އިންޑޮނީޝިއާގެ ސުމަޓްރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 914 މީހުން މަރުވެއްޖެއެވެ.
އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީ (ބީއެންޕީބީ) އިން ވަނީ އިންޑޮނީޝިއާގެ ސުމަޓްރާގެ ތިން ޕްރޮވިންސެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 914 މީހުން މަރުވެފައިވާކަން ހާމަކޮށްފައެވެ.
ބީއެންޕީބީގެ ޑޭޓާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ސެންޓަރުގެ ވެރިޔާ އަބްދުލް މުހާރީ ވިދާޅުވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 914 އަށް އަރާފައި ކަމަށެވެ.
”އަޗޭ އިން 359 މީހުން މަރުވެފައިވާއިރު، ނޯތު ސުމަޓްރާއިން 329 މީހުން މަރުވެފައިވާއިރު، ވެސްޓް ސުމަޓްރާއިން 226 މީހުން ވަނީ މަރުވެފައި“ އޭނާ ވިދާޅުވިއެވެ.
މުހާރީ ވިދާޅުވި ގޮތުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ވަރުގަދަ ކުރަމުންނެވެ.
”ސާޗް އެންޑް ރެސްކިއު ޓީމުން އެންމެ ފަހުން ނެރުނު ލިސްޓުން ދައްކާ ގޮތުގައި އެ ތިން ޕްރޮވިންސުން 389 މީހަކު އަދިވެސް ވަނީ ގެއްލިފަ“ މުހާރީ ވިދާޅުވިއެވެ.
މީގެ އިތުރުން މުހާރީ ވިދާޅުވީ ކުރިން ގެއްލިފައިވާ ބައެއް މީހުން ފެނިފައި ވާތީ ނުވަތަ ރައްކާތެރި ކަމަށް ރިޕޯޓް ކޮށްފައި ވާތީ އެ ޑޭޓާތައްވެސް އަޕްޑޭޓް ކުރަމުން އަންނަ ކަމަށެވެ.
![]()

One Response
ސުބުޙާނައްﷲ. ޙާލަތު ބަދަލުކުރައްވައި އަމާންކަން ލިބިދެއްވާން ދޭވެ! އާމީން،