ހުރިހާވެސް ޝުކުރެއްހުރީ ނިއުތްތަކުގެ ވެރި ﷲ އަށެވެ.

Loading

September 22, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އޭރު އައިޝާގެ އުމުރުން 19 އަހަރެވެ. ގްރެޖުއޭޓްވެ ނިމުމުން ލޯބިވާ މީހަކާއެކީ އުވާވެރި ހަޔާތެއް ފަށަން ތައްޔާރު ވާންވީ ވަގުތެވެ. ނަމަވެސް އޭނާގެ ހަޔާތުގެ ރާސްތާގައި ކުއްލިއަކަށް ގޯޅިއަޅަން ޖެހުނެވެ. މަޖްބޫރު ވެގެންނެވެ.


ދިރިއުޅުމުގެ ޚަރަދުތަކާ ކުދިންގެ ކިޔެވުމަށް ކުރަންޖެހުނު ޚަރަދުތައް ބޮޑުވެ ބައްޕަވަނީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައެވެ. މިކަމާމެދު ހަދާނެ ގޮތެއް ނޭގި ކަންބޮޑުވެފައި ހުއްޓާ ބައްޕަގެ ރައްޓެހި، އުމުރުން ދުވަސްވީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަހަންމައިދީ އާ ބައްޕަ އެއްދުހަކު ބައްދަލް ވިއެވެ. ދިރިއުޅުމުގެ އެކި ވާހަކަ ދައްކަމުން ގޮސް އާއިލާގެ ހާލަތުގެ ވާހަކަ ކިޔާދިނުމުން އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އަހަންމައިދީ ބުންޏެވެ. ”ކަލޭމެންގެ ދަރިފުޅު އައިޝާ އަކީ އަހަރެން ވަރަށް ގަބޫލު ގޮތްތަކެއް ހުންނަ ކުއްޖެކެވެ. އަހަރެންގެ އޮފީހުގައި ކޮންމެވެސް ތަމްރީނެއް ހަދަން އައިސް އުޅުނު އިރު އަހަރެން އޭނަދެކެމެވެ. ތިޔަ ދެމަފިރިން ގަބޫލު ނަމަ އަހަރެން މިހިރީ އައިޝާ އާއި ކައިވެނި ކުރާށެވެ. އަހަރެން މިއާއިލާގެ ހުރިހާ ދަރަނިތައް ދައްކާދީ ވަރަށް ބޮޑަށް އެހީތެރިކަން ދޭނަމެވެ.“
މީގެ ޖަވާބުގައި އައިޝާ އާއި ވާހަކަ ދައްކާލުމަށްފަހު ޖަވާބެއް ދޭނެ ކަމަށް ބައްޕަ ބުންޏެވެ. އޭގެ ދެމަސް ދުވަސް ފަހުން އައިޝާ އާއި އަހަންމައިދީ ގެ ކައިވެނި ކުރާ ގޮތަށް ނިންމުނެވެ. އައިޝާ އަށް މަޖްބޫރުވީއެވެ. ދަރަނީގެ ކަންތަކުގައި ބައްޕަ ވިސްނާ ވިސްނާ މާބޮޑަށް ބަލިވެސް ވާން ފަށާފައި ވުމާއި އެކު އައިޝާ ނިންމީ ކޮންމެ ފަދަ ގުރުބާނީ އެއްވެގެން ނަމަވެސް ބައްޕައަށާ އާއިލާ އަށް އެހީވުމަށެވެ.
ކަނޑައެޅި ތާރީހުގައި އައިޝާ އާއި އަހަންމައިދީގެ ކައިވެނި ޕާޓީ ބޭއްވިއްޖެއެވެ. ބޭރުން ބަލާ މީހަކަށް ކައިވެނިރޭ ވަރަށް ވެސް ފުރިހަމަ އެވެ.ހީވަނީ ”ފެއާރީ ޓޭލް“ އެއްގައި އުޅެވޭހެން ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.އެތައް ހާސް މަލުން ޒީނަތްތެރި ކޮށްފައިވާ ހޯލް އެއްގައި ކައިވެނި ކުރިޔަށް ދިޔައިރު ކާއެއްޗިއްސާއި އެކި ކަހަލަ ފިނި ބުއިންތައް ދިޔައީ އޮހެމުންނެވެ.
އައިޝާ އަގުބޮޑު ރީތި ހުދުކުލައިގެ ވެޑިން ހެދުމެއް ލައިގެން ހުރިއިރު ހީވަނީ ޕްރިންސެސްއެއް ހެންނެވެ. އަހަންމައިދީ ވެސް ހުދުކުލައިގެ ގަމީހަކާ އެއާގުޅޭ ކޯޓުފަޓުލޫނު ލައިގެން ހުރިއިރު ވަރަށް އުފާވެފައި ހުރިތަން ފެނުނެވެ. އައިޝާގެ އަތުގައި ހިފާލައިގެން އެއްވެފައިވާ މެހްމާނުންނާ ބައްދަލް ކުރަމުން ދިޔައިރު އެމީހުންގެ ހެޔޮ އެދުންތައް އޮއްސަމުން ގެންދިޔައެވެ. ބައެއް އަންހެނުން އައިޝާ އާއި މެދު ޖެލަސް ވެފައި ވާއިރު އަނެއްބަޔަކު ދިޔައީ މި ރީތި އަންހެން ކުއްޖާ މިހާ އުމުރުން ދުވަސްވީ މީހަކާ އިނީ ކީއްވެގެންތޯ ވިސްނަމުންނެވެ. ނަމަވެސް އެރޭ ކުރިޔަށް އޮތް ވަގުތު ތަކުގައި ޖެހޭނެ ކަންތަކާ އައިޝާ ބިރުން ހުރީ ކިހާވަކަށް ކަމެއް އެކަކަށްވެސް ނޭނގެއެވެ.
އެރޭ ޕާޓީ ނިމި ހުރިހާ މެހްމާނުން ދިއުމުން އައިޝާ ދެމަފިރިން ނިދަން ހަމަޖެހިފައިވާ ކޮޓަރިއަށް ދިޔައެވެ. އޭގެ ގަޑިއެއްހާއިރު ކުރިން އަހަންމައިދީ ވަނީ ވަރުބަލިވެއްޖެ ކަމަށާ ކުޑަކޮށް ޖައްސާލަން ދާނަމޭ ބުނެ ޕާޓީ ދޫކޮށް ގޮސްފައެވެ. އައިޝާ ވަންއިރު ކޮޓަރިތެރެ ވަރަށް ވެސް ހިމޭނެވެ. ދެމަފިރިންނަށް ތައްޔާރު ކޮށްފައިވާ ބޮޑު އެނދުގައި އަހަންމައިދީ އޮށޯވެލައިގެން އޮތެވެ. އޮތީ ޕިޖާމާގެ ހަރުވާޅާ އެކު ހުދުކުލައިގެ ރޯބްއެއް ލައިގެންނެވެ. ބާލީހުގައި ބޯއަޅާލައިގެން އޮތް އިރު ދެލޯވެސް ވަނީ މެރިފައެވެ.
އައިޝާ ނާންނަނީސް ނުނިދާނެކަން އެނގެއެވެ. މާވަރުބަލިވީ އެވެ. ފާހާނާ އަށް ވަދެލުމަށްފަހު މަޑު ހިނގުމެއްގައިގޮސް އައިޝާ އެދުގައި އަހަންމައިދީ ގެ މަގަތުގައި އިށީދެލިއެވެ. އޭރު ނޭނގޭ އިހުސާސެއް ވެރިވެ މުޅިމީހާ ތުރުތުރު އަޅަމުން ދިޔައެވެ. ކުރިޔަށް އޮތީ އޭނާ އެންމެ ކުރިމަތިލާން ބޭނުން ނުވި ވަގުތު ތައްކަމަށް ވީމައެވެ. އަހަންމައިދީ އޭނާގެ އަތުގައި ހިފާލާ ހަމައިން ކިތަންމެ ހިތް ނޭދުނަސް އޭނާއަށް ޖެހޭނީ އަންބެއްގެ ވާޖިބް އަދާކުރާށެވެ.
އެގޮތަށް އިށީދެގެން އިންނަތާ އިރުކޮޅެއް ވުމުންވެސް އަހަންމައިދީގެ ފަރާތުން އެއްވެސް ހަރަކާތެއް ނައުމުން މަޑުމަޑުން އެނބުރި ބަލާލިއެވެ. އަދި އަތުގައި އަތް ޖައްސާލުމަށްފަހު ނަމުން ގޮވާލިއެވެ.
އަހަންމައިދީގެ ގައިގަ އަތް ޖައްސާލުމާއި އެކު އައިޝާދިޔައީ ސިއްސައިގެންނެވެ. އެއަތް ހީވަނީ ފިނި ގަނޑުފެން ކޮޅެއް ހެންނެވެ. ”ޑާލިންގ“ އޭ ކިޔާފަ އަނެއްކާވެސް ގޮވާލުމުންވެސް އެއްވެސް ހަރަކާތެއް ނައުމުން އައިޝާ ހާސްވެއްޖެއެވެ. ހިތުގައި ޝައްކެއް ހިނގައިގެން ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ހަށިގަނޑު ވަނީ ހަރުވެފައެވެ.
އައިޝާ އަވަސް އަވަހަށް އެކިމީހުންނަށް ގުޅާ އެހީތެރިކަން ހޯދިއެވެ. ނޯކަރުންނާއި ޑޮކްޓަރުން އަދި އެހެންވެސް ޓީމްތަކުން އައިސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް އެންމެން ކުރި މަސައްކަތުން ވެސް އަހަންމައިދީ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. އައިޝާ ތިރީގައި މެހްމާނުންނާއެކު އުޅެމުން ދަނިކޮށް އޭނާޔަށް ވަނީ ކުއްލި ހާޓް އެޓެކެއް ޖެހި ހިތް ހުއްޓިފައެވެ.އޭނާގެ މަރަކީ މުޅިން ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ފަހުންވަނީ ލިއުން ދީފައެވެ.
އަލަތު އަންބެއްގެ ގޮތުގައި ދުވަސްތައް ފަށަންވީ ވަގުތު އޭނާވަނީ މީހެއްގެ ހުވަފަތް އަންބަކަށް ވެފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.
އަނެއް ދުވަހު ހެދުނު ހެނދުނާ ހުރިހާ ޓީވީ އަދި ނޫސް ހެޑްލައިން ތަކަށް އެޚަބަރު އެރިއެވެ.ޒުވާން އަންހެން ކުއްޖަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާ އެއްގެ ވާހަކަ އެވެ.
އެންމެންނަށް ވެސް އެންމެ ހައިރާންކަން ގެނުވި އެއްކަމަކީ އަހަންމައިދީ ގެ ”ވިލް“ ގައިވާ ނިންމުމެވެ. އޭގައިވާ ގޮތުން އަހަންމައިދީ އޭނާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކާއި ތަނެއް ވަނީ އައިޝާ އަށް ހިބައިން ދީފައެވެ. އޭނާގެ ދަރިއަކުވެސް ނެތުމާއި އެކު މިކަމާ ދެކޮޅު ހަދާނެ މީހަކުވެސް ނެތެވެ.
އެންމެ ރެޔަކުން އައިޝާ ވަނީ އާއިލާގެ ބޮޑު ދަރަނި އަދާ ކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހިފައިވާ މީހަކުން، ގެތަކާއި ކާރުތަކާއި، ފުރިބަރާވެފައިވާ ބޭންކް އެކައުންޓްތަކާއި ޖަވާހިރުގެ ގަހަނާތަކުގެ އިތުރުން އެތައް ކާމިޔާބު ވިޔަފާރި ތަކެއްގެ ވެރިޔާ އަށް ބަދަލު ވެފައެވެ.
ރޭގަ އޭނަ ހުރީ އުމުރުން ދުވަސްވީ މީހެއްގެ ހިތް އުފާކޮށްދީގެން އޭނާއާއި އެކު އަހަރުތަކެއް ގުނަމުން ދިއުމަށް ތައްޔާރުވެގެންނެވެ. ފިރިމީހާ އެއީ ތިމާ ލޯބިވާ މީހަކަށް ނުވިނަމަވެސް އެވެ. ނަމަވެސް މިއަދު އިރު އެރިއިރު އޭނާޔަށް މިވަނީ ކުރިން ދުވަހަކުވެސް ކުރަން ޚިޔާލަށްވެސް ނުގެނެވޭ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ލިބިފައެވެ. އެފަދަ ދޮރުތައް ވަނީ ހުޅުވިފައެވެ.
ހުރިހާވެސް ޝުކުރެއްހުރީ ނިއުތްތަކުގެ ވެރި ﷲ އަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް