ހެލްތް ޕޮރޮޓެކްޝަން އެޖެންސީ ގެ ކޮވިޑް19 ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ.
އެޗްޕީއޭ އިން އިން ބުނީ، މި އުސޫލަށް ކިޔާނީ ”އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ ކަމަށެވެ.
މި އުސޫލުގެ މަޤްސަދަކީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރާނެ ހަމަތައް ބަޔާންކުރުންކަމަށް އެޗްޕީއޭއިން ހާމަކުރެއްވިއެވެ.
މި އުސޫލަށް ޢަމަލުކުރާނީ, ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ތަޞްދީގުކޮށް، އެ ގަނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި އުސޫލުގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި, ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކަށް އިޙުތިރާމްކޮށް، ޢާންމު ސިއްޙަތުގެ ނުރައްކާތެރިކަން ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް، ކޮންމެ ފަރާތަކުންވެސް އެއްބާރުލުން ދޭންޖެހޭނެކަމަށް ބުނެފައިވެއެވެ.
އެގޮތުން އެއްބާރުލުން ދިނުމެއްނެތި, ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި, އަންގާ އެންގުމަކަށް މީހަކު ނުވަތަ ބަޔަކު ހުރަސް އަޅައިފިނަމަ, ނުވަތަ ޢަމަލުނުކޮށްފިނަމަ, އެ ފަރާތަކުން އެ ކުރީ ކުށެއްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް އަމިއްލަ ފަރުދަކު ޢަމަލު ނުކޮށްފިނަމަ ނުވަތަ އެ އެންގުމަކާއި ޚިލާފުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3500 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށާއި، 7500 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.
އޭގެ އިތުރުން އެފަރާތުން އަންގާ އެންގުމަކަށް ގާނޫނީ ޝަޚްސަކުން ޢަމަލު ނުކޮށްފިނަމަ ނުވަތަ އެ އެންގުމަކާއި ޚިލާފުވާ ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 25000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި ހަމައެހެންމެ އެންގުމާއި ޚިލާފުވާ ހަތަރުވަނަ ފަހަރު 75000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި، އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް މިގޮތަށް އަންގާ އެންގުމަކާ ޚިލާފުވާ ފަރާތްތަކާމެދު އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ޙާލަތްތަކުގެ ތެރޭގައި، ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކު ކުރެވިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާމީހާ، ކަރަންޓީނުގެ އަމުރާއި ނުވަތަ އެކަހެރިވުމުގެ އަމުރާއި ޚިލާފުވުން ހިމެނޭ ކަމަށެވެ. އަދި ނުރައްކާތެރި ބައްޔެއް އެ ރަށަކުން ނުވަތަ އެ ތަނަކުން ފެނުމާއި ގުޅިގެން މޮނިޓަރިންގެ ހާލާތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދައަކާ ނުލައި ވަދެ ނުކުތުމާއި, ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހާގެ މަޢުލޫމާތު އެނގިހުރެ ސިއްރުކުރުމާއި، ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނައުން ހިމެނޭކަމަށް ވެސް އުސޫލުގައި ބުނެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށެވެ.
މިހާރުވެސް ދައުލަތުގެ ކުންފުނިތަކުންނާއި ސަރުކާރުގެ ބައެއްވެރީން ރާއްޖެތެރޭގެ ރަށްތަކަށް ބައިހަދައިގެން ގޮސް އެރަށްރަށުގެ ހޮޓާތަކާއި ޢާންމުން އުޅޭ ހިސާބަށްގޮސް އަދި މަޖާނަގާކަމުގެ ސަކުވާތަށް ލިބެމުންދާކަމުގައިވެއެވެ.
One Response
ސީދާ ޕޕއެމްގެ ހޮނިހިރުވިލޭރޭގެ ޖަލްސާ ހުއްޓުވުމަށް ނެރުނު އާ ގައިޑުލައިނެއް. ދެން އޯކޭ. އެބަޔަކު ވިބޭއިރު އެބަޔަކު ބޭނުންގޮތެއް ހެދޭނެ. ހަމަ ޔާނު ވެސް ހެދީ ތިހެން. ކުރިއަށް ދިވެހި ގައުމު.