ޖެމެއިކާއަށް އެރި ބާރުގަދަ ތޫފާނަށްފަހު އާންމުން ކާއެއްޗެތި ހޯދުމަށް ލޫޓުވުމާއި ގޮނޑުހޮވުމުގައި

Loading

Facebook
Twitter
WhatsApp

ޖެމެއިކާއަށް އެރި ބާރުގަދަ ”މެލިއްސާ“ ތޫފާނަށްފަހު ގިނަ ސަރަހައްދުތަކެއް މުޅިން ސުންނާފަތިވެފައިވާއިރު ކާނެ އެއްޗެއް ހޯދުމަށްވެސް އާންމުން ފިހާތަކަށްވަދެ ލޫޓުވާ އަދި ވެއްޓިފައިވާ ގެތަކުން ހޮވައިގެން ކާއެއްޗެތި ހޯދަމުންދާ ކަމަށް ޚަބަރުލިބެއެވެ. ވެޓިފައިވާ ގެތަކުގެ މީހުން ބޯފެނަށްވެސް ޖެހިފައިވާއިރު ފިހާރަތައް ލޫޓުވައިގެން އެންމެ ބޮޑަށް ހޯދަމުން ދަނީ ފެންފުޅި ކަމަށް ޚަބަރުތައް ބުނެއެވެ.

ތިންދުވަސްކުރިން އެރި ކެޓަގަރީ ފަހެއްގެ ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ”ބްލެކް ރިވަރ“ ކިޔާ ޕޯޓް ސިޓީއަށެވެ. އެތަން ވަނީ ”ގްރައުންޑް ޒީރޯ“ އަކަށް ބަދަލުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ހުރިހާ އިމާރާތް ތަކެއްހެން ނެތިގޮސްފައިވާއިރު މަގުތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ.މީގެ އިތުރުން ކަރަންޓާ ފެންވެސް ނެތުމުގެ ސަބަބުން އާންމުން އުޅެމުން ގެންދަނީ ވަރަށް ދަތީގައެވެ.

ތޫފާނުގައި ލިބުނު ގެއްލުންތައް އެކިފަރާތްތަކުން ސިފަކުރާގޮތުގައި ގިނަ ބޯޓުތަކެއް ވަނީ   އެއްގަމަށް އަރާފައެވެ.އަދި ބައެއްއިމާރާތްތައް ދެފަޅިވެފައިވާއިރު ބޮޑެތި ޓިނުގަނޑު ފަދަތަކެތި ގަސްގަހުގައި ތާށިވެފައިވެއެވެ.މީގެ އިތުރުން ކާރުތަކުގެވެސް ފެންނަން ހުރީ ހަލާކުވެފައިވާ ބައިތަކެއްކަމަށް ޚަބަރުތައް ބުނެއެވެ.

ވެރިރަށް ކިންގޓަންއާއި 150 ކިލޯމީޓަރު ދުރުގައިވާ ”ބްލެކް ރިވަރ“ ގެ މުޅި އާބާދީ ހާލުގައި ޖެހިފައިވީނަމަވެސް އެއްވެސް ފަރާތަކުން އަދި އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް ބައެއްމީހުން ކިޔާދީފައިވެއެވެ. އެހެން ކަމުން ތޫފާނުގައި ގެއްލުންތައްލިބި ބިއްލޫރިތައް ތެޅިފައިވާ ސުޕަރ މާކެޓްޓްތަކަށް ވަދެ ކާއެއްޗިއްސާއި އެހެންވެސް ޒަރޫރީ ތަކެތި ދަނީ ފޭރެމުންނެވެ. ބައެއްމީހުން ސުޕަރ މާކެޓް ތަކުގެ ހަލާކުވެފައިވާ ފުރާޅު މައްޗަށް އަރައިގެންވެސް އެތަންތަނަށް ވަދެފައިވާއިރު މިގޮތުން ހޯދާ ފެނާ ކާއެއްޗެތި އެހެން މީހުންނާވެސް ”ޝެއާ“ ކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. ފިހާރަ ތަކުގެ އިތުރުން ބޭސްފިހާރަތައްފަދަ ތަންތަނަށްވެސް މީހުން ގަދަބާރުން ވަދެ ތަކެތި ފޭރެމުން ދާކަމަށް ޚަބަރުލިބެއެވެ.

ބުރާސްފަތިދުވަހު އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ތޫފާނުގައި ޖެމެއިކާ އިން 19 މީހުން ވަނީ މަރުވެފައެވެ.

މުޅި ކެރީބިއަން ސަރަހައްދަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާ ”މެލިއްސާ“ ތޫފާނުގެ ސަބަބުން މުޅި ކެރީބިއަން ސަރަހައްދަށް ގެއްލުން ތަކެއް ލިބުނު އިރު، ތޫފާނުގެ ސަބަބުން އަވަށްޓެރި ހެއިޓީ އިން 30 މީހުން މަރުވެފައި ވެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް އަދިވެސް މަގުތަކުމަތީގައި ހުރިއިރު، އާއިލާގެ މީހުން ނުފެނިގެން އަދިވެސް ބައެއްމީހުން ދަނީ ހޯދަމުން ކަމަށް ޚަބަރުލިބެއެވެ.

އޮފިޝަލުން އަންދާޒާ ކުރާ ގޮތުގައި ބްލެކް ރިވަރ ގެ 90 އިންސައްތަ ގެ ވަނީ އެއްކޮން ހަލާކުވެގެން ގޮސްފައެވެ. ގެތަކުގެ އިތުރުން ހޮސްޕިޓަލްތަކާ ޕޮލިސް ސްޓޭޝަން އަދި ފަޔާ ސްޓޭޝަނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ”ބްލެކް ރިވަރ“ އަކީ ވެރިރަށުން ދެގަޑިއިރުގެ ދަތުރަކުން ދެވޭ ތަނެކެވެ. އެންމެފަހުން އޮފިޝަލުން ބުނެފައިވަނީ ޒަރޫރީ އެހީގެ ތަކެތި ހިފައިގެން ސިފައިން ދަތުރު ކުރަމުން ދާ ކަމަށާ އެހެން ނަމަވެސް ގިނަ މަގުތަކުގައި ފެންބޮޑުވެފައި ނުވަތަ އޮޔާދިޔަ ކާރުތަކާއި ކުނިބުނިން މަގުތައް ބެދިފައި ވުމުގެ ސަބަބުން ތަކެތި ފޯރުން ލަސްވަމުން ދާކަމަށް ބުނެފައި ވެއެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް