ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު އިއްޔެ(ހުކުރު ދުވަހު) ހެނދުނު އިނގިރޭސި ވިލާތުގެ ސަމަރ ޓައިމް ( ބީ އެސް ޓީ ) އިން 10 އިން ފެށިގެން ހުއްޓުމަކަށް އާދެވިއްޖެކަމަށް އިސްރާއީލް މިލިޓްރީއަށް ހަވާލާދީ ދި އިންޑެޕެންޑެންޓުން ހާމަކޮށްފިއެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި ހަމާސްގެ ރަހީނުންގެ ގޮތުގައި ތިބި ހުރިހާ އަސީރުން ކުރިއަށްއޮތް 72 ގަޑިއިރު ތެރޭގައި މިނިވަންކުރަން ޖެހޭނެކަމަށް އިސްރާއީލުން ބުނެފައި ވެއެވެ. ބިއްލޫރި ތައްޓެއްފަދަ ނާޒުކު “ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް “ ރޭގެ ވަގުތެއްގައި އިސްރާއީލުގެ ސަރުކާރުން އެއްބަސް ވެފައިވާކަމަށާއި އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ނެރެވޭނެކަމަށް އިސްރާއީލުގެ ދިފާއީ ރޭޑިއޯ އިން ވަނީ އިއުލާންކޮށްފައެވެ. އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލު ކުރެއްވުމެއްގައި ރަހީނުން މިނިވަންކުރަންޖެހޭގޮތުގެ ޕްލޭނަކާއި އަދި ވަގުތުން ހަނގުރާމަ ހުއްޓާލައި 24 ގަޑިއިރު ތެރޭގައި އިސްރާއީލުގެ ލަޝްކަރުތައް ގައްޒާއިން ނެރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބީ އެސް ޓީން 11.30 ގައި ވަނީ ނިންމާފައެވެ.
އިސްރާއީލުގެ ލަޝްކަރުތައް ގައްޒާއިން ނެރެފިކަން އިސްރާއީލުން ކަށަވަރު ކޮށްދިނުމާހަމަޔަށް ގައްޒާއިން މިހާރު ނިކުމެގެންގޮސްފައިވާ އާންމު ރައްޔިތުން އެނބުރި ނައުމަށް ގައްޒާގެ މަދަނީ ދިފާއީ އޯރގަނައިޒޭޝަނުންވަނީ އިންޒާރު އާންމުކޮށްފައެވެ.
ގައްޒާގެ ގަތުލު އާންމު ނިންމުމުގެ ސިއްކަ ޖެހުމުގެ މަޝްވަރާތައް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގައި ކުރިއަށް ދިޔަވަގުތުގައި ވެސް އިސްރާއީލުން ގެންދިޔައީ ގައްޒާއަށް ހަމަލާ ދެމުންނެވެ.