ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި

Loading

Facebook
Twitter
WhatsApp
މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ

މިއަދުގެ ހުތުބާގައި ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަމަށް ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ފާހިޝް އަމަލުތަކާއި ދުރުހެލިވުން“ މިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރުން އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައި ކަަމަށެވެ.

”لَمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَمْ تَكُنْ مَضَتْ فِيْ أَسْلَافِهِمُ الَّذِيْنَ مَضَوْا‏) މާނައީ: ބައެއްގެ ތެރޭގައި ފާޙިޝް ކަންތައްތައް ފެތުރި ފާޅުވެ، އެ ބަޔަކު އެ ކަން ޢާއްމުކޮށްފި ނަމަ، އިސްވެދިޔަ އެ މީހުންގެ ކާބަފައިންގެ މެދުގައި ފެތުރިފައިނުވާ ޠާޢޫނު ބައްޔާއި ކެކުޅުންތައް އެބައިމީހުންގެ ތެރޭގައި ފެތުރޭ ހުއްޓެވެ“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އެ ފަދަ ވަބާތައް ފެތުރެނީ އެބައިމީހުންގެ ފާޙިޝް ޢަމަލުތަކުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށް ޓަކައި ކަމަށެވެ.

”ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. الله ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.“ މާތް ﷲ ވަހީ ކުރައްވާފައިވާ ކަަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މިއަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށެވެ. މިގޮތުން ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށް އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ މުޖުތަމައުގެ އެންމެހައި އަފުރާދުންނަށް އެއިން ލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަން ހަނދާންކޮށްދީފައެވެ.

ޝަރުޢީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިޔާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާންޖެހޭކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް