އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ގަތުލުއާންމު ހުއްޓުވުމަށް އެމެރިކާގެ ރައީސް ކުރިއަށް ނިކުމެ ވަޑައިގެން ހަމާސްއަޢި އިސްރާއީލާދެމެދު ކުރުވި އެގްރީމެންޓްއަށްފަހު ގައްޒާގައި ހަރަކާތްތެރިވަމުންގެންދާ އެ ޝަހަރުގެ ބާރުގަދަ ގަބީލާތަކުން ދާޚިލީ ދެކޮޅުވެރިކަމެއް އުފައްދަން ހަރަކާތްތެރިވާން ފެށުމާއެކު ގައްޒާގެ މަގުތަކަށް ހަމާސްގެ މުޖާހިދުން އަނެއްކާވެސް ނިކުމެއްޖެއެވެ.
2023 އޮކްޓޯބަރ 7 ވަނަދުވަހު ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ ރަށްވެހިންގެ ތެރެއިން މިހާރު ދިރި ދުނިޔޭގައިތިބި 20 މީހުން ދޫކޮށްލުމާއެކު އޭގެކުރިން އިސްރާއީލުން ތަޅާ ސުންނާފަތި ކުރަމުން ގެންދިޔަ ގައްޒާ ޝަހަރުގައި ހަމާސްއާ ދެކޮޅު ގަބީލާތަކުން ހިންގަންފެށި ދާޚިލީ ދެކޮޅުވެރިކަމުން ރައްޔިތުންނަށް ހަމަހިމޭންކަން ހޯދާދިނުމަށް ހަމާސްގެ މުޖާހިދުން މަގުތަކުގައި ފޯރިމަރަން ފެށުމުން އަނެއްކާވެސް ގިނަ ރައްޔިތުންގެ ރުހުން ވަނީ ހަމާސްއަށް ލިބިފައެވެ.
ހަމާސްގެ މުޖާހިދުން މަގުތަކަށް ނިކުތުމުން އިސްރާއީލުގެ ބޮޑުވަޒީރަށް ކެތެއް ނުކުރެވުނެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގެ އަމަން ބަލަހައްޓަން ގެނެވޭ ބައިނަލްއަގްވާމީ ލަޝްކަރު އައިސް ހަމާސްގެ ބާރުގެ ދަށުގައި ހުރި އެންމެހާ ހަތިޔާރުތައް އަތުލުމާ ހަމަޔަށް ހަނގުރާމަ ހުއްޓާލެވިދާނެ ކަމަށް ނުދެކޭ ކަމަށް ގޮވަން ފަށައިފިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސްގެ މުޖާހިދުން ގައްޒާގެ އެތެރޭގައި ހަރަކާތްތެރިވަމުން ގެންދާ ބައެއް ގޭންގުތަކާ ގުޅިފައިވާ ހަނގުރާމަވެރިން މަރަމުން ގެންދިއުމަކީ އެމަނިކުފާނު ކަންބޮޑުވާ ކަމެއް ނޫންކަމަށެވެ. އެކަމަކު ހަމާސްއިން ހަމަ މިހާރު ހަތިޔާރު ބަހައްޓައި އަމާންދޭން ޖެހޭނެއެވެ. އެހެން ނޫނީ އެކަންކުރާނީ ބާރުގެ ބޭނުންކޮށްގެން އަހަރެންނެވެ. އަދި އޭރުން މާބޮޑެތި ގެއްލުން ލިބޭނެއެވެ.
ފާއިތުވެގެންމިދާ 18 ވަރަކަށްއަހަރު ހަމާސްގެ ފުލުހުން ގެންދަނީ ގައްޒާގައި ވަރުގަދައަށް ސެކިއުރިޓީ ބަލަހައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ މަދަދުލިބޭ ގައްޒާގެ ބައެއް ބޮޑެތި ގަބީލާތަކުން ފިލާތިބުން އޮތީ މަޖްބޫރުވެފައެވެ. އެހެންތިއްބާ ރައީސް ޓްރަމްޕްގެ އެކަށައެޅުމުގެ ދަށުން ހަނގުރާމަ ހުއްޓާލައި ހަމާސްގެ ހަތިޔާރު ބަހައްޓަން ޖެހުނު ވަގުތު ފިލާތިބި ގޭންގުތައް ހަމާސްއާދެކޮޅަށް ނިކުތީއެވެ.
ގައްޒާގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކުން އާންމުރައްޔިތުން ފޭރި މަރަމުން ގެންދާން ފެށުމުން ހަމާސްއިން މަގުތަކުގައި ފޯރިމަރަން ފެށީ ޢާންމު ރައްޔިތުންގެ ދިފާއުގައި ކަމަށް ގައްޒާގެ ޕްރައިވެޓް ޓްރަކާރސް ޖަމްއިއްޔާގެ ވެރިޔާ ނާހިދު ޝަހެއިބަރ ވިދާޅުވެފައިވެއެވެ. އިސްރާއީލުގެ މަދަދު ލިބޭ ގޭންގުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގައްޒާގެ ބާރުގަދަ ޑޯގްމުޝް ގަބީލާއެވެ. އެ ގަބީލާތަކުން ހަމާސްއާ ދެކޮޅަށް ހިންގަމުންގެންދާ ކުރިމަތިލުންތަކުގައި ހަމާސްގެ މުހަންމަދު އަގީލް އާއި އަލް މުގައިދު ފެމިލީގެ މެމްބަރަކު ވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުގެ ކޮންޓްރޯލް ދަށުގައި ހުރި ހަލާކުކޮށްލާފައިވާ އިމާރާތްތަކުން ވައްކަންކުރުމާއި ލޫޓުވުމުގެ ފުރުސަތު އެގަބީލާތަކަށް އިސްރާއީލު ސިފައިން ވަނީ ފަހިކޮށްދީފައެވެ.
މިސްރުގައި ބޭއްވޭ އިސްރާއީލާއި ހަމާސްގެ ސުލްހައިގެ އެންމެފަހުގެ މަރުހަލާގެ މަޝްވަރާތަކުގައި އިސްރާއީލުގެ ބޮޑުވަޒީރު މިލިކޯވިސްކީ ( ނަތަންޔާހޫގެ އަސްލު ނަން ) އަށް ބައިވެރި ވުމުގެ ފުރުސަތު ނުލިބޭނެކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ހަނގުރާހުއްޓުމަށްފަހު ގައްޒާގައި އުފައްދާ ސަރުކާރުގެ ގަވަރނަރަކަށް އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޮނީ ބްލެއަރ ގަބޫލު ނުކުރާނެކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ހަމާސްގެ ބާރުގެ ދަށުގައިހުރި ބާރުގަދަ ހަތިޔާރުތައް އަރަބި ގައުމަކާ ހަވާލުކުރަން އެ ޖަމާއަތުން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ގައްޒާގެ މަގުތަކުގައި އިސްރާއީލުގެ މަދަދުލިބޭ އެކިއެކި ގަބީލާތަކުން ހިންގަމުންގެންދާ ވައްކަމާއި ފޭރުމާއި މީހުން މެރުން ހުއްޓުވުމަށްޓަކައި އެކަމަށް ބޭނުންކުރެވޭނެ ހަތިޔާރު އަތުގައި ހުންނަން ޖެހޭނެ ކަމަށް ހަމާސްއިން ގެންދަނީ ތަކުރާރު ކުރަމުންނެވެ.
އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޮނީ ބްލެއަރ އަކީ ގައްޒާގެ ވަގުތީ ގަވަރނަރއަކަށް ވެދާނެ ބޭފުޅެއްކަމަށް ބެލެވޭތީ ސައޫދީ އެރޭބިއާއިން އެމެރިކާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޕްރިންސް ތުރްކީ އަލްފައިސަލް ބިން ސައުދު އަށް ސީ އެން އެން ގެ ކްރިސްޓީނާ އަމްންޕޯރ ސުވާލު ދެންނެވުމުން ފަލަސްތީނުގެ ސަފީރު ވިދާޅުވެފައިވާ ފަދައިން ޓޮނީ ބްލެއަރ އަކީ ސާފު މާޒީއެއް އޮތް ބޭފުޅެއް ނޫންކަމަށާއި ޓޮނީ ބްލެއަރ ހުންނަވަންޖެހޭނީ ގައްޒާގެ ބަދަލުގައި ދަ ހޭގްގައި ބައިނަލް އަގްވާމީ ޖިނާއީ އަދުލުގެ ކޯޓުގެ ކުރިމަތީގައި ކުށްވެރިއެއްގެ ގޮތުގައިކަން ދޭހަވާ އިބާރާތަކުން ވަނީ ޖަވާބު ދެއްވާފައެވެ.