ކުޅުދުއްފުށީ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ..
މިވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢު ނިމުމާއެކު ކުޅުދުއްފުށި ސިޓީއާއި ހދ. އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.
މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.
ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
![]()
