ލަންކާއަށް މިހާރު ކުރަމުން އަންނަ ބޯވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެއެވެ.
މިގޮތަށް އެދިފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ.
އަދި އެ ހާލަތު ކުރިމަތިވެފައި ވާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށް ދިވެހި އެމްބަސީން ބުނެފައި ވެއެވެ.
ދިވެހި އެމްބަސީން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ކޯރުތައް ފުރިގެން ބަންޑުންވާ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާތީ، ބިންގަނޑުތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބިން ތިރި ސަރަހައްދުތަކާއި މޫދާއި ކައިރި ސަރަހައްދުތަކުގައި އުޅޭ ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
![]()
