ސަޢުދީޢަރަބިއްޔާގެ އައު ސަފީރުގެ ފަތްކޮޅު އަރުވައިފި

Loading

Facebook
Twitter
WhatsApp

ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވައިފި އެވެ.

ރައީސް ޞާލިޙަށް ފަތްކޮޅު އަރުއްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައި އެކަމަށް ޙާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސަޢުދީޢަރަބިއްޔާގެ އައު ސަފީރަށް ރައީސް ޞާލިޙް ވަނީ މަރުހަބާ ދަންނަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއާއި ސަޢުދީޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރު މަތްރެކްގެ ދައުރުގައި އެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސަޢުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ވަނީ ރާއްޖޭގައި މަސްވެރިކަމާއި ގެދޮރުވެރިކަން ތަރައްޤީކުރުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަލިއަޅުއްވާފައެވެ.

ރައީސް ޞާލިޙް އިތުރަށް ވާހަކަފުޅުދައްކަވަމުން ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޙައްޖާއި ޢުމްރާގެ އަޅުކަންތަށް މެދުކަނޑައިލުމަށްފަހު ޙައްޖާއިމޢުމްރާވުމުގެ ފުރުސަތު ސަޢުދީޢަރަބިއްޔާ ސަރުކާރުން އަލުން ހުޅުވައިލުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތު ނިންމަވައިލައްވަމުން ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއާ ސަޢުދީ ސަފީރު ދެއްކެވި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް