މަންމަ

Loading

Facebook
Twitter
WhatsApp

ކުޑަފިރިހެން ކުއްޖަކު،އުމުރުން ވަރަށް ކުޑައިރު އޭނާގެ ބައްޕަ މަރުވިއެވެ.އެދުވަހުގެ ފަހުން ކުއްޖާގެ ހުރިހާ ކަމެއް ކޮށްދެމުން އައީ މަންމަ އެކަންޏެވެ. ކުއްޖާ އަށް ކައްކާދިނުމާއި ސްކޫލްއަށް ބެނުންވާ އެއްޗެތި ހޯދާދިނުމާއި ސްކޫލްއަށް ގެންގޮސްގެނައުމާއި ހުރިހާކަމެއް ކޮށްދެނީ މަންމަ އެކަންޏެވެ. ދަރިފުޅުގެ ކިޔެވުމަށާ އެހެންވެސް ކަންކަމަށް ބޭނުންވާ ލާރި ހޯދަން މަސައްކަތް ކުރަމުން ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދެމުން އައީ އެއްވެސް ޝަކުވާއެއް ނެތިއެވެ.

ދެމަފިރިން އެކުގައި ފެށިފައިވަނީ މާތަނަވަސް ދިރިއުޅުމެއް ނޫންކަމުން ފަހާފޮއްޓެއް ދޮންނަ މެޝިނެއް މިފަދަ އެއްވެސް އެއްޗެއް ހޯދިފައެއް ނެތެވެ. އެހެން ކަމުން އެއްޗެތި ދޮންނަން ޖެހެނީ އަތުންނެވެ.އަދި ކުއްޖާގެ ގަމީހާ ފަޓުލޫނުވެސް މަންމަ ފަހަނީ އަތުންނެވެ. އަމިއްލަޔަށް ދަސްކޮށްގެންނެވެ.

ރީތިކޮން ފަހާ އިސްތިރިކޮށްފައިވާ ޔުނީފޯމް ލައްވައިގެން ކޮންމެ ދުވަހަކު ހެދުނު މަންމަ ދަރިފުޅު ސްކޫލްއަށް ގެންދެއެވެ. އެއަށް ފަހު ބަލާދިއުމާއި ދެމެދު އޮންނަ ވަގުތުތަކުގައި އެކިތަންތަނަށް މަސައްކަތު ދެއެވެ. އަދި ދަރިފުޅުގެ ސްކޫލް ގަޑިނިމެންވާއިރަށް އަވަސް އަވަހަށް ސްކޫލް ދޮށަށް ގޮސް ދަރިފުޅު ގެނެއެވެ.

މަންމަ އެއްޗެތި ދޮވެ ގޭތެރެސާފުކޮށް ފަހާހަދަނީ ދަރިފުޅަށް ކާންދީ ،ފިލާވަޅުތައްހަދާނިމި، ދަރިފުޅު ނިދަން އެރުވުމަށް ފަހުއެވެ.

މަންމަގެ ގަދަ ހިއްވަރުން ދަރިފުޅު ސްކޫލް ނިންމާ އަދި ކޮލެޖް ޔުނުވަރސިޓީވެސް ނިންމައިފިއެވެ. ނަތީޖާތައް ރަގަޅު ކަމުން ސްކޮލަރޝިޕް ވެސް ލިބުނެވެ. ބޭނުންވާ ދާއިރާއިން ކިޔަވާ ނިމުމަށްފަހު ނަސީބު އޭނާގެ އަތުގައި ހިފިއެވެ.ރަގަޅު ވަޒީފާއެއްލިބި އަދި ވަރަށް މުއްސަނދި އާއިލާއެއްގެ އަންހެން ކުއްޖަކާ ރައްޓެހިވެ ކައިވެނިކުރާ ހަމަޔަށް ދިޔައެވެ.

ފިރިހެން ކުއްޖާގެ ކައިވެނި ޕާޓީ ބޭއްވި ދުވަހު މަންމަވެސް ކުޑަ ހަދިޔާއަކާއި އަދި މާބޮނޑިއެއް ހިފައިގެން ޕާޓީ އަށް ދިޔައެވެ. މަންމަ ހުރީ ބާ ހެދުމެއް ލައިގެން ކަމުން ފިރިހެންކުއްޖާ މަންމަ އެއީ ދަންނަ މީހެއް ކަމަށްވެސް ނުހެދިއެވެ.އަދި އެންމެންގެ ކުރިމަތީ މަންމަ ޕާޓީން ނެރުމަށް ސެކިއުރިޓީ ގާޑުންނަށް އެންގިއެވެ. އެކި މީހުން އެއީ ކާކުތޯ ސުވާލުކުރުމުން ފިރިހެން ކުއްޖާ ބުނީ އެއީ އޭނާ ދަންނަވެސް މީހެއް ނޫން ކަމުގައެވެ. މަންމަގެ ހިތް އެވަގުތު ކުދިކުދި ވެގެން ދިޔައެވެ.

އޭގެ އަހަރެއްހާދުވަސް ފަހުން ފިރިހެން ކުއްޖާގެ އަންހެނުން ބަލިވެ އިދެ ވިހައިފިއެވެ. ނަމަވެސް ލިބުނީ ސިއްހީ މައްސަލަތަކެއް ހުރި ކުއްޖެކެވެ. މިކަން އިނގުނު ހަމައިން،އެފަދަ ކުއްޖަކު ބެލުމުގެ ބުރަ އުފުލަން ބޭނުން ނޫންކަމަށްބުނަމުން އަންހެނުންގެ މުއްސަނދި އާއިލާއިން ދަރިފުޅު އެމީހުން ބަލައިނުގަންނަ ކަމަށް ބުންޏެވެ. އަދި ފިރިހެން ކުއްޖާއާއި ތުއްތު ދަރިފުޅު ދޫކޮށް އެމީހުން ދިޔައީއެވެ.

ފިރިހެން ކުއްޖާ ހަދާނެއެއްގޮތެއްވެސް ނެތިގެން ފަހަރަކު މީހަކު ކައިރިޔަށް ގޮސް އާދޭސް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެއްވެސް މީހަކު އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށް ނުލިއެވެ.

ދާނެއެހެން އެއްވެސް ތަނެއް ނެތުމުން ފިރިހެން ކުއްޖާ ދަރިފުޅުގޮވައިގެން އެންމެ ފަހުން ގޮސް އޭނަގެ މަންމަގެ ގޭދޮރުގައި ޓަކި ޖަހާލިއެވެ. މަންމައަށް ދަރިފުޅު ފެނުމާއި އެކުއަވަސް އަވަހަށް ދޮރުހުޅުވިއެވެ. އަދި ދަރިފުޅާ ބޭބީގައިގައި ލޯބިން ބާރަށް ބައްދާލިއެވެ.

މުސްކުޅިން ބުނެއުޅެއެވެ. މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. އެގޮތުގެ މަތިން ދަރިފުޅު މަންމައަށް ހަދާލި އިހާނެތި ގޮތް ހަނދާން ނެތި ދަރިފުޅާއި މާމަ ދަރިފުޅަށް މަންމަގެ ހިތާއި އަދި ގެއިން ޖާގަ ހުސްކުރިއެވެ. މަންމައަށް ވާތީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް