ފަޤީރުންގެ ފްލެޓަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދޭން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ޒަކާތު ފަންޑުން އެ ފަރާތްތަކުގެ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކައިދޭން ހަމަޖެހިފައިވާ ކަމަށެވެ.
ޒަކާތު ކައުންސިލުން ވަނީ 14 ފަރާތަކަށް ޑައުން ޕޭމަންޓު ދައްކައިދިނުމަށް ނިންމާފައެވެ.
”14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދިނުމަށް ޒަކާތު ކައުންސިލުން ވަނީ ނިންމާފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށެވެ.
އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
![]()

One Response
ވޯޓް ވޯޓް ކައުންސިލް އިލެކްޝަން އަށް އެ ބަހާލަނީ.