ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަދީފިއެވެ.
މިކަންހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ.
މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ކުންފުނިން ރަސްމީކޮށް ހުށަހެޅި އެޕްލިކޭޝަނަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ. 2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މިނިސްޓްރީން ބުނީ 790 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި މުހިންމު ކުރިއެރުމެއް ކަމަށާއި އެއީ ފަތުރުވެރިކަމަށް އެކަނި ބިނާކޮށްފައިވާ އާދައިގެ މޮޑެލްތަކުން އެއްކިބާވެ، މުސްތަގުބަލަށް އަމާޒުކޮށްފައިވާ، އެކި ސިނާއަތްތަކަށް ނިސްބަތްވާ ތަރައްގީތައް ގެނައުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
މި ޓައުންޝިޕްގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ ކަމަށާއި އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައްވެސް މި ޓައުންޝިޕްގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”އޭގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނޭ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނޭ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫޢަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.
މިނިސްޓްރީން ބުނީ މިއީ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސް، ގައުމީ ތަރައްގީގެ ފުޅާ މަގުސަދުތަކަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެއް ކަމަށެވެ.
![]()
