އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.
ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސްހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ކަނޑޫދޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެމަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފައެވެ.