އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސްގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ.

ރައީސްގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީ އެވެ.

އަދި އައްޑުއަތޮޅު މީދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ރައީސް ނިންމެވީ އައްޑުއަތޮޅު މީދޫގެ ރައްޔިތުން ނިންމާފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިޞްލާޙުކުރައްވައި މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމުގައި ކަނޑައަޅައި، ”އައްޑޫ ސިޓީ“ ގައި ހިމެނޭނީ އައްޑުއަތޮޅު ”ހިތަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫ“ އާއި، އައްޑުއަތޮޅު ”މަރަދޫފޭދޫ“ އާއި، އައްޑުއަތޮޅު ”ފޭދޫ“ ކަމަށާއި، ”އައްޑޫ“ ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް ”ހުޅުދޫ“ އާއި ”މީދޫ“ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

މި އިޞްލާޙާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިތުރުކޮށްފައެވެ.

އަދި ”އައްޑޫ“ އަކީ ”އައްޑޫ ސިޓީ“ ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ކަމުގައި ބަޔާންކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް