ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު ކަަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުޠުބާގެ މަައުލޫއަކީ ”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މިއެވެ.
ހުޠުބާގައި ބުނީ މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒު ކަމަށެވެ.
”ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.“ މާތް ﷲ ވަހީ ކުރެެއްވި ބަސްފުޅެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”(رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُوْدُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ) މާނައީ: ”ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ، (اللهގެ މަގުގައި) ޖިހާދުކުރުމެވެ.“ ރަސޫލާ ހަދީސްކުރެެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުޠުބާގައި ބުނީ ނަމާދަކީ ލޮލުގެ ފިނިކަމެއްކަމުގައި ލައްވައި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ލައްވައިފައިވާ ކަމަށެވެ.
”މުސްލިމް އަޚުންނޭވެ! ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ.“ ހުޠުބާގައި ބުނެފައި ވެއެވެ.
”ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ.“ ހުތުބާގައި ބުނެފައި ވެެއެވެ.
ނަމާދަކީ އެކަމެއްގެ ސަބަބުން ކުދި ފާފަތައް ފިއްލަވައި ދަރަޖަތައް އުފުލިގެންދާނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގަައި ވަނީ ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެއް ކަމަށާއި އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ހަނދާންކޮށްދީފައެވެ.
![]()
