ރައްކާތެރިކަމުގެ ފެންވަރު ދަށްކަމާއި، މެލޭޝިއާ ސިފައިންނާއި އެކަށޭނަ އެއްޗެއް ނޫންކަމަށް ވިދާޅުވެ، މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް އިސްކަންދަރު ވަނީ ދުވަސްވީ ބްލެކް ހޯކް ހެލިކޮޕްޓަރުތައް ގަތުމުގެ ޕްލޭންތައް ހުއްޓުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ.
”އަހަރެމެން ބޭނުންތަ އަހަރެމެންގެ ޕައިލެޓުން އުދުހޭ ސަންދޯކުގައި ބައިތިއްބަން؟ އަމިއްލައަށް ވިސްނާލަބަލަ،“ ސްޕެޝަލް ސާވިސް ރެޖިމެންޓަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޯހޯރުގެ މެރސިންގ ޑިސްޓްރިކްޓްގައި ބޭއްވި ޕެރޭޑެއްގައި ވާހަކަފުޅު ދައްކަވަމުން ސުލްތާން ވިދާޅުވި އެވެ. އޭނާގެ ވާހަކަފުޅުން އެމެރިކާއިން އުފައްދާ، މުސްކުޅިވެ ދުވަސްވެފައިވާ މަތިންދާބޯޓުތަކާ ގުޅޭ ގޮތުން ސަލާމަތީ ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެގެން ދިޔައެވެ.
ރަސްގެފާނުގެ އަމުރުފުޅާއެކު، އެމެރިކާއާއިއެކު މަޝްވަރާކރެވުނު ވިޔަފާރީގެ ޑީލް ހުއްޓިފައިވާއިރު، މިއީ މެލޭޝިޔާގެ ހަތިޔާރު އެޅި ސިފައިންނަށް ޒަމާނީ އަދި އިތުބާރުހުރި ސާމާނު ކަށަވަރުކޮށްދިނުމުގައި ރަސްގެފާނު ސާބިތުވެ ހުންނެވިކަން އަންގުވައިދޭ ވަރުގަދަ ސްޓޭންޑެއްގެ އިޝާރާތެކެވެ.
މެލޭޝިއާ އަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި މިނިވަން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސާބިތުވެ އޮވެފައިވާ ގައުމެކެވެ. އަދި ބޭރުގެ ނުފޫޒުން އެއްކިބާވެ އޮވެ، ސްޓްރެޓެޖިކް ގުޅުންތައް ދަމަހައްޓާފައިވާ ގައުމެކެވެ. ރަސްގެފާނުގެ މި ނިންމުމުންވެސް މި އުސޫލު ދައްކުވައިދޭއިރު، ޑިފެންސް ޕްރޮކިއުމަންޓްގައި ގައުމީ ސަލާމަތާއި އިސްތިގުލާލުގެ ހަމަހަމަކަން މިވަނީ ގާއިމުކޮށްދެއްވާފަ އެވެ.
![]()
