އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވެރިކަމުގެ އުސޫލުތައް ކަމުނުދާކަމަށް ބުނެ، އެމެރިކާގެ ގިނަ ސިޓީ ތަކެއްގައި އެތައްމިލިއަން ބަޔަކު މުޒާހަރާ ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ. ”ނޯ ކިންގްސް“ ނުވަތަ ”ރަސްކަމެއް ބޭނުމެއްނޫން“ މި ސްލޯގަންގެ ދަށުން ފެށި މުޒާހަރާތައް ވަނީ ނިއުޔޯކް، ވޮޝިންގޓަން، ޗިކާގޯ، މިއާމީ، އަދި ލޮސްއެންޖަލިސް ގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
ނިއުޔޯކްގެ މަޝްހޫރު ޓައިމް ސްކޮޔާ އަދި ވަށައިގެންވާ މަގުތަކަށް އެތައްހާސް ބަޔަކު އެއްވެ މުޅިތަން ފުރާލާފައިވާއިރު އެމީހުން އުފުލި ބެނާތަކުގައިވަނީ ”ގާނޫނު އަސާސީ އަކީ ހިފަހައްޓަން ޖެހޭ އެއްޗެއް“ އަދި ”ޑިމޮކްރަސީ ނޮޓް މޮނާކީ“ މިފަދަ ލިއުންތަކެވެ.
މުޒާހަރާ ކުރާފަރާތް ތަކާދެކޮޅަށް އެތައް ސްޓޭޓް ތަކެއްގައި ނެޝަނަލް ގާޑް ސިފައިން ނެރެފައި ވީނަމަވެސް މުޒާހަރާތައް ކުރިޔަށް ދިޔައީ ހިމޭން ކޮން ކަމަށް އިންތިޒާމް ކުރި ފަރާތްތަކުން ބުނެފައި ވެއެވެ. އަދި މުޒާހަރާތަކުގައި ހަތް މިލިއަން މީހުން ބައިވެރިވެފައިވާ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.
ޖެނުއަރީ މަހު އަލުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރައީސް ޓްރަމްޕް ވަނީ ރައިސް އަކަށް ލިބޭ ބާރުތައް ފުޅާ ކުރައްވާފައެވެ.މިގޮތުން އެގްޒެކެޓިވް އޯޑަރު ތައް ބޭނުން ކުރައްވައިގެން ފެޑަރަލް ސަރުކާރުގެ އެތައް ބައިތަކެއް ވަނީ އުވާލައްވާފައެވެ.އަދި ސްޓޭޓް ތަކުގެ ގަވަނަރުން ދެކޮޅު ހެއްދެވުމާއި އެކުވެސް ނެޝަނަލް ގާޑް ސިފައިން ސްޓޭޓްތަކަށް ފޮނުވަމުން ގެންދަވައެވެ.އަދި ސަރުކާރުގެ ލޯ އެންފޯސްމަންޓް އޮފިޝަލުން ބޭނުން ކުރައްވައިގެން އަމިއްލަ ދުޝްމަނުން ހައްޔަރު ކުރައްވައެވެ.
އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ޓްރަމްޕް ގެންދަވަނީ ގާނޫނު އަސާސީ އާޚިލާފް އެތައް ކަމެއް ކުރައްވަމުންނެވެ.
ނިއުޔޯކްގެ މުޒާހަރާތައް ވަރަށް ވަރުގަދަ އަށް ކުރިޔަށް ގޮސްފައިވާއިރު ލައްކައެއްހާމީހުން އެސިޓީން އެކަނިވެސް ވަނީ ނިކުމެފައެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ފާހަގަ ކުރަމުންދާ ގޮތުގައި ޓްރަމްޕް ގެންދަވަނީ ގާނޫނު އަސާސީ އަށް ބެލުމެއް ނެތި އަމިއްލަ އުސޫލު ތަކަކަށް ވެރިކަން ކުރައްވަމުންނެވެ. މިގޮތުން އެތައް ހާސް ބަޔެއްގެ ހެލްތުކެއާ ކަނޑާލުމާއި އަދި އެތައް އަހަރުތަކެއް ކުރިން ފެށިގެން އެމެރިކާއަށް އެތެރެވެ، އެތަނުގެ ރައްޔިތުންނަށް ވެފައިވާ މީހުންވެސް އަނބުރާ ފޮނުވާލުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ހިންގުމުގެ ނިޒާމްވެސް އަމިއްލަ މުށުތެރެޔަށް ލާފައިވާކަމަށާ، އެހެން ކަމުން މިހާރު އާންމު ރައްޔިތަކަށް ކޯޓަކަށް، މަޖިލީހަކަށް އަދި ރިޔާސީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. އަދި ލެޖިސްލެޓިވް،އެގްޒެކެޓީވް، އަދި ޖުޑީޝަރީ މިތިންބާރުވެސް އަމަލުކުރަމުން ގެނަދަނީ އާންމުނާއި ދެކޮޅަށް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.