ދެކުނު އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ޓެމިލްނާޑޫ ގައި ސިޔާސީ އެއްވުމެއްގައި ބައިވެރި މީހުންގެ ތެރޭ ފިތިގެން، ކުޑަކުދިން ހިމެނޭހެން 39 މީހުން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ގިނަ ބަޔަކު އެއްވީ މިހާރު ސިޔާސީ މައިދާނާ ގުޅިފައިވާ އެކްޓަރ ވިޖޭގެ ކެމްޕެއިން ހަރަކާތަކަށް ކަމަށްވެއެވެ. މި ހަރަކާތް އެތައް ގަޑިއިރަކަށް ލަސްކުރަން ޖެހުމުން ގިނަބަޔަކަށް އެކަމުގެ ތަކްލީފް ކުރިމަތިވެ ބައެއްމީހުން އަނބުރައިގަންނަމުންދާ މަންޒަރު ލޯކަލް ޗެނެލް ތަކުން ދައްކާފައި ވެއެވެ.
ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ އެމް ކޭ ސްޓާލިން މައުލޫމާތު ދެއްވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 17 އަންހެނުންނާއި 13 ފިރިހެނުން އަދި 9 ކުޑަކުދިންނެވެ.މަރުވި މީހުންގެ އިތުރުން 51 އެއްމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ޚަބަރު ލިބެއެވެ.
އަދި މިހަރަކާތުގައި މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް އެއްމިލިއަން ރުޕީސް ދޭނެ ކަމަށާ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާކަމަށް މިނިސްޓަރ ސްޓާލިން މައުލޫމާތު ދެއްވާފައި ވެއެވެ.
މިހާދިސާއާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ އެއީ ވަރަށް ބަދުނަސީބު ހާދިސާއެއްކަމަށް ވިދާޅުވެ، އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ސިޔާސީ އެއްވުން ތަކުގައި މިގޮތަށް ފިތިގެން މީހުން މަރުވުމަކީ އިންޑިޔާ ގައި އާކަމެއް ނޫނެވެ.
![]()
