އިންޑިޔާގެ ވެރިރަށް ޑެލްހީގެ ވައި އާދަޔާޚިލާފަށް ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް، ޚާއްސަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އަމިއްލަޔަށް ވާރޭ ވެއްސަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
މި ޓެކްނޮލޮޖީގެ ދަށުން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ފަރާތުން އަންގާރަ ދުވަހު ވަނީ ކުދި މަތިންދާބޯޓު ބޭނުން ކޮށްގެން ވިލާތަކުގެ ތެރެޔަށް ޚާއްސަ މާއްދާއެއް ދޫކޮށްފައެވެ.
މިގޮތަށް އާންމުކޮށް ދޫކުރާ ސިލްވަރ އަޔޮޑައިޑް އަދި ލޮނު ފުށް ތަކެއްގެ ވަށައިގެން ފެނުގެ ފަށަލައެއް އުފެދޭކަމަށްވެއެވެ. އަދި ވިލާއުފެދި ވާރޭގެ ގޮތުގައި ވެހެއެވެ. ނަމަވެސް މިފަހަރުގެ މަސައްކަތުން ވާރޭ ވެހޭގޮތް ވެފައެއް ނުވެއެވެ. މިހެން ދިމާވީ ވައިތެރޭގައި މޮއިސްޗަރ ނުވަތަ ތެތްކަން ނެތުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޑެލްހީގެ ވައި ތަޤައްޔަރުވެފައިވަނީ ޑަބްލިއުއެޗްއޯއިން ނުރައްކާތެރި މިންގަނޑުކަމަށް ކަނޑައާޅާފައިވާ މިންގަޑަށްވުރެ މާ މައްޗަށެވެ. މިގޮތުން އެއާކޮލިޓީ އިންޑެކްސް (އޭ.ކިއު.އައި) ހުރީ 300އާއި 400 އާއި ދެމެދުގައެވެ.މިއީ ސިއްހީ ގޮތުން ބަލައިގަންނަ މިންވަރަށް ވުރެ 20ގުނަ މަތި މިންވަރެއް ކަމަށް ވެއެވެ. އަދި މިވަރުން ފުއްޕާމެޔަށް ސީރިއަސް ގެއްލުން ލިބި ނޭވާލާ ނިޒާމް ގެ ހޮޅިތައް ބެދުމުގެ ނުރައްކާވެސް އޮންނާނެއެވެ.
ކްލައުޑް ސީޑިންގ ނުވަތަ ޖައްވަށް ޚާއްސަ މާއްދާތަކެއް ދޫކޮށްގެން އާންމުކޮށް ވާރޭ ވެއްސަނީ ހަނަފަސްކަން ބޮޑުވެ ފެން ލިބުމުގެ ދަތިކަން ކުރިމަތި ވުމުންނެވެ. ނަމަވެސް މިއީ ވައިސާފު ކުރުމުގެ މަގުސަދުގައި މިޓެކްނޮލޮޖީ ބޭނުން ކުރި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
އައިއައިޓީ ދިއްލީ ޓީމަކީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް އާޓިފިޝަލް ވާރޭ ބޭނުންކުރުމުގެ މަސައްކަތް ފުރަތަމަ ދިރާސާކުރާ ޓީމެއް ނޫނެވެ. 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ޑްރޯން ބޭނުންކޮށްގެން ވިލާތައް ސީޑުކޮށްގެން ވާރޭ އުފެއްދުމުގެ މަޝްރޫއެއް ފަށާ ކާމިޔާބް ކަމާއެކު ހިންގާފައެވެ. ނަމަވެސް ވާރޭވެހުނީ މާބޮޑަށް ކަމަށްވެއެވެ.
އާޓިފިޝަލް ވާރޭ ނުވަތަ އަމިއްލަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވެއްސާ ވާރޭ ގެސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާ މެދު ބައެއް ކަންބޮޑުވުންތައް އެބަހުއްޓެވެ. މިސާލަކަށް އާޓިފިޝަލް ވާރޭ ސަބަބުން ފެން ތަޤައްޔަރު ވެދާނެތީ ބައެއް ތަޖުރިބާކާރުން ކަންބޮޑުވެއެވެ. މީގެ އިތުރުން އާޓިފިޝަލް ވާރޭ ވެއްސުމުން އިކޯސިސްޓަމް ނުވަތަ ގުދްރަތީ ނިޒާމަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އުފެދިފައެވެ.
މި ކަންބޮޑުވުންތައް ހުރި ނަމަވެސް އައިއައިޓީ ދިއްލީ ޓީމުން ގަބޫލުކުރާ ގޮތުގައި އާޓިފިޝަލް ވާރޭ ވެހުމަކީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު ކާމިޔާބީއެއް ހޯދިދާނެ ގޮތެކެވެ. އެ ޓީމުން ދަނީ ޓެކްނޮލޮޖީ އަދިވެސް ތަރައްގީ ކުރަމުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި އަދިވެސް ޓެސްޓް ފްލައިޓް ތައް ބާއްވާނެ ކަމަށް ޑެލްހީގެ ތިމާވެއްތާބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ.
އިންޑިޔާގައި މީގެ 53 އަހަރުކުރިން،1957 ވަނަ އަހަރުވެސް ކްލައުޑް ސީޑިންގެ ތަޖްރިބާތަކެއް ކުރެވުނެވެ.އޭގެ ފަހުން 1972 ގަވެސް ހަމަ އެމަސައްކަތް ކުރެވުނެވެ. ނަމަވެސް އޭރު އެކަން ކުރެވުނީ ހަނަފަސްކަން ބޮޑުވެގެންނެވެ.
އާޓިފިޝަލް ވާރޭ ވެއްސަން ޔުނައިޓަޑް އެރޭބް އެމިރޭޓްސްގައި ކުރެވުނު މަސައްކަތާގުޅިގެން މިދިޔަ އަހަރު އެގައުމަށް ފެންބޮޑުވުމުގެ ވަރަށް ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވެއެވެ.
![]()
