ނާސާ އިން ހިންގާ ޖައްވީ ޕްރޮގްރާމްގެ ދަށުން ޖައްވީ އުޅަދެއްގެ ޕައިލެޓްކަން ކޮށް، އުޅަދުގެ ކޮމާންޑަރުކަން ކުރި ފުރަތަމަ އަންހެން ކަނބަލަކީ އެއިލީން ކޮލިންސް ކިޔާ އަންހެނެކެވެ. އޭނާއަކީ މިސާލު ބަހެއްގެ ގޮތުން ބުނާ ”ބިއްލޫރި ފަންގިފިލާ“ ފޫއަޅުވާލާ ޖައްވަށް އުދުހުމުގެ ފަޚުރު ހޯދި ފުރަތަމަ އަންހެނާ އެވެ.
އުމުރުން މިހާރު 68 އަހަރުގެ އެއިލީން ކޮލިންސް އަކީ މިފަދަ ފަޚުރުވެރި ރިކޯޑެއް ހާސިލް ކޮށްފައިވާ ފަރާތެއްނަމަވެސް މާގިނަ ބަޔަކަށް އޭނާގެ ނަން ނޭގުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބީބީސީ އިން މިހާރުއަންނަނީ އޭނާގެ ޚާއްސަ ކެރިއަރ އާއި ބެހޭ ޑޮކިއުމެންޓަރީ އެއް އުފައްދަމުންނެވެ. ”ސްޕޭސް ވުމަން“ ގެ ނަމުން އުފައްދާ ފީޗަރ ޑޮކިއުމެންޓަރީ އަށް ފަހު ހަމަގައިމުވެސް އޭނާ ގިނަބަޔަކަށް އަލުން ތައާރަފް ވެގެން ދާނެއެވެ.
އެއިލީން ކޮލިންސް ބީބީސީ އަށް ކިޔާދިން ގޮތުގައި ސްޕޭސް ވުމަން އަކަށް ވުމަށް ނުވަތަ ޖައްވީ މަސައްކަތުގައި ކުރިޔަށް ދިއުމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ އުމުރުން 9 އަހަރުގައެވެ.އެއީ އެސްޓްރޮނޯޓުންނާބެހޭ މަޖައްލާއެއް ބަލަމުން ދަނިކޮން ހިތަށް ވަން ޚިޔާލެއްކަމަށް އޭނާ ބުނެފައި ވެއެވެ. ފުރަތަމަވެސް އެއީ ވަރަށް ”ކޫލް“ ކަމެއް ކަމަށާ ބޭނުމީ އެކަން ކުރަންކަމަށް ހިތުގަ ކަނޑައެޅިކަމަށް ބުނެފައި ވެއެވެ. އޭރު އެއްވެސް އަންހެން އެސްޓްރޮނޯޓެއް ނެތް ނަމަވެސް އެއީ އޭނަ ކުރިޔަށް ދިއުމަށް ހުރަހަކަށް ނުވި ކަމަށް އެއިލީން ބުނެފައި ވެއެވެ. އަހަރެންނަށް އަންހެން އެސްޓްރޮނޯޓް އަކަށް ވެވިދާނެނޫންހޭ ހިތަށް އެރިކަމަށް އޭނާ ބުނެފައި ވެއެވެ.
އެއިލީން ކޮލިންސްގެ އަމާޒު ހުރީ ހަމައެކަނި އަންހެން އެސްޓްރޮނޯޓަކަށް ވެގެން ނިމޭ ގޮތަކަށް ނޫނެވެ. އެސްޓްރޮނޯޓަކަށް ވުމުގެ އިތުރުން ޖައްވީ އުޅަދެއްގެ ޕައިލެޓްކަން ކުރަން ނުވަތަ އުޅަދުގެ ކޮންޓްރޯލް ގައި އިސްދައުރެއް އަދާކުރުމަށްވެސް އޭނާ އަޒުމް ކަނޑައެޅިއެވެ.
މިއަޒުމުގައި ކުރިޔަށް ދިއުމަށް އޭނާޔަށް މިލިޓަރީ ޚިދުމަތާ ގުޅެން ޖެހުނެވެ. އެއާފޯސް އާއި ގުޅުމަށްފަހުވެސް އޭނާގެ ޝައުގުވެރިކަމާއި އެކަތަ ފަދަ ހިއްވަރު ފާހަގަ ކުރެވިގެން ދިޔައެވެ. އެއާއެކު އެސްޓްރޮނޯޓް ޕްރޮގްރާމް އަށް ހޮވިގެން ދިޔައެވެ. އަދި ނާސާގެ ރިޔޫސަބްލް ސްޕޭސް ޝަޓްލް ތައް ދުއްވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
އެއިލީން ކޮލިންސް ގެ ކޮމާންޑް ކަމުގެ ދަށުން ފުރަތަމަ ސްޕޭސް މިޝަން އެއް އުދުއްސާލާފައިވަނީ 1995 ގައެވެ. އެދުވަސް ހަންދާން ކުރަމުން އޭނާ ބުނެފައިވަނީ ފުރަތަމަ އަންހެން ސްޕޭސް ޝަޓްލް ޕައިލެޓް ގެ ހައިސިއްޔަތުން އެދަތުރު ކާމިޔާބު ކުރުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމުގައެވެ.އެއީ އަންހެނަކަށް ވީތީ ކަމެއް ގޯސްކޮން ކުރި ކަމުގެ ހުތުރު ނަން ދީފާނެތީ ކަމުގައި އޭނާ ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ދަތުރު ފާހަގަ ކުރަނީ ހަމައެކަނި އޭނާގެ އަމިއްލަ ކާމިޔާބީ އެއްގެ ގޮތުގައި ނޫންކަމަށާ އެއީ އޭނާގެ ފަހަތުން އަންނާނެ އެހެން އަންހެން ސްޕޭސް ޕައިލެޓުންގެ މަސައްކަތުގައިވެސް ނަމޫނާ އަކަށް ބަލާނެ ކަމަށް ވާނެތީ އެކަން ހަނދާން ކުރަމުންކަމުގައެވެ. އަދި ”ހޭ، އަންހެނަކަށް ވިޔަސް ހާދަ ބަރާބަރޭ“ ބުނާ އަޑު އަހާލަން ބޭނުންވި ކަމަށް އޭނާ ބުނެފައި ވެއެވެ.
އެއިލީން ކޮލިންސް ގެ ފަޚުރުވެރި މަސައްކަތް ފާހަގަ ކޮށް ނާސާގެ ވެރިން އެހެން ސްޕޭސް ޕްރޮގްރާމަ އެއްގެވެސް ކޮމާންޑަރުކަންދީ ފުރަތަމަ އަންހެން ކޮމާންޑަރުގެ ހައިސިއްޔަތުން އިތުރު އެތައް ރިކޯޑެއް ހާސިލް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
އެއިލީން ކޮލިންސް ގެ ކުޑަ ދެކުދިން އޭރު ތިބެއެވެ. އެހާބުރަ މަސްއޫލިއްޔަތެއް އުފުލަމުން ވެސް އާއިލާއެއް ފެށީތީ ގިނަ ނޫސްވެރިން ސުވާލު ކުރެއެވެ.އަދި އެއްވަރުގެ ބުރަ ދެ ”ވަޒީފާ“ އަދާކުރަނީ ކިހިނެއްތޯ ސުވާލު ކުރެއެވެ. މިސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ރަގަޅު ބެލެނިވެރިއަކަށް ވުންއެއީ ،ސްޕޭސް ޝަޓްލް ކޮމާންޑަރަކަށް ވުމަށް ވުރެ ބުރަ ކަމެއް ކަމުގަ އެވެ. ނަމަވެސް އެއީ މުޅި ދުނިޔޭގައިވެސްވާ އެންމެ ”ބެސްޓް“ ދެވަޒީފާ ކަމަށް އޭނާ ބުނެފައިވެއެވެ.

ފާއިތުވި ތިރީސް އަހަރު ނާސާގެ ސްޕޭސް ޝަޓްލް ދަތުރު ތަކުގައި އެތައް ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހުނެވެ. މިފަދަ ފެއިލް ވުން ތަކުގައި ޖައްވީ އުޅަދު ގޮވާ މުޅި ކްރޫ އެތައް ފަހަރަކު މަރުވެފައި ވެއެވެ. މިފަދަ ދަތުރު ތަކާ އަދި މަރުވެގެން ދިޔަ އެކުވެރިންގެ ވާހަކަ އިން ސުވާލު ކުރުމުން އެއިލީން ކޮލިންސް ހަމަ އެކަނި ބޯހޫރާލީއެވެ. އަދި އެކަން އެގޮތަށްދިމާވި ނަމަވެސް އެއްވެސް އިރަކު ”ކުއިޓް“ ކުރަން ނުވިސްނާ ކަމަށް ބުނެފައިވެއެވެ.“ކުއިޓް“ ކުރުމަކީ ”ބްރޭވް“ ގެ އިދިކޮޅު ކަމަށާ އޭނާބޭނުންވީ ”ބްރޭވް“ ލީޑަރަކަށް ވުމަށް ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ހިއްވަރެއް ފަހަތުން އަންނާނެ ކުދިންނަށްވެސް ލިބުމުގެ ސަބަބު ކަމުގައި ވުމަށް އޭނާ ބޭނުންވި ކަމަށް ބުނެފައި ވެއެވެ.
2005 ވަނަ އަހަރު އެއިލީން ކޮލިންސް ގެ ކޮމާންޑަރުކަމުގެ ދަށުގައި ކުރި ދަތުރެއްގައިވެސް އުޅަދު ގޮވާފަދަ ހާދިސާއެއްހިނގިއެވެ. ނަމަވެސް އޭނާގެ ކުޅަދާނަ ނިންމުމުގެ ސަބަބުން ވަނީ އުޅަނދާ ކްރޫ ސަލާމަތް ވެފައެވެ.
އެދަތުރުގައި އުޅަނދު ނައްޓާލުމުގެތެރޭ އުޅަދުގެ ބޭރު ފަށަލަޔަށް ގެއްލުން ލިބުނީ އެވެ. އެގޮތަށް ލިބޭ ގެއްލުން ހޯދުމަށް މެކޭނިޒަމް ގާއިމް ކޮށްފައި ވީނަމަވެސް މިކަމަށްޓަކައި ޖެހެނީ އުޅަދު 360 ޑިގްރީގެ ފުށުން ޖެހުމަކަށް ގެންދާށެވެ. ދަތުރުގައި އިންޖިނޭރުންނާއި މެނޭޖަރުން ތިބި ކަމަށާ އެފަދަ ގޮތަށް އުޅަދު ފުށުން ޖެހުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެމީހުން ބުނިކަމަށް އެއިލީން ފާހަގަ ކުރިއެވެ. އެމީހުންގެ ވާހަކަ ތައްވެސް އަޑުއެހިކަމަށާ ނަމަވެސް އެގޮތަށް ފުށުން ޖެހެވިދާނެ ކަމަށް އޭނާއަށް ހީވާކަމަށް ބުނެ، ކޮމާންޑަރުގެ ހައިސިއްޔަތުން އެނިންމުން ނިންމި ކަމަށް އެއިލީން ބުނެފައި ވެއެވެ.
މިހެން ހެދުމުން ބިމުގގައިވާ ނާސާގެ ކެމެރާތަކަށް އުޅަދުގެ ބަނޑުފުށްރީތިކޮން ފެނުނު ކަމަށާ ލިބިފައިވާ ގެއްލުން ފަސޭހައިން ދެނެގަނެވި ޖައްވުތެރޭގައި މަރާމާތުވެސް ކުރެވުނު ކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.
އެދަތުރުވީ ކޮލިންސްގެ އެންމެ ފަހު ދަތުރަށެވެ. އޭނާ އެންމެ ކުރިންވެސް ނިންމައިގެން ހުރީ ހަތަރު މިޝަން އަށް ފަހު ކެރިއަރ ނިންމާލަން ކަމުގައި އޭނާ ބުނެފައި ވެއެވެ.އެއީ ފަހަތުން އަންނާނެ، ޖައްވީ ދަތުރުތައް ކުރަން ބޭނުން ޒުވާން ޖީލަށް ފުރުސަތު ދިނުމަށެވެ.
އެސްޓްރޮނޯޓެއްގެ ކެރިއަރ ނިންމާލިނަމަވެސް އެއްވެސް ”ރިގްރެޓް“ އެއް ނެތް ކަމަށް އެއިލީން ކޮލިންސް ބުނެފައި ވެއެވެ. މުސްތަގްބަލްގައި އުޅަދަކުން ހުސްގޮނޑިއެއް ލިބިއްޖެ ނަމަ ޖައްވަށް ދާނަންތޯ ސުވާލު ކުރުމުން އޭނާ ބުނީ ދާން ވަރަށް ބޭނުން ކަމަށާ ފަހަރެއްގައި މުސްކުޅި އެއްގެ ގޮތުގައި އިންނަ ދުވަހު އެފަދަ ފުރުސަތެއް ލިބުން އެކަށީގެންވާކަމުގައެވެ.
![]()
