ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމުގައިވާ ޓަރމް ތަކަށް އިޒްރޭލުން އިހްތިރާމް ކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ. އަދި އިޒްރޭލުގެ މުޅި ސަރުކާރާމެދު ވެސް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އަރާޗީ ވިދާޅުވީ ލުބްނާނުގައި ހިޒްބުﷲ ޖަމާއަތާއެކު މިދިޔަ ނޮވެމްބަރުމަހު ހެދި އެފަދަ އެއްބަސްވުމާ އިޒްރޭލުން އެތައް ފަހަރަކު ޚިލާފުވެފައިވާ ކަމުގައެވެ.އެހެންކަމުން ޣައްޒާގެ އެއްބަސް ވުމަށްވެސް އިހްތިރާމް ކޮށްފާނެ ކަމަށް ބެލޭނެ ތަނެއް ނެތް ކަމުގައި ވިދާޅުވިއެވެ. އިޒްރޭލުގެ ޒަޔަނިސްޓް ސަރުކާރުން މީގެ ކުރިންވެސް ކަންތައް ކުރަމުން އަންނަ ގޮތަށް ބަލާއިރު އެއްބަސްވުން ދަމަހައްޓާނެ ކަމުގެ އިތުބާރު އެއްގޮތަކަށްވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އީރާންގެ ރޭޑިއޯ ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވަނީ ޣައްޒާ އެއްބަސްވުމަށް އީރާނުން ފުރިހަމަޔަށް ތާއީދުކުރާކަން އަނެއްކާވެސް ހާމަ ކުރައްވާފައެވެ.އަދި އިޒްރޭލުގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެކުލަވާލެވޭ ކޮންމެ ޕްލޭން އަކަށް އީރާންގެ ތާއީދު އަބަދުވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީންވެސް ވަނީ އިޒްރޭލުގެ ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ޣައްޒާގައި ތިބި އިޒްރޭލު ސިފައިން ބާލާ،ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް މަގުފަހިކޮށް، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން ރައްޔިތުން މިނިވަންކޮށް، ފަލަސްތީން ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތެހްރާނުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.
ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ގެ ވާހަކަ ފުޅުގައި ވަނީ އިޒްރޭލުގެ އިތުރުން އެމެރިކާއިންވެސް ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ބެހޭ އެއްބަސްވުން ހިފަހައްޓާނީ ކިހާވަރަކަށް ކަން ސާފުނުވާކަމަށް ވިދާޅުވެފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ހުށައެޅުއްވުމެއްގެ މައްޗަށް އެކުލަވާލެވުނު ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް މިހާރުވަނީ އަމަލު ކޮށްފައެވެ. ނަމަވެސް އަރާޗީ ވިދާޅުވީ އެމެރިކާގެ އޮފިޝަލުންނާއި އެހެންވެސް އެމެރިކާ އަށް ތާއީދުކުރާ ފަރާތްތަކުން ވީ ވައުދުތައް ހިފަހައްޓާނެތޯ ސާފުވާން އަދި ވަގުތު ނަގާނެ ކަމުގައެވެ.
އީރާނުގެ ނިއުކްލިއަރ އަދި މިލިޓަރީ ސައިޓްތަކަށް އިޒްރޭލުން ކުއްލި ހަމަލާތަކެއް ދިނުމުގެ ސަބަބުން މިދިޔަ ޖޫން މަހު އެދެގައުމުން 12 ދުވަހުގެ ހަނގުރާމައެއް ކޮށްފައި ވެއެވެ.
އަރާޗީ ވިދާޅުވީ އިޒްރޭލުން ތެހެރާނާ ދެން ކުރިތިލާން ބޭނުން ނޫންކަމަށް ބުނެ ރަޝިޔާއިން ފޮނުވި މެސެޖެއް ލިބިވަޑައިގެންނެވި ކަމަށެވެ. މީގެ ތިން ހަތަރު ދުވަސްކުރިން ކުރިން ނަތަންޔާހޫ އާއި ޕޫޓިން ފޯނުން ގުޅުއްވިކަމަށާ، އީރާނާ ދެކޮޅަށް ހަނގުރާމަ އަކަށް ދާން ދެން އިޒްރޭލުން ގަސްތު ނުކުރާކަމަށް މިފޯންކޯލްގައި ނަތަންޔާހޫ ވިދާޅުވި ކަމަށް، ރަޝިޔާގައި ހުންނަވާ ތެހެރާންގެ އެމްބެސެޑަރަށް ރައްދުކުރެވުނު މެސެޖްގައި ވާކަމަށެވެ.
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވީ މިފަދަ މެސެޖެއް ލިބުނު ނަމަވެސް އިރާނުން އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގައި ކަމަށާ އަސްކަރީ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރަމުން ގެންދާ ކަމަށެވެ.