ރިޔާސީ ބޭނުންތަކަށް ޖެޓަކާއި ގައުމުގެ ބިމުން ބިޔަ މިލިޓްރީ ބޭސްއެއް ދިނީމާވެސް ނުފުދުނު

Loading

Facebook
Twitter
WhatsApp

އަރަބި ގައުމުތަކުގެ ތެރެއިން އެމެރިކާއާއި އެންމެ ގާތް ގުޅުމެއް އޮނަ ކަމަށް ބެލެވެމުން އައި ގަތަރުން އެމެރިކާގެ މިލިޓްރީ ބޭސްއަކަށް ބޮޑު ބިމެއްދީ މިލިޓްރީބޭސް މަރާމާތުކޮށް ހިންގުމަށް ބޮޑެތި ޚަރަދުތަކެއްވެސް ކޮށްދެމުން ގެންދިއުމާއެކު މީގެ ހަތަރުމަސް ދުވަސް ކުރިން ގަތަރަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް  ވަޑައިގަތުމުން ރަތްދޫލައިން މަރުހަބާ ކިޔައި ރިޔާސީ ބޭނުންތަކަށްޓަކައި 400 މިލިއަން ޑޮލަރުގެ އަގުބޮޑު ލަގްޒަރީ ޖެޓެއް ހަދިޔާކޮށް އަދި އެތައް ބިލިއަން އެމެރިކާ ޑޮލަރ އެމެރިކާގައި އިންވެސްޓްކުރަން އެއްބަސްވުމުންވެސް ނަހަލާލު ދަނބިދަރި އިސްރާއީލުގެ ހިތުގައި ގަތަރު މިލްކް ކުރުމަށް ގެންގުޅޭ ހީލަތްތެރި ރޭވުން ބަދަލު ކުރާކަށް ޓްރަމްޕް ބޭނުމެއް ނުވިއެވެ.

އިސްރާއީލުގެ ބާރުގެ ދަށަށް ގަތަރު ހިނގައްޖެނަމަ ނަހަލާލު ދަނބިދަރި އުފާކުރާތަން ދުށުމުގެ އިތުރުން ގަތަރުގެ މުއްސަނދިކަން އެމެރިކާގެ ބާރުގެ ދަށަށްވެސް ގެނެވުނީއެވެ.                                                           

ގައްޒާގެ ހަނގުރާމަ ނިންމުމުގެ މަޝްވަރާތަކުގައި ގަތަރުގެ ފަރާތުން އިސް މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ އެގައުމުގެ ބޮޑުވަޒީރު ޝައިޚް މުހަންމަދު ބިން އަބްދުއް ރަޙްމާނު ބިން ޖާސިމް އަލް ސާނީ ވަނީ މިދިޔަ ހޯމަދުވަހު ހަމާސްގެ ފަރާތުން މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަންދޫބު ޚަލީލް އަލް-ހައްޔާއާއި ބައްދަލު ކުރައްވައި ހަމާސްއިންވެސް މަޝްވަރާތަކަށް މަގުފަހިކޮށް ދެއްވުން އެދިވަޑައިގެންނެވިއެވެ. ދެން އޮނަނަ ބައްދަލުކުރެއްވުމުގައި ހަމާސްގެ ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައި ތިއްބާ ކުއްލިއަކަށް ފެނުނީ އަންގާރަދުވަހު ހަވީރު އިސްރާއީލުގެ ޖެޓްތަކުން ގަތަރުގެ ރެޒިޑެންޝަލް އިމާރާތަކަށް ހަމަލާ ދީ ހަމާސްގެ 5 ބޭފުޅަކާއި ގަތަރުގެ ސެކިއުރިޓީ ގާރޑް ވަނީ ޝަހީދުކޮށްލާފައެވެ.     

އާންމުގޮތެއްގައި ގައްޒާގެ ހަނގުރާމައިގެ މަޝްވަރާތަކުގައި އިސްރާއީލާ ދެކޮޅަށް ހަރުކަށީ ބަސްމަގެއް ގެންގުޅުއްވާ ގަތަރުގެ ބޮޑުވަޒީރުގެ ވާހަކަފުޅާ ގުޅިގެން 23 މަސްދުވަސް ފައީތުވެގެންދާ ހަނގުރާމަ  ހުއްޓުވުމުގެ މަޝްވަރާތައް އަނެއްކާވެސް ދިގުލައިގެން ދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.. އަދި މި ހިނގާދިޔަ ނުރައްކާތެރި ހަމަލާއާއި ގުޅިގެން ގަތަރުގެ ވެރިރަށަށް ވަނީ ނާމާންކަން ވެރިވެފައެވެ.               

މި ދިޔަ ބުދަދުވަހު ބެކީ އެންޑަރސަން ސީ އެން އެން އަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ އިސްރާއީލުން ހިންގީ ސްޓޭޓް ޓެރަރ އެއް ކަމަށާއި މެދުއިރުމަތީގެ ސުލްހައަށް ދެން ކުރެވިދާނެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. މިހާތަނަށް އެމެރިކާގެ ބައިވެރިންގެ ގޮތުގައި ދެމިތިބި މެދުއިރުމަތީގެ ގައުމުތަކުގެ ވިސްނުމަށް މި ހަމަލާގެ ސަބަބުން ކޮށްފާނެ ނުރަނގަޅު އަސަރުތަކެއް ހުންނާނެކަމަށް ގަބޫލުކުރެވެއެވެ. ސައޫދީ އެރޭބިއާއާއި އެމިރެޓްސް އަދި ގަތަރުން އެމެރިކާގައި އިންވެސްޓްކުރާނެ ކަމަށް ބުނެފައިވާ 3 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިއަށްވެސް ދެން ވާނެ ގޮތެއް ބުނާކަށް ނޭގެއެވެ.                       

ބައެއް މީޑިއާތަކުން ފަތުރަމުންގެންދާ މައުލޫމާތުތަކުގައި ގަތަރުގެ އާންމު ރައްޔިތުން މަގުތަކަށް ނިކުމެ ގަތަރުގައި އެމެރިކާ މިލިޓްރީ ބޭހެއްގެ ބޭނުމެއް ނެތް ކަމަށާއި އެމެރިކާގެ އެއާރބެސް ނެރެން އަންގަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާނަ ފަށައިފިއެވެ. އަދި ގަތަރުގެ ސިފައިންގެ ބާރުގެ ދަށުގައި އަލް އުބައިދު އެއާރބޭސް ބާއަވަން ވެސް ގޮވަމުން ގެންދެއެވެ.                            

އިސްރާއީލުގެ ބޮޑުވަޒީރު މިހާރުވެސް ގެންދަނީ އަދިވެސް ގަތަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. ހަމައެއާއެކު  އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމަށް ނުސީދާގޮތެއްގައި ބާރު އަޅަމުންވެސް ގެންދާކަމަށްވެސް ބައެއް ޗެނަލްތަކުން ބުނެފައިވެއެވެ.                                      

އިސްރާއީލުން ދޯހާއަށްދިން ހަމަލާއާއި ގުޅިގެންއިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލު ވުމެއް ދޯހާގައި ބޭއްވިފައިވާ ކަމަށާއި އެހެންނަމަވެސް  އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ރަނގަޅަށް ސައިބޯއި ދުފާ ހެދުމަށްފަހު ބަޔާނެއް ނެރެ ފުއްދާލާނީ ތޯ އާއި އިސްރާއީލުން ކުރާނެކަމެއް ކުރަން އިތުރު ފުރުސަތު ހުޅުވާލާނީތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.  އިސްރާއީލަށް ހުއްޓުމެއް އަންނާނީ ހަމައެކަނި ރައްދު ހަމަލާއިން ކަމަށާއި އެކަން ކުރުމުގެ ހިތްވަރު ހުރީ ހަމައެކަނި އީރާނުގައިކަން އިސްރާއީލަށްވެސް އެނގޭ ކަމަށްބުނެ އީރާނަށް ތައުރީފްކޮށްފައިވެއެވެ.  ސިޔާސީ ވާހަކަތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ ރައްޔިތުން އެގައުމުތަކުގެ ވެރިންނަށް ކުރަމުންގެންދާ ފިއްތުންތަކަކީ އަގެއް ނެތް އެއްޗެއްކަންވެސް އިސްރާއީލަށް އެނގެއެވެ.       

ގަތރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާގައި އެތައް ބިލިއަން ޑޮލަރ އިންވެސްޓް ކުރަމުންދާއިރު އިސްރާއީލުގެ ހަމަލާއިން އެނގެނީ އެމެރިކާއިން ގަތަރުގެ ލާރިކޮޅު ކާލާފައި އިސްރާއީލަށް ޖާސޫސް ކޮށްދެނީކަމަށްބުނެ ބައެއް ޗެނަލް ތަކުން ތުހުމަތު ކުރެއެވެ. އަދި ގަތަރުން އެމެރިކާ ދޫކޮށްލުމަށްފަހު ޗައިނާއާއި ރަޝިޔާގެ ފަރާތްށް ލެނބުމުގެ ސިއްރު މަޝްވަރާތަކެއްވެސް އެބަ ކުރެވޭކަމަށްވެސް ބުނެފައި ވެއެވެ.        

ގަތަރުގެ ބޮޑު ވަޒީރު ޝައިޚް މުހަންމަދު ބިން އަބްދުއް ރަޙްމާނު ބިން ޖާސިމް އަލް ސާނީ އަށް ހަވާލާދީ އެކްސިއޯން އިން ރިޕޯރޓްކޮށްފައިވާގޮތުގައި އެމެރިކާއާއި ގަތރުގެ ގުޅުމާދޭތެރޭ އެގައުމުން ވަރަށް ފުންކޮށް ވިސްނާނެއެވެ. އެހެންނަމަވެސް އޭގެފަހުން ގަތަރުން ބުނެފައިވަނީ އެކްސިއޯންގެ ރިޕޯރޓަކީ ދޮގެއް ކަމަށާއި އެމެރިކާއާއި ގަތަރުގެ ގުޅުން އިހުނަށްވުރެންވެސް މިހާރު ވަރުގަދަ ވެއްޖެ ކަމަށެވެ.                     

ގްރޭޓަރ އިސްރާއީލުގެ ޗާޓުގައި މިސްރާއި ތުރުކީއަކީ އަކީ އިސްރާއީލުގެ ކުރިއަށް އޮތް އަމާޒުކަމުގެ އިންޒާރުވެސް ލިބެމުންދާކަމަށް ބުނެފައި ވެއެވެ.                                      

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ ލަދުހަޔާތްކުޑަ ހަމަލާއެއްގެ ގޮތުގައި އިންޑިއާ ޓުޑޭ އިން ސިފަކޮށްފައި ވެއެވެ. ހަމަ އެއާއެކު އެ ހަމަލާދީފައިވާގޮތުން ސުވާލުތަކެއް އުފެދޭ ކަމަށްވެސް ބުނެފައި ވެއެވެ. ބުނެވޭގޮތުގައި އިސްރާއީލުގެ ހަމާލެ މައުލޫމާތު އެމެރިކާއާއި ގަތަރަށްވެސް ކުރިން އޮތީ އެނގިފައެވެ. އެކަމަކު އެކަން ހުއްޓުވަން ނުވަތަ ފަނިކޮށްލަން އެޅި ފިޔަވަޅެއް އެނގޭކަށް ނެތެވެ. އެހެންކަމުން ފަހަތުން އައިސް ހަމާސްގެ ބުރިކަށްޓަށް ވަޅިޖަހަން ގަތަރުވެސް ބައިވެރިވެގެން އިސްރާއީލަށް ފުރުސަތު ތަނަވަސްކޮށްދިނީތޯ ސުވާލު އުފެދެއެވެ. 2023 އޮކްޓޯބަރަށްފަހު އިސްރާއީލުން ގައްޒާއަށާއި އީރާން އަދި  ސީރިޔާއަށް ހަމަލާ ދީފައިވާއިރު އަދި ހަމާސްގެ ސިޔާސީ އިދާރާ ގަތަރުގައި ގާއިމް ކޮށްފާ ހުރި ނަމަވެސް އިސްރާއީލުގެ ރާޑަރަށް މިހާތަނަށްވެސް ގަތަރ އަރާފައެއް ނުވެއެވެ.                                        

އިސްރާއީލުން ގަތަރަށް ދިން ހަމަލާއާދޭތެރޭ ރައީސް ޓްރަމްޕް ހިތްޕުޅު ހަމަޖެހި ނެގެންނެވިކަން ފާޅުކުރައްވައި “ މަޑުން ހުރުމަށް “ ނަތަންޔާހޫއަށް އެންގެވިކަމަށްބުނާ ޚަބަރެއްވެސް މީޑިއާތަކުގައި ދައުރު ވަމުން އެބަ ދެއެވެ. އަދި ޓްރަމްޕްގެ “ މަޑުން ހުރުމަށް “ ރައްދުދީ ކަލޭ ހިތަށް އެރީމާ އުސާމާ ބިން ލާދިން ހުރިތަނަކަށް ހަމަލާ ދެވޭއިރު އަހަރެން ބޭނުންވާ ތަނަކަށްވެސް ހަމަލާ ދެވޭނެކަމަށްބުނެ މަލާމާތް ކުރި ކަމަށް ވެއެވެ.

 މުހައްލިލުންގެ ނަޒަރުގައި ގަތަރުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސް ނަގަން ޖެހޭ ހާލަތެއް މެދުވެރި ވެއްޖެނަމަ އެކަމުގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ އިސްރާއީލުންނެވެ.                  

އެންމެފަހުން ކުވޭތުން ލިބިފައިވާ ޚަބަރުތަކުގައި  އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އަދި ޕާސްޕޯރޓްގައި އިސްރާއީލަށް ދަތުރުކުރިކަން އެނގެން އޮތް އެއްވެސް މީހަކަށް މީގެފަހުން ކުވޭތަށް ނުވަދެވޭނެކަމަށް އެގައުމުން ވަނީ ނިންމާފައި ކަމަށްވެސް މީޑިއާތަކުގައި ބުނެފައި ވެއެވެ.       

Loading

Leave a Reply

ފަހުގެ އަޕްޑޭޓް