އަހަރެންގެ މަންމަ އަހަރެން އެކަނި އެއާޕޯޓަށް ދޫކޮށްލާފަދިއުމުން…

Loading

Facebook
Twitter
WhatsApp

އަހަރެންގެ މަންމަ އަހަރެން އެކަނި އެއާޕޯޓަށް ދޫކޮށްލާފަ ދޮންބައްޕައާއި އޭނާގެ ދެދަރިންނާއެކު ޗުއްޓީ ދަތުރެއްގައި ފުރައިގެން ދިޔައެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ ހަތް  އަހަރެވެ.

އެދުވަހު އެއާޕޯޓަށް ދިޔައީ އެންމެން އެއްކޮންނެވެ. އަހަރެންވެސް ހުރީ އަލަށް ޗުއްޓީ އެއްގައި އެހެން ގައުމަކަށް ދެވޭތީ ވަރަށް އުފަލުންނެވެ. ރީތިކޮން ނަލަ ހެދިގެން، އަތުގަ އޮންނަ ޕާޕަލް ކުލައިގެ ބެކްޕެކް އަޅައިގެން އަހަރެން ތައްޔާރުވެގެންހުރީމެވެ. ދަތުރުގައިދަނީ އަހަރެންނާއި މަންމައާއި ދޮންބައްޕަ އަދި ދޮންބައްޕަގެ ދެފިރިހެން ކުދިންނެވެ.

އެއާޕޯޓަށް ގޮސް ތަނަކު ހަމަޖެހިލުމަށްފަހު މަންމަ އަހަރެން ކައިރީގައި ބުންޏެވެ.“މިތާ މަޑުކޮށްލާށެވެ. ބޯޓަށް އެރުމުގެ ކުރިން ކޮފީއެއް ލިބޭތޯ ބަލާފަ އެބަ އަންނަމެވެ.ދޮންބައްޕަވީ އެދެކުދިން ފާހާނާއަށް ދާންވެގެން ބުނީމަ ގޮހެވެ.“

މަންމަ ދިއުމަށްފަހު ތިރީސް މިނިޓް ވީއިރުވެސް ނާދެއެވެ.އަހަރެންގެ ގޮޑީގަ ރަގަޅަށް އިށީނދެ،ދެފައި ތަޅުވާލަ ތަޅުވާލާ އިނީމެވެ. މަންމަ ނައިސްގެން ހާސްވެ ކަންބޮޑުވާން ފެށުމުންނެވެ.  

އިރުކޮޅަކުން އެތާހުރިބޯޑަކަށް ”15 މިނިޓް ތެރޭ ބޯޑް ކުރައްވަންފައްޓަވާ“ މިހެން އަރައިފިއެވެ.އަހަރެންގެ ބޯޑިންގ ކާޑު އަހަރެންގެ އަތަށް ދީފައި އޮތުމާއެކު ބަލާލިއިރު މީހުން އަރުވަން ފައްތަން އެއުޅެނީ އަހަރުމެން އަރަންޖެހޭ ފްލައިޓަށެވެ.

އަހަރެން ކަންބޮޑުވެގެން މަންމަޔަށް ގުޅީމެވެ.ހަތަރުފަސް ފަހަރު ރިންގު ވީފަހުން ފޯނު ނެގިއެވެ. ފަހަތުން މިޔުޒިކާއި ހުނުމުގެ އަޑު އިވެމުން ދެއެވެ. މަންމަގެ އަޑު އިވުމުން އަހަރެން ބުނީމެވެ.“ތިހުރީ ކޮންތާކުހެއްޔެވެ.އަހަރުމެންގެ ބޯޓަށް އަރަން ގޮވަން އެބަ އުޅެއެވެ.“ އަހަރެން މިހެން ބުނުމުން އިރުކޮޅެއްގެ މެދުކެނޑުމަކަށްފަހު، އަހަރެން މީގެ ކުރިން ނާހާ، ވަރަށް ހަރުކަށި އަޑަކުން މަންމަ ބުނާއަޑު އިވުނެވެ. ”ލިއާ އެވެ. މިބުނާ އެއްޗެއް ރަގަޅަށް އަޑުއަހާށެވެ.ލިޔާ މިދަތުރުގައި އަހަރުމެންނާއެކު ނުދާނެއެވެ.“ އަހަރެންނަށް ލިބުނު ޝޮކް ބުނާކަށްވެސް ނޭގެއެވެ. ”ކީކޭ؟ އަހަރެން މިހުރީ އެއާޕޯޓަށް އައިސް ނޫންހެއްޔެވެ.އަހަރެންގެ ޓިކެޓް ވެސް އެބައޮތެއް ނޫންހެއްޔެވެ.“އަހަރެން ވަރަށް ހިއްވަރު ކޮށްފައި ބުނީމެވެ. ”ކަލޭ މިދަތުރަކު ނުދާނެއެވެ.“ މަންމަ އަނެއްކާވެސް ބުންޏެވެ.“ދޮންބައްޕަ ބޭނުން ވަނީ މިދަތުރު ހަމައެކަނި ނިއު ފެމިލީ ދާށެވެ. ކޮންމެވެސް ގޮތަކުން ކަލޭ ދެން ގެޔަށް ދާށެވެ“ މަންމަ މިހެން ބުނުމުން އަހަރެން އެއްކޮށް ހުއްޓުނެވެ.އަދި ބުނީމެވެ. ”އަހަރެންމީ 7 އަހަރުގެ ކުޑަކުއްޖެއްކަން މަންމަ ހަނދާން ނެތުނީ ހެއްޔެވެ.“ ފަހަތުން ދޮންބައްޕަ ބުނާ އަޑު އިވުނެވެ. ”ބައެއް ކުދިން އުމުރަށް ވުރެ އަވަހަށް ބޮޑުވާން ޖެހެއެވެ. އޭނަ ގޮތެއް ހޯދާނެއެވެ.“ މިހެން ބުނުމުން އޭނާގެ ދެދަރިން މަލާމާތްކޮށްފަ ހީގަތް އަޑުވެސް އިވުނެވެ.އަދި އެމީހުން އަހަރެންނަށް ކިޔާ ނަން ”ބެގެޖް“ ނުލާ އެންމެ ފަހުން ޗުއްޓީ އަކަށް އެބަ ނައްޓާލެވޭ ދޯ އޭ ބުންޏެވެ.

އަހަރެން މަންމަޔަށް އާދޭސް ކުރަން ފެށީމެވެ. ”މަންމާ ޕްލީޒް އެވެ.ތިޔަހެން ނުހަދާށެވެ“

މަންމަ ދެން ބުނި ޖުމުލައިން، ބާރަށް ކަންފަތް މަތީގަ ޖެހުމުން ކުރާ އަސަރު އަހަރެންނަށް ކުރިއެވެ. ”ތިޔަހާބޮޑަށް ހަމްދަރުދީ ހޯދަން ނޫޅޭށެވެ.ކޮންމެސް ގޮތަކުން ގެޔަށް ދާށެވެ.ކަލެޔަށް ދާން އެނގޭނެއެވެ.“ މިހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.

އިރުކޮޅަކުން މީހުންގަޑު ކުރިޔަށް ދާން ފެށިއެވެ. ބެގެޖްތައް ކޮއްޕަމުން ކުދިން އަތުގަ ހިފައިގެންނެވެ. ބައެއް ކުޑަކުދިން ރޮއެވެ.އެކަމަކު އަހަރެން އިނީ އިންތަނުން ގުޑިލަންވެސް ނޭގިފައެވެ.އަހަރެންގެ ޓިކެޓް އަހަރެންގެ އަތުގައި ބޮނޑިބޮނޑި ވެފައި އޮތެވެ.

އަހަރުމެން އަރަންވީ ބޯޓަށް ހުޅުވާލި ގޭޓް ބަންދު ކުރިތަން ފެނުމާއި އެކު އަހަރެންނަށް ރޯން ފެށުނެވެ. ރޮމުން ރޮމުން ގޮސް އިން ގޮޑީގައި ގުޅަޔަކަށް ކަހަލަ ގޮތަކަށް އޮޓޯވެވިއްޖެއެވެ. އަހަރެން ގެއްލުނީކީނޫނެވެ. އަހަރެން ދޫކޮށްލާފަ ދިޔައީއެވެ. އަހަރެންނަށް މަޑުމަޑުން ކިޔެމުން ދިޔައެވެ.  

އޭގެ ވިހި މިނިޓްފަހުން އެއާޕޯޓް ސެކިއުރިޓީ އޮފިސަރުންގެ ސަމާލު ކަމަށް އަހަރެން އަތުވެއްޖެއެވެ.އެމީހުން ހީކުރީ އަހަރެންނަކީ ދާންވީ ދިމާނޭގިގެން އުޅޭ ކުއްޖެއް ކަމުގައެވެ.އޭރު އަހަރެންގެ ދެލޯވަނީ ގިނަ އިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ.

އެމީހުން ކައިރީވެސް އަހަރެން ބުނީމެވެ. އަހަރެން ގެއްލުނީކީނޫނެވެ. އަހަރެން ދޫކޮށްލާފަ ދިޔައީއެވެ.އަހަރެންގެ މަންމަ އަހަރެން ދޫކޮށްލާފަ ދިޔައީއެވެ. އަހަރެން މިހެން ބުނުމުން އެމީހުން ފުރަތަމަ ގަބޫލެއް ނުކުރެއެވެ. ގަބޫލު ކުރާނީ ކާކުހެއްޔެވެ.

އިރުކޮޅަކުން އަހަރެން ގެންދިޔައީ ފެމިލީ ސަރވިސް ރޫމް ކިޔާ ތަނަކަށެވެ.ވަރަށް އަލިކޮށްފައިވާ ތަނެކެވެ.އެތަނުގައި ފާޑުފާޑުގެ ކުޅޭ އެއްޗިއްސާ ކުޅޭ ޖަނަވާރުތައް ވެސްހުއްޓެވެ. އެތަނުން އަހަރެންނާ ވާހަކަދެއްކީ ވަރަށް އޯގާތެރި ދައްތައެކެވެ. އޭނާ އައިސް އަހަރެން ކައިރީ އުޑަފައިން އިށީނުމަށްފަހު ވާހަކަ ދެއްކިއެވެ. ”މަންމަ ފިޔަވާ އަހަރުންނަށް ގުޅާލެވޭނެ މީހެއްގެ ނަމްބަރެއް އެބައޮތް ހެއްޔެވެ؟“ އެދައްތަ އެހިއެވެ.

މަންމަ އަހަރެންނަށް ކިޔާދެނީ ބައްޕަ އަހަރެން ދެކެ ލޯބިނުވާ ކަމުގައެވެ.އަޅާލަން ބޭނުން ނޫން ކަމުގައެވެ.ބައްޕަ ބޭނުންވީ މުއްސަނދިވާން ކަމަށާ ފެމިލީ ބޭނުން ނޫންކަމުގައެވެ. އަދި ބައްޕަ ހަމަ އެއްދުވަހު ކުއްލިއަކަށް އަހަރުމެން ދޫކޮށްލާފަ ދިޔައީ ކަމަށް މަންމަ އެތައްފަހަރަކު ކިޔާދީފައިވެއެވެ.

ނަމަވެސް އަހަރެން އެވާހަކަތައް ގަބޫލެއް ނުކުރަމެވެ. ގެއިން ފެނުނު އެޑްރެސް ފޮތަކުން ބައްޕަގެ ފޯނު ނަމްބަރު އަހަރެން ވަނީ ހިތުދަސް ކޮށްފައެވެ.

ބައްޕަގެ ނަމްބަރު އެއާޕޯޓް ސެކިއުރިޓީ ދައްތައަށް ކިޔާދިން އިރު އަހަރެންގެ އަޑާ އަތާ ތުރުތުރު އަޅައެވެ.

ސެކިއުރިޓީ މީހުން ބައްޕަ ނަމްބަރަށް ގުޅާލައިގެން ތިއްބެވެ. އޭރު ބައްޕަ ހުންނަ ރަށަށް ވާނީ ވަރަށް ދަންވަރުގެ ގަޑިއަކަށެވެ. ހަތަރުވަނަ ރިންގުން ބައްޕަގެ އަޑު އިވުނެވެ.ހަލޯ ބުނުމަށްފަހު އަމިއްލަ ނަން ބުނެލިއެވެ. އެވަގުތު ސެކިއުރިޓީ ދައްތަ އަހަރެން އަތަށް ފޯނު ދިނެވެ. އަހަރެން ތުރުތުރުއަޅާ އަޑަކުން ހަލޯ ކިޔާލުމުން ބައްޕަ ހައިރާން ވިއެވެ.އަދި ލިއާ،ލިޔާ މިހެން ދެފަހަރަކަށް އަހަރެންގެ ނަން ކިޔާލިއެވެ.އަދި ތިޔައީ އަސްލުގައިވެސް ލިޔާ ތޯ ސުވާލުކުރިއެވެ.

އަހަރެން އެވަގުތު ބުނީމެވެ. ”މަންމަ އަހަރެން އެކަނި އެއާޕޯޓްގައި ބަހައްޓާފަ ޗުއްޓީ އަކަށް ފުރައިގެން ހިނގައްޖެއެވެ.“

ކުދަ އިރުކޮޅެއް ވުމަށްފަހު ބައްޕަގެ އަޑުން ދެން އިވުނު ހަމަޖެހުން އަހަރެންގެ ކަންފަތުގައި ޖެހުމުން އަހަރެންނަށްވެސް ހަމަޖެހުން ގެނުވިއެވެ. ”ދަރިފުޅު ތިޔަ ހުރި ތަނުގައި މަޑުކުރާށެވެ.ބައްޕަ ދަރިފުޅުބަލާ މިދަނީއެވެ.ދެން ފޯނު ބޮޑު މީހެއްގެ އަތަށް ދޭށެވެ.“ ސެކިއުރިޓީ ދައްތަ ފޯނު އަތުލުމަށްފަހު ކުއްލިއަކަށް މާ އިހުތިރާމް އާއިއެކު ވާހަކަ ދައްކަން ފެށިއެވެ.ސަރ ކިޔާފައެވެ.އަހަރެން ސޭފް ކަމަށާ ބައްޕަ ޕްރައިވެޓް ޖެޓްގަ އަހަރެން ބަލާ އަންނަންދެން އެމީހުން ގާތު ބައިންދާނެ ކަމަށް ބުންނެވެ.

ޕްރައިޓް ޖެޓްގަނަމަވެސް ބައްއަށް އާދެވުނީ ތިންގަޑިއިރު ފަހުންނެވެ. ހުރި ހިސާބު ދުރު ކަމުންނެވެ.

ބައްޕަ އަހަރެންނަށް ފެނުނު އިރު ހުރީ އެހެންވެސް ބައްޕަ އަކު ހުންނާނެ ގޮތަށެވެ.ދެރަވެފަ، ހާސްވެފަ ކަންބޮޑުވެފައެވެ. އަދި ވަރުބަލިވެފައެވެ. އައިގޮތަށް އައިސް ކަކޫ މައްޗަށް ތިރިވެފަ އަހަރެންގައިގަ ބައްދާލިއެވެ. އަދި ބުންޏެވެ. ބައްޕަޔަށް މައާފް ކުރާށެވެ.ބައްޕަ އަތުން ދެން ދަރިފުޅު އެކަކަށްވެސް ނުގެންދެވޭނެއެވެ.“

ޕްރައިވެޓް ޖެޓްގައި ބައްޕަގެ ގެޔަށް ދިއުމަށް ދަތުރު ކުރަމުން ދިޔައިރު ބައްޕަ އަހަރެންނަށް ހުރިހާ ވާހަކަ އެއް ކިޔާ ދިނެވެ. މަންމަ ބައްޕަޔަށް ނާންގާ އެހެން ތަނަކަށް ބަދަލުވީ ކަމަށް ބުންޏެވެ.އަދި ޗައިލްޑް ސަޕޯޓް އަށްދޭ ފައިސާގެ ބޭނުމުގައި އަހަރެން ހޯދުމަށްޓަކައި ކޯޓުގައިވެސް މަންމަ ދޮގުހެދިކަމަށް ބައްޕަ ބުންޏެވެ.ބައްޕައަކީ ނުރައްކާތެރި މީހެން ކަމަށް ބުނަމުންނެވެ.

ބައްޕަގެ ގޭގައި އަހަރެންނަށް ޚާއްސަ ކޮޓަރިއެއްހާފައި ހުންނަކަމަށް ބައްޕަ ބުންޏެވެ. އަދި އަހަރެން ބޮޑުވާ ވަރަކަށް އަހަރެން ބޭނުން ވާނެ ބަދަލުތައް ކަމަށް ބައްޕައަށް ހީވާ ބަދަލުތައް ކޮޓަރިއަށް ގެންނަމުން ދާކަމަށް ބައްޕަ ކިޔާދިނެވެ. ކޮޓަރީގައި ބަހައްޓާ ކުޅޭ އެއްޗިއްސާ ފޮތާ މިފަދަ ތަކެތިވެސް އައީ އުމުރާ އެއްވަރަށް ބަދަލު ކުރަމުން ކަމަށް ބުންޏެވެ.ދަރިފުޅަށް އިންތިޒާރު ކުރުން ދޫކޮށް ނުލާކަމަށާ ނަމަވެސް ބައްޕައަށް ދަރިފުޅާ ގުޅާނެ ގޮތެއް ނޭގުނީ ކަމަށް ބުންޏެވެ.

އެރޭ އަހަރެންނަށް ފުރަތަމަ ފަހަރު އަރާމު ނިންޖެއް ލިބުނެވެ.

ބައްޕަގެ ގޭގައިވަނީ ހަމައެކަނި ފާރުތަކާ ފަރުނީޗަރެއް ނޫނެވެ.އެގޭގައިވާ އެންމެ ބޮޑުއެއްޗަކީ ހިމޭން ކަމެވެ.ހަޅޭއްލަވާ އަޑެއް ނީވެއެވެ.ބިރުގަންނަންޖެހޭ ކަމެއްނެތެވެ.މީހަކަށް އުދަގޫ ވެދާނެތީ ބިސްތޮށިމަތީ ހިނގާހެން ހިނގާކަށް ނުޖެހެވެ.

އެގެޔަށް ގޮސް ފުރަތަމަ ދުވަހުގެ ހެނދުނު ބައްޕަ އަތުން އަހަރެންނަށް ޕޭން ކޭކް ހަދާދިނެވެ.ހިތުގެ ބައްޓަމަށެވެ. ޕޭންކޭކް ކަމުން ދިޔައިރު އަތަށް ސިރަޕް އެޅުމުން ދެމީހުނަށް ހޭން ފެށުނެވެ. ފުރަތަމަ ފަހަރަށް މިނިވަންކަމާއެކު އަހަރެންނަށް ހީގަނެވުނެވެ.

މަންމަ ދަތުރުން އެނބުރި އައި އިރު އަހަރެންގެ އެއްޗެތި ވަނީ އެގެއިން ބައްޕަގެ ގެޔަށް ބަދަލު ކޮށްފައެވެ.އަދި ކޯޓަށް ދާން އޮތް އަމުރެއް އޮތެވެ. ކޯޓުން އެދެމީހުން ހައްޔަރުކުރުމުގެ އަމުރުވެސް ވަނީ ނެރެފައެވެ.  

ބައްޕަގެ ޓީމުން ވަނީ މަންމަ އެދުވަހު އަހަރެންނަށް ކުރި ފޯންކޯލް ގެ ރިކޯޑިންގ އަޑު އިއްވާފައެވެ. ހަތް އަހަރުގެ ކުއްޖެއް ކައިރީ އެއާޕޯޓުން އެކަނި ގެޔަށްދާށޭ މަންމަ ބުނި އަޑު ކޯޓުތެރޭ ގުގުމައިގެން ދިއުމުން ފަޑިޔާރުވެސް ރުޅިއައިސް މޫނުމަތި ހަރުކޮށްލި ކަހަލައެވެ.

އެދުވަހަކީ އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ ދުވަހެވެ. ބައްޕައަށް ވަނީ އަހަރެންގެ ފުލް ކަސްޓަޑީ ލިބިފައެވެ. އަހަރެން އެދުވަހުން ފެށިގެން އުޅެނީ ބައްޕައާއެކީ ބައްޕަގެ މުއްސަނދި ދުނިޔޭގައެވެ. ނަމަވެސް އަދިވެސް ކުރީގެ ކަޅު ދުވަސްތައް އަހަރެންނަށް ނިދާގަޑީގައި ތުރާ ކުރެއެވެ. މިކަމާ ބައްޕަ އަހަރެން ނަފްސާނީ ޑޮކްޓަރެއް ކައިރިޔަށް ތެރަޕީޔަށް ގެންދިޔައެވެ.އެކަމުން އަހަރެންނަށް ފައިދާތެކެއް ކުރިއެވެ.

ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އަހަރެން ބޮޑުވެ، އަމިއްލަ އާއިލާއެއް ފެށުމަށްފަހުވެސް އެއާޕޯޓަށް ގޮސް،މަންމަ އެދުވަހު ބަލާދިޔަ ކޮފީގެ ވަސްދުވުމުން އެހަނދާންއާވެ،އަހަރެންނަށް ގޮތްތަކެއް ވެއެވެ. ހަމައެޔާއެކުއެކީ ބައްޕަގެ ހާސްކަމެއް ނެތް ވަރުގަދައަޑުން އަހަރެންނަށް ހަމަޖެހުން ގެނުވި ގޮތްވެސް ހަނދާންވެއެވެ. ބައްޕަ އެދުވަހު އަހަރެން ބަލާ ހަމައެކަނި އައީކީ ނޫނެވެ.ދޫކޮށްލާފަ ނުގޮސް ކައިރީގައި އެބަހުއްޓެވެ.ތަފާތަކީ އެއީ އެވެ.

Loading

2 Responses

  1. ވަރަށް ބެސް ވާހަކައެކެވެ. ފާފު ޒަވިޔަނީގެ ރަހަތަފާތުކޮށް ތިލިޔުއްވާ ލިޔުންތަކަށް ޝުކުރު ދެންނެވީމެވެ. ވަރަށް ސަޅި.

Leave a Reply

ފަހުގެ އަޕްޑޭޓް