ޣައްޒާގެ ކުޑަކުދިނަށް އަލުން ކިޔަވާދިނުމުގެ އިންތިޒާމްތައް އދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ (އަންރުވާ) ގެ ފަރާތުން ހަމަޖައްސާ ދިނުމާއި ގުޅިގެން ހޮނިހިރު ދުވަހު ކްލާސްތައް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. ކްލާސްތައް ފެށިނަމަވެސް ގައްޒާއަށް އެހީގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު، އިޒްރޭލްގެ ބްލޮކޭޑްގެ ސަބަބުން އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށް ވެއެވެ.
”އަންރުވާ“ގެ މީޑިޔާ އެޑްވައިޒަރު އަދުނާން އަބޫ ހަސްނާ ބުނީ އެޖަމާއަތުން 3000،000 ކުދިން ނަށް ކިޔަވަން ފެށުމުގެ އިންތިޒާމް ވަނީ ހަމަޖައްސާދީފަކަމުގައެވެ.އަދި މިއަދަދު އިތުރު ވާނެކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
”އަންރުވާ“ ގެ އިންތިޒާމް ތަކުގެ ދަށުން 10،000 ކުދިންނަށް ސީދާ ކްލާސްތަކުގައާއި ޝެލްޓާ ތަކުގައި އަމަލީ ކްލާސްތައް ނަގާދެވޭނެއެވެ. އަދި އޮންލައިން ކޮންވެސް ފިލާވަޅުތައް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަބޫ ހަސްނާ ބުނީ ހަނގުރާމައިގެ ސަބަބުން ދެއަހަރު އަދި އޭގެ ކުރިން ކޮރޯނާގެ ސަބަބުންވެސް ދެއަހަރު ދުވަސްވަންދެން ސްކޫލްއަށް ނުގޮސްތިބި ކުދިންނަށް ކިޔަވާދޭން ފެށުމަކީ މާފަސޭހަ ކަމަކަށް ނުވި ނަމަވެސް 8،000ޓީޗަރުންނާއެކު ވަނީ އެމަސައްކަތް ފަށާފައެވެ.
ޣައްޒާގެ ތައުލީމީ ނިޒާމް ހުއްޓުމަކަށް އައިސްފައިވަނީ 8 އޮކްޓޯބަރު 2023 ގައެވެ.އެއީ އިޒްރޭލުން ޣައްޒާއާދެކޮޅަށް ހަގުރާމަ ފެށިހިސާބުންޏެވެ. ހަނގުރާމައިގައި ގިނަ ސްކޫލްތަކެއް ހަލާކުވެގެން ގޮސްފައިވާއިރު ބާކީ ހުރި ސްކޫލްތައް ބޭނުން ކުރަމުން އައީ ހާލުގައި ޖެހޭ އާއިލާތަކަށް ހިޔާވަހި ތަކުގެ ގޮތުގައެވެ.
ފަލަސްތީނުގެ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ސަރުކާރުން ހިންގާ 172 ސްކޫލް އާއި 118 އެހެން ސްކޫލް ހަލާކުވެފައި ވެއެވެ. މީގެ އިތުރުން ”އަންރުވާ“ އިން ހިންގަމުން އައި 100 ސްކޫލް އަކަށްވެސް ހަމަލާަރާފައި ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ހަމަލާތަކުގައި 17،711 ސްކޫލްކުދިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ 763 މީހުން ވަނީ މަރުވެފައެވެ. މަރުވި ކުދިންގެ އިތުރުން 25،897 ކުދިންނަށް ވަނީ އެކި އަނިޔާތައް ލިބިފައެވެ.
އަބޫ ހަސްނާ އިތުރަށް މައުލާމާތު ދިން ގޮތުގައި ޣައްޒާގެ 22 ސެންޓްރަލް ކްލިނިކެއްގައި އަލުން މަސައްކަތް ފެށުމަށް އެފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ކާބޯތަކެތި ބެހުމަށް ވިއްސަށް ވުރެ ގިނަ ތަންތަން، އެތައްހާސް މުވައްޒަފުންނާއި އެކު ވަނީ ފަށާފައެވެ. ނަމަވެސް ވަގުތީ ހިޔާ އަޅާނެ ސާމާނު، ރަޖާ، ފިނިހެދުން، ބޭސް ފަދަ ތަކެތި ލިބުން އަދިވެސް ވަނީ އިޒްރޭލުން ބަންދު ކޮށްފަ ކަމަށާ،ހަނގުރާމައިގެ ސަބަބުން ދުރަށް ދިޔަ ގިނަ އާއިލާތަކެއް އަނބުރާ އަންނަމުން ދިޔަނަމަވެސް އަދިވެސް ގިނަބަޔަކު އުޅެމުން ގެންދަނީ ވަގުތީ ފޭލިގެ ތަކުގައި ހާމަ ތަނުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.
އޮކްޓޯބަރު ދިހަވަނަ ދުވަހު އަމަލުކުރަން ފެށުނު ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭ އެއްބަސް ވުމުގެ ދަށުން ދެފަރާތުންވެސް ވަނީ ހޮސްޓެޖުންނާއި ކުށްވެރިން ބަދަލު ކޮށްފައެވެ. އެއްބަސް ވުމުގެ ދަށުން ޣައްޒާ ހިންގުމުގެ އައު ނިޒާމެއް،ހަމާސް ޖަމާއަތް ނުހިމެނޭ ގޮތުން، އެކުލަވާލެވޭނެއެވެ. އަދި ގައްޒާ އަލުން އިމާރާތް ކުރެވޭނެއެވެ.
އޮކްޓޯބަރ 2023 ވަނަ އަހަރު ފެށި ހަނގުރާމައިގެ ސަބަބުން ފަލަސްތީންގެ 68،000 ރައްޔިތުންވަނީ ޝަހީދު ވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން އެސަރަހައްދު ވަނީ ބަޔަކަށް ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފައެވެ.