ބަންގްލާދޭޝްގައި ކިޔަވާކުދިން އިސްވެތިބެ ކުރިޔަށް ގެންދިޔަ މުޒާހަރާ ތަކާއި ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުން ކުރި ގޮތުން ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދޭން ޖެހޭކަމަށް މިހާރު ކުރިޔަށްދާ ޝަރީއަތް ތަކުގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.
ސަރުކާރާ ދެކޮޅު ފަރާތްތަކުން ފެށި މުޒާހަރާ ތައް ވަރުގަދަވެ، ތަންތަން ރޯކޮށް، ތަކެއްޗާއި ތަންތަނަށް ގެއްލުން ދޭން ފެށުމުން ޝެއިޚް ހަސީނާ ވަނީ ގައުމު ދޫކުރައްވާ އިންޑިޔާއަށް ދަތުރު ކުރައްވާފައެވެ. ހަސީނާގެ އަމުރަށް ސަރުކާރުގެ ފުލުހުންނާއި ސިފައިވަނީ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފް ޖަރިމާތައް ހިންގާފައި ކަމަށް ބުނެ ސަރުކާރުން މިހާރުގެންދަނީ ހަސީނާގެ ޣައިރު ހާޒިރުގައި އެކަމަނާގެ މައްޗަށް ޝަރީއަތް ހިންގަމުންނެވެ. ނަމަވެސް ހަސީނާ މިތުހުމަތު ތަކަށް އިންކާރު ކުރައްވައެވެ.
އިދިކޮޅުފަރާތްތަކުން މުޒާރާޔަށް ނިކުތީ ސަރުކާރުގެ ތެރޭގައި އިންތިހާދަރަޖަޔަށް ކޮރަޕްޝަން އާންމުވެ، ވަޒީފާ ދިނުމުގައިވެސް އާންމުންނަށް ފުރުސަތު ނުލިބޭތީ ހިތްހަމަ ނުޖެހުން ބޮޑުވެގެންނެވެ. މުޒާހަރާކުރަން ނިކުތް މީހުންގެ ގަޔަށް ބަޑިޖަހާ ސިފައިން ހަރުކަށިކަން ދައްކާފައިވަނީ 1971 ވަނަ އަހަރު މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމައިގެ ފަހުން އެކަން ނުފެންނަ މިންވަރަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނުވި މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން ސިފައިންނާއި ފުލުލުހުން ބަޑިޖެހުމުގެ ސަބަބުން 1400 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ޗީފް ޕްރޮސެކިއުޓަރު ތަޖުލް އިސްލާމް ބުނެފައިވަނީ ހަސީނާ އަށް 1،400 މަރުގެ އަދަބު ހައްގުވާކަމުގައެވެ.ނަމަވެސް މިއީ ނުކުރެވޭނެ ކަމަކަށް ވާއިރު މަރުގެ ހުކުމް ކުޑަމިނުން އެއްފަހަރު އިއްވަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ހަސީނާ ގަސްތުކުރައްވައިގެން ހުންނެވީ މުޅިއުމުރަށް ވެރިކަމުގައި ހުންނެވުމަށް ކަމަށާ އެކަމުން އޭނާއަށާ އާއިލާއަށް ދާއިމަށް ފައިދާތަކެއް ނަންގަވަމުން ގެންދެވުމަށް ކަމަށް އިސްލާމް ބުނެފައި ވެއެވެ. ވެރިކަމުން ދުރު ކުރެވުނު އިރު ހަސީނާވަނީ އެންމެ ވަރުގަދަ ”ކްރިމިނަލް“ އަކަށް ބަދަލު ވެފައިކަމަށާ އެހާގިނަބަޔަކު މަރާ، އާންމުންނަށް ދިން ގެއްލުމާއި މެދު ކުޑަކޮންވެސް ދެރަވުމުގެ ކަމެއް ހަސީނާގެ ހިތުގައި ނުވާކަމަށްވެސް ޗީފް ޕްރޮސެކިއުޓަރު ތަޖުލް އިސްލާމް ބުނެފައި ވެއެވެ.
2024 ވަނަ އަހަރުގެ ޖުލައިމަހު ބަންގްލާދޭޝްގައި ފުރަތަމަ ކިޔަވާކުދިން މުޒާހަރާ ކުރަން ނިކުތީ ވަޒީފާގެ ކޯޓާއެއް އޮންނަ ކަމަށް ބުނެ ކިތަންމެ މަތިން ފާސްވާ އާންމު ކުއްޖާއަށް ވަޒީފާ ދޭން ސަރުކާރުން ދެކޮޅު ހަދަމުން ދިއުމާއި ގުޅިގެންނެވެ. މުޒާހަރާތައް ހޫނުވަމުންގޮސް ސިވިލް ސަރވަންޓުންނާއި އެހެންވެސް ގްރޫޕްތަކުން ވަނީ މުޒާހަރާތަކާއި ގުޅިފައެވެ. އަދި އޮގަސްޓް 5 ވަނަ ދުވަހު ވަނީ މުޒާހަރާ ކުރި ފަރާތްތަކުން ހަސީނާގެ ގަނޑުވަރަށް ވަދެގަނެފައެވެ.
އެދުވަހު އެކަނިވެސް ފުލުހުން ބަޑިޖަހާ މަދުވެގެން 52 މީހުން ވަނީ މަރާލާފައެވެ. ހަސީނާއަށް ދައުލަތުން ހަމަޖައްސާ ދީފައިވާ ވަކީލު ބުނި ގޮތުގައި މުޒާހަރާ ކުރި ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ބަޑިޖަހަން މަޖްބޫރުވީއެވެ.
ޝެއިޚް ހަސީނާ އާއި އެކުއެކީ އޭރުގެ އިންޓީރިއަރ މިނިސްޓަ އަސަދުއްޒަމާން އަދި ކުރީގެ ޕޮލިސް ޗީފް ޗައުދްރީ އަބްދުﷲ ގެ މައްޗަށްވެސް އަންނަނީ ޝަރީއަތް ކުރެވެމުންނެވެ. މީގެ ތެރެއިން އަސަދުއްޒަމާން ގެ މައްޗަށްވެސް މަރުގެ އަދަބު އިއްވުމަށް ބާރު އަޅަމުން ދާއިރު އޭނަވަނީ ފިލާފައެވެ. ކުރީގެ ޕޮލިސް ޗީފް ޗައުދްރީ ވަނީ ކުށް ގަބޫލު ކޮށްފައެވެ.ނަމަވެސް އަދި އޭނާގެ މައްޗަށް ހުކުމް އިއްވާފައެއް ނުވެއެވެ.