މިހާތަނަށް ރަޝިޔާއިން ޔޫކްރެއިނަށްދިން އެންމެ ބާރުގަދަ ހަމަލާ ކީވަށް

Loading

Facebook
Twitter
WhatsApp


ރަޝިޔާއާއި ޔޫކްރެއިންގެ ހަނަގުރާމަ ތިން އަހަރަށްވުރެން ދިގުލައި ހަތަރު ވަނަ އަހަރެއް ފެށިގެންދާއިރު އެ ހަނގުރާމަ ހުއްޓުވޭނެގޮތެއް ހޯދަން އެމެރިކާއާއި ޔޫރަޕް އަދި ރަޝިޔާއާއި ޔޫކްރެއިނުންވެސް މަސައްކަތްކުރަމުންދާކަމަށް ބުނާއިރު މިއަދާ ހަމަޔަށްވެސް ހަމަ އެއްވެސް ކަމެއް އެއްބަސްވުމަކަށް ނާދެވެއެވެ.

ދިވެހިން ބުނާހެން ކޮނުނު ވަރަކުން ފަސްގިނަވުން ނޫން ނަތީޖާއެއް ނުފެނެއެވެ. ރައީސް ޕޫޓިން ވިދާޅުވަމުން ގެންދަވަނީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިހުރި މީގެކުރިން ޔޫކްރެއިނަށް ނިސްބަތްކުރެވޭ ބިންތަކުގެ އިތުރުން އިރުމަތީ ޔޫކްރެއިން އެއްކޮށް ރަޝިޔާއަށް ލިބެން ޖެހޭނެއެވެ. ރަޝިޔާގެ ގޮނޑުދޮށަށް ނޭޓޯ އައުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެއީ އެވެ. ނޭޓޯ އަކީ ބުނާ ބަހާއި ކުރާ ވައުދު ހަނދާންކުރާ ބައެއް ނޫނެވެ. ޔޫކްރެއިނުން ބުނަނީ ރަޝިޔާއިން އަތުލާފައިވާ ޔޫކްރެއިނަށް ނިސްބަތްކުރެވޭ ހުރިހާ ބިމަކުން ފައިބަން ޖެހޭނެއެވެ. ރައީސް ޓްރަމްޕް މިއަދާ ހަމަޔަށްވެސް ވިދާޅުވަމުން ގެންދަވާފައިވަނީ ހަނގުރާމަ ފެށީ ރަޝިޔާއިން ކަމަށެވެ. އެކަމަކު ހަމައެ ޖުމުލަ މިހާރު ވިދާޅުވަނީ ރަޝިޔާއިން ހަނގުރާމަ ފަށަން ޖެހުނީ ޔޫކްރެއިނުން އެ ގައުމުގައި ދިރިއުޅެމުންގެންދާ ރަޝިޔާ ނަސްލުގެ މީހުންނާދޭތެރޭ އިންތިހާއަށް އަނިޔާވެރި ވަމުންގެންދިއުމާއި އަދި ނޭޓޯގެ މެމްބަރކަން ހޯދަން ފައިވިއްދަމުން ގެންދާތީއެވެ. ޔޫރަޕްގެ ގައުމުތަކުން ޔޫކްރެއިނަށް ފުރިހަމައަށް ތާއީދުކޮށް ހަނގުރާމަ ދެމެހެއްޓުމަށް ބޮޑެތި އެހީތައް ވަމުންދާއިރު ކުއްލިއަކަށް ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވިސްނުން ދެކަފިވެ ހަނގުރާމަ ނުހުއްޓުވިގެން އުޅޭ ސަބަބު ޔޫކްރެއިންގެ ބޮލަށް ކަނޑާލަން ފަށައިފިއެވެ.
އެންމެފަހުން އަހަރެމެން ބޭނުންވާ ނަމަ ޔޫކްރެއިންގެ ވެރިރަށްވެސް ބިމާ ހަމަކޮށްލެވިދާނެ ކަމަށް ބުނެ ޔޫކްރެއިންގެ ވެރި ރަށް ކީވަށް އަމާޒުކޮށް މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު 800 އަށްވުރެން ގިނަ ޑްރޯޏާއި 13 މިސައިލުން ރަޝިޔާއިން ހަމަލާދީފިއެވެ. ބުނެވޭ ގޮތުގައި މިއީ މިހާތަނަށް މި ހަނގުރާމައިގާ ރަޝިޔާއިން ދިން އެންމެ ބާރުގަދަ ހަމަލާއެކެވެ. ޔޫކްރެއިންގެ ރިޔާސީ ސީޓް ކަމަށްވާ ކީވް މިހާރު އަނދަމުންދަނީއެވެ. ޔޫކްރެއިންގެ ވަޒީރުން ދިރިއުޅުންވާ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދީފައިވާ ސަރަހައްދުގެ ގެތައް ރޯވެ މުޅި ސަރަހައްދު ދުންބޮޑިއަކަށްވެފައިވާ މަންޒަރު މީޑިއާތަކަށްވެސް ވަނީ ފެނިފައެވެ. ކީވްގެ އެންމެ އުސް އިމާރާތްތަކަށް ރަޝިޔާގެ ހަމަލާ އަމާޒުވެފައި ވުމުގެ ސަބަބުން ނުރައްކާތެރީ ކުއްލި ހާލަތު ވަނީ އިއުލާންކޮށްފައެވެ. އެ އިމާރާތްތަކުގައި ރޯވެ އަނދަމުންދާ މަންޒަރުވެސް މީޑިއާއަށް ވަނީ ފެނިފައެވެ. މިއީ ކީވްގައި އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވާ ސަރުކާރުގެ އިމާރާތްތަކާއި ވަޒީރުން ދިރިއުޅުއްވާ ސަރަހައްދަށް ރަޝިޔާއިން ހަމަލާދިން ފުރަތަމަ ފަހަރެވެ. ރަޝިޔާގެ މި ހަމަލާއަކީ މިދިޔަ ބުރާސްފަތި ދުވަހު ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތުން އިސް ދައުރެއް އަދާކުރުމާއެކު ހަނގުރާމަ ނިމެންދެން ޔޫރަޕްގެ ފައުޖުތަކުން ޔޫކްރެއިން ހިމާޔަތް ކޮށްދޭނެކަން އެ ގައުމަށް ޔަގީންކޮށްދިނުމުން ރަޝިޔާއިން އެއްބަސް ނުވާނެކަން ހާމަކޮށް ދިނުންކަމުގައި ހަނގުރާމަ ދިރާސާ ކުރައްވާ ބޭފުޅުން ބުނެފައި ވެއެވެ.
އަލިފާން ނިއްވުމަށްޓަކައި ހެލިކޮޕްޓަރުގައި ފެންޖެހުމާއި އެ މުޅި ސަރަހައްދު ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާތަން މީޑީއާއަށްވެސް ވަނީ ފެނިފައެވެ.
ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކުން ލިބޭ ނަތީޖާއަކީ މިއީއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ސުވިރީޑެނޮންކޯ ވިދާޅުވީ “ ހަލާވެފައިވާ އިމާރާތްތައް އަލުން އިމާރާތް ކުރެވިދާނެއެވެ. އެކަމަކު ކޮންމެ ދުވަހަކު ރަޝިޔާއިން މަރަމުންގެންދާ އަހަރެމެންގެ ރައްޔިތުން އަނބުރާ ގެނެވިދާނެ ގޮތެއް ނެތެވެ. “ މި ހަނގުރާމަ ހުއްޓުވަން ސިޔާސީގޮތުން ހަރުދަނާ މަސައްކަތްތަކެއް މީގެކުރިން ކުރަން ފެށިވައިވީނަމަ ޔޫކްރެއިނުން މަރުވަމުންދާ މައުސޫމްރައްޔިތުންނާ ދޭތެރޭ މިއަދު ކަރުނަ އަޅަން ނުޖެހުނީސްކަން ދޭހަވާ މޭރުމަކުން ރައީސް ޒެލެންސްކީ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންގެ ސަލާމަތީ ކަންތައް ބަލަހައްޓައި ދެއްވުމަށް އެދިވަޑައިގެންފައިވަނީ މުސްތަގްބަލްގައި ރަޝިޔާގެ ހަމަލާތަކުގެ ބިރުވެރިކަން ނައްތާލުމަށެވެ. އެކަމކު ރަޝިޔާގެ ރައީސް ވަނީ އެއްވެސް މަގްސަދެއްގައި ހުޅަނގުގެ ލަޝްކަރުތައް ޔޫކްރެއިންގައި ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަން ކަމާގުޅުންހުރި ހުރިހާ ފަރާތަކަށް އަންގަވާފައެވެ. އަދި ޔޫކްރެއިންގައި ތިބޭ އެހެންގައުމުގެ ލަޝްކަރު ތަކަކީ ރަޝިޔާ ސިފައިންގެ އަމާޒަކަށް ވެގެން ދާނެއެވެ. ޔޫކްރެއިންގެ ބިމުގެ %20 މިހާރުވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާނުލައި ކުރިއަށް ގެންދާތީވެ ރައީސް ޒެލެންސްކީ ހުންނަވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. އެހެންނަމަވެސް ސްލޯވާކިޔާގެ ބޮޑުވަޒީރުވެސް ވިދާޅުވެފައިވަނީ ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ ރައްޔިތުންގެ ފައިދާއަށްޓަކައި ނިންމަންޖެހޭ ކަންތައް ނިންމުމުގެ އިޚްތިޔާރު ލިބިފައި އޮންނަން ޖެހޭނެއެވެ. އަވަށްޓެރި ގައުމަކުން އަވަށްޓެރި އެހެން ގައުމަކާ ދެކޮޅުވެރިވެ ހަނގުރާމަކުރުމަކީ އެ ކަމުގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ އިންފާރުން ބޭރުވެ އަވަށްޓެރި އެހެން ގައުމުތައް ވަކި ފަރާތަކަށް ޖެހެން މަޖުބޫރު ކުރުވާ ސަބަބަކަށް ވެގެން ނުވާނެއެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ސަބަބުން ސްލޯވާކިޔާގެ ރައްޔިތުން ވޮށް އަނދިރީގައި ނިދަން އެންގުމަކީ ޔޫކްރެއިނަށް ނުވަތަ ރަޝިޔާއަށް ލިބިފައިވާ ހައްގެއްކަމަށް ދެކިގެން ނުވާނެއެވެ. އަވަށްޓެރިކަމާއި އެއްބައިވަންތަކަމަށްވެސް އިމެއް އޮންނަން ޖެހޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް