ވިސާ ފްރީ ފެސިލިޓީގެ ދަށުން މެލޭޝިޔާއަށް އެތެރެވުން މަނާކުރާ އިންޑިއާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ވަނީ އެގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
އެޑްވައިޒަރީގައި ދަތުރުވެރިންނަށް އިލްތިމާސްކޮށްފައިވަނީ ލިޔެކިޔުންތައް ހަމަޔަށް ނެތްނަމަ ބޯޑަރާއި ހަމައިން އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮންނާތީ، ހުރިހާ ލިޔެކިޔުންތަކެއް ހަމަޔަށް ހުރިތޯ ބަލައި ޔަގީންކުރުމަށެވެ.
މެލޭޝިއާގެ ބޯޑާ ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އެޖެންސީ (އެމްސީބީއޭ) އިން ވަނީ އެންޓްރީ ޕޮއިންޓްތަކުގައި ޗެކްކުރުން ވަރުގަދަކޮށް، ޚާއްސަކޮށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް (ކޭއެލްއައިއޭ) ގެ ޗެކިންގް ނިޒާމު ވަރުގަދަކޮށްފަ އެވެ. މެލޭޝިއާ ބޯޑަރު ޕޮލިސިންގްގެ ފާރަވެރިކަން ބޮޑުކުރުމާއެކު އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ވެސް މެލޭޝިއާއަށް އެތެރެވުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
އިމިގްރޭޝަންގެ އޮފިޝަލުން ބުނާ ގޮތުގައި މެލޭޝިއާއަށް އެތެރެވުން މަނާކޮށްފައިވަނީ އަތުގައި އެކަށީގެންވާ އަދަދަށް ފައިސާ ނެތް މީހުންނާއި، އެކޮމޮޑޭޝަން ކަށަވަރުނުވާ މީހުންނާއި، ރިޓާން ޓިކެޓާއިމެދު ޝައްކު ކުރެވޭ މީހުންނާއި، ޓޫރިސްޓް ވިސާގެ ދަށުން ދަތުރުކޮށް ވަޒީފާ ހޯދަން އުޅޭކަމަށް ޝައްކު ކުރެވިފައިވާ މީހުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، މި އެޑްވައިޒަރީ ނެރެފައިވަނީ އިންޑިއާގެ ދަތުރުވެރިން އެންޓްރީ ޝަރުތުތަކަށް ތަބާވުމާއި، މެލޭޝިއާގެ އިމިގްރޭޝަން ޗެކްޕޮއިންޓްތަކުގައި ދިމާވާ އުނދަގޫތަކުން ރައްކާތެރިކުރުމަށްކުރާ މަސައްކަތުގެ ތެރެއިން ކަމުގައެވެ.
![]()
