އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. މިއާއެކު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، އެ ނިންމުމަކީ ޔަހޫދީ ދައުލަތާ އެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ޞުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ފަލަސްޠީނުގެ މިނިވަންކަން ލައިގަތުމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ވީޑިއޯ މެސެޖެއްގައި
އެތިން ގައުމަށް މުޚާތަބް ކުރައްވާ ވިދާޅުވެފައިވަނީ އެތިން ގައުމުން އެދިނީ ޓެރަރިޒަމް އަށް ބޮޑު ހިއްވަރެއް ކަމުގައެވެ. އަދި އިތުރު ސާފު މެސެޖެއް ދެއްވާ ކަމަށާ، ޖޯޑަން ރިވަރ ކިއުއުނު ކޯރުގެ ހުޅަގު ފަޅީގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ވެގެން ނުދާނެ ކަމަށްވެސް ނަތަންޔާހޫގެ މެސެޖް ގައި ވިދާޅުވެފައި ވެއެވެ. އަދި އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން މިކަމަށް ރައްދު ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަށް އަމާޒުކޮށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ވެސްޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ހުޅަނގުގެ ޤައުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް އާންމުން ގޮވާލައި ގޮވައިލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.
މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅަނގުގެ ބައެއް ޤައުމުތަކުން ކުރިން ވަނީ އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފައެވެ. މީގެ ކުރިން 140އަށްވުރެ ގިނަ ޤައުމު ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައިވާ އިރު، އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް މިހާރު މި ވަނީ މި ލިސްޓަށް އިތުރުވެފައެވެ. އެ ތިން ޤައުމަކީ ވެސް ޒަމާނުއްސުރެ ޔަހޫދީންގެ ވާގިވެރިންގެ ގޮތުގައި ތިބި ތިން ޤައުމެވެ.
އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ނިންމުމެކެވެ. އެއީ އެ ޤައުމަކީ އެންމެ ފުރަތަމަ ޔަހޫދީ ދައުލަތް އުފެއްދުމުގައި ބޮޑު ދައުރެއް ޢަދާ ކުރި ޤައުމަކަށް ވާތީއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކީރު ސްޓާމަރ ވިދާޅުވީ ޣައްޒާއަށް ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިޘާ ވަނީ މީގެ ކުރިން ގޯސް ނުވާ މިންވަރަށް ގޯސްވެފައި ކަމަށެވެ. ޔަހޫދީ ސަރުކާރުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތައް އިތުރުކޮށްފައިވާ ކަމަށާއި އެ ޙަމަލާތަކާއި، ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނު ކަމުގެ ޙާލަތާއި ދެމުންދާ ފަނާކުރަނިވި ގެއްލުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ނިއުޔޯކުގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ފަރަންސޭސިވިލާތުން ވެސް ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށް އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ވިދާޅުވެފައެވެ.
![]()

One Response
އައްބާސް އަކީ ޚާއިނެކެވެ. ފަލަސްތީނުގައި އެންމެފަހުން ބޭއްވުނު މިނިވަން އިންތިޚާބުގައި ހަމާސް 70% ކާމިޔާބު ކުރުމުންވެސް އެބައިމީހުން ވެރިކަން ކުރިއަނުދީ ޒައްނިސްޓުންނާއި ގުޅިގެން ތަނުގައި ހަމަނުޖެހުން އުފައްދައި ވެރިކަމަށް ވެރިވެގެން ހުންނަ މީހެކެވެ. އެމެރިކާގެ ގޮނޑި ކޮއްކޮއެވެ. މިހާރުވެސް އެކިޔާ ދެ ދައުލަތެއް އުފެދިގެން ދާއިރުވެސް އޭނާ ވެރިޔަކަށް އިސްކުރުމަށް މިވަނީ އެބައިމީހުން މަޝަވަރާ ކޮށްފައެވެ. ހަމާސް ބައިވެރި ނުކޮށް ބޭއްވޭ އެއްވެސް އިންތިޚާބެއްގެ ދަށުން ފަލަސްތީނަށް އަމަން އަމާންކަން އަންނާނެ ގޮތެއް ދުނިޔޭގެ ގިނަ މީހުނަކަށް ނުވިސްނެއެވެ.