އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.
އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.
”މަސްކިރާ“ގެ ނަމުގައި އިފުތިތާޙުކުރި މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް އަދި އެނޫންވެސް ގިނަ ފަސޭހަތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.
މި އެޕުން މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކޮށް، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
އަދި މީގެ ކުރިން އެ ދޯންޏަކުން މަސްކިރުވި އަދަދުތަކާއި ތަފާސްހިސާބުތައްވެސް ބަލާލެވޭނެއެވެ.
މީގެ އިތުރުން މަސްކިރުން ފިޔަވާ އިތުރު ޚިދުމަތްތައް ބޭނުންވާނަމަ، އެ ޚިދުމަތްތައްވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
އޭގެތެރޭގައި ތެޔޮ، ފެން އަދި އައިސް ފަދަ ޚިދުމަތްތަކަށް އެ އެޕްލިކޭޝަނުން އެދެވޭނެއެވެ.
![]()
