އަމިއްލައަކަށް އަހަރެންނަކީ ދުނިޔޭގައި އެންމެ މަގްބޫލު ލީޑަރ އޭ ގޮވިޔަކަސް އަދި އެކަމަށް ސަޕޯރޓަރުން ގަތުމަށް ކިތަންމެ ބޮޑު ހޭދައެއް ކުރިއަސް ނޯބެލް އިނާމަކީ ފައިސާއިން އަގު ކަނޑައަޅާފައިވާ އެއްޗެއް ނޫންކަން ނޯރވޭގެ ނޯބެލް ކޮމިޓީން ދުނިޔެއަށް ދައްކައިފިއެވެ.
މި ފަހަރުގެ ނޯބެލް އިނާމް ހާސިލުކުރެއްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދެވީ ޕާރޓީ ކުދިންކޮޅާއި އަދި އެމެރިކާ ސަރުކާރަށް ލިބިފައިހުރި އެންމެހާ ވަސީލަތްތައްވެސް ބޭނުން ކުރައްވަމުންނެވެ. އެހެންނަމަވެސް ޑިމޮކްރެސީން ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކުރެއްވުމަށާއި ވެނެޒޫލާގައި ހިނގަމުންދިޔަ ޚުދު މުޚްތާރު ވެރިކަން ސުލްހަވެރިގޮތުގައި ނައްތާލުމަށް ކުރެއްވި ބުރަ ޖިހާދުގެ އަގު ވަޒަންކޮށް ނޯބެލް އިނާމް ލިބިވަޑައިގަތީ ވެނެޒޫލާގެ އިދިކޮޅު ލީޑަރ މާރިއާ ކޮރީނާ މަޗާދޯ އަށެވެ. ކަންދިމާވި ގޮތުން މިދިޔައަހަރު ނޯބެލް ކޮމިޓީއަށް އެ ކަމަނާގެ ނަން ހުށައަޅުއްވާފައިވަނީ ރައީސް ޓްރަމްޕްގެ މިހާރުގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއެވެ.
އެމެރިކާގައި ރައީސްކަން ކުރައްވަމުންގެންދެވި 3 ބޭފުޅަކަށް މިހާތަނަށް ނޯބެލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައި ވެއެވެ. އެއީ 1906 ވަނައަހަރު ތިއޮޑޯރ ރޫޒަވެލްޓް އާއި 1919 ވަނައަހަރު ވުޑްރޯވް ވިލްސަން އަދި 2009 ގައި ބަރަކް އޮބާމާއެވެ. ރައީސްކަން ކުރެއްވުމުގެ 20 އަހަރުފަހުން 2002 ވަނައަހަރު ޖިމީ ކާރޓަރ އަށް ސުލްހައިގެ އިނާމް ވަނީ ލިބިވަޑައިގެން ފައެވެ. އަދި ކުރީގެ ނައިބު ރައީސް އަލްގޯރ 2007 ވަނައަހަރު ވަނީ އެ އިނާމް ހާސިލު ކުރައްވާފައެވެ.
ރައީސް ބަރަކް އޮބާމާއަށް ނޯބެލް ސުލަހައިގެ އިނާމް ލިބި ވަޑައިގެންފައި އޮތުމާއެކު ރައީސް ޓްރަމްޕް އަށް ލިބިވަޑައިނުގަތުމުން “ އެމެރިކާ ފުނޑާލުން ނޫނީ އޮބާމާ އެމެރިކާއަށް ކޮށް ދެއްވީ ކޮންކަމެއްތޯ “ ރައީސް ޓްރަމްޕް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ނޯބެލް އިނާމް ލިބި ވަޑައިގެންނެވި މާރިއާ ކޮރީނާ މަޗާދޯ ވިދާޅުވެފައިވަނީ ޑިމޮކްރެސީގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރަން އެކަމަނާ ކުރެއްވި ޖިހާދުގައި ރައީސް ޓްރަމްޕް ދެއްވި އެއްބާރުލުން ގަބޫލުކުރެއްވުމާއެކު އެކަމަނާއަށް ލިބި ވަޑައިގެންނެވި އިނާމު ރައީސް ޓްރަމްޕް އަށް ހަދިޔާކުރައްވަން ބޭނުންފުޅު ކަމަށެވެ. މާރިއާ ކޮރީނާ މަޗާދޯއަށް އިނާމް ކާމިޔާބު ކުރެއްވުމުން ރައީސް ޓްރަމްޕް ފޯނުކުރައްވައި ތަހްނިޔާ ވިދާޅު ވެފައިވާ ކަމަށް އެކަމަނާގެ ކެމްޕޭން މެނޭޖަރ މީޑީއާގައި ބުނެފައިވެއެވެ.
އެންމެ ފުރަތަމަ 1901 ވަނައަހަރު ދެވުނު ނޯބެލް އިނާމް ދެވެމުން އަންނަނީ ސްވިޑްންގެ ސްޓޮކްހޯމަށް އުފަންވި އަލްފްރެޑް ބަރންހާރޑް ނޯބެލްގެ ވަސިއްޔަތުގައި ކަނޑައާޅައިވާ ގޮތުގެ މަތިން ދުނިޔޭގެ އާންމު ސުލްހައާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ފާހަގަކުރެވޭ ޖިހާދުތަކެއް ކުރަމުންގެންދާ ފަރާތްތައް ޚާއްސަކުރުމާއެކު ދުނިޔެއިން ހަނގުރާމައި ޖަރީމާތަކާއި ގެއްލުންތައްވެސް ކުޑަކުރަން ހިތްވަރު ދޭ ފަރާތްތަކަށެވެ. އަލްފްރެޑް ނޯބެލް އަކީ ކެމިސްޓެއްގެ އިތުރުން ވިޔަފާރިވެރި އިންޖިނޭރެއް ވެސް މެއެވެ. ތާރީޚުން އެނގޭ ގޮތުގައި ޑައިނަމައިޓް އީޖާދުކުރީ އަލްފްރެޑް ނޯބެލް އެވެ.