ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާންމުން ސަމާލުވާން އެދިއްޖެއެވެ.
އެ ކޯޕަރޭޝަނުން ރޭ ބުނީ ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ.
”އިސްލާމްދީނުގެ މާތް އަޅުކަމަކާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން މިދާ ކަންކަމަކީ މި ކޯޕަރޭޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ފާހަގަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ“ އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މިގޮތުން ހައްޖު ކޯޕަރޭޝަންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި، ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް ވަނީ ޢިލްތިމާސް ކޮށްފައެވެ.
![]()
