އެމެރިކާގެ ހަމަލާއެއްގައި އީރާން އަނދައިގެންދާއިރު މުޅިސަރަހައްދުއެއްކޮށް އަނދައިގެންދާނެ

Loading

Facebook
Twitter
WhatsApp

މީގެފަހުން އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އީރާނުން ދޭ ރައްދުގައި ގަލްފުގެ ހުރިހާ ގައުމެއް ހިމެނިގެން ދާނެކަން އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ މި އިންޒާރު އައިސްފައިވަނީ ޖުލައި މަހު 28 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ހަކަތައާއި އިންފްރާސްޓްރަކްޗަރތަކަށް ދޭނެކަމަށް ވައުދުވަމުން ގެންދެވި ’ ބޮޑު ހަމަލާ ’ އާއި ގުޅިގެންނެވެ.

މިކަމާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސަ އަރާގްޗީ ވަނީ ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ގަތަރުގެ ޚާރިޖީ ވަޒީރުންނާއެކު ޕާކިސްތާނުގެ މިލިޓްރީ ޗީފް މާރޝަލް އާސިމް މުނިރާއެކު މަޝްވަރާ ކުރައްވާފައިކަން މައުލޫމާތު އެނގޭ ގިނަ މަސްދަރުތަކަކުން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ރޮއިޓާރސް މެދުވެރިކޮށް ވެސްޓް އޭޝިއާ ނިއުސް އޭޖެންސީ ( ވަނާ ) އަށްކިޔާދީފައެވެ. އެމެރިކާއިން ދޭ ހަމަލާއާ އެކު އީރާނުން މުޅިގަލްފުގެ ހުރިހާ ހަކަތައިގެ ވަސީލަތްތަކެއް ނައްތާލެވިގެންދާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ވިސްނައިދެއްވުމަށް އެބޭފުޅުންގެ އަރިހުގައި އައްބާސް އަރާގްޗީ އެދިވަޑައި ގެންނެވިކަމަށްވެއެވެ. އީރާން އޮތީ ހުރިހާގޮތަކުންވެސް ތައްޔާރަށް ކަމަށާއި އެހެންނަމަވެސް ސުލްހަވެރި ހައްލަކަށް އީރާނުން ބޭނުންވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އީރާނުން މި އިންޒާރު ދިނުމުގެ މަގްސަދަކީ އެމެރިކާގެ ހަމަލާހުއްޓުވުމަށް އެ ގައުމުތަކުން ބާރުއެޅުމަށް ފުރުސަތު ދިނުމާއި އެންމެ ފަހުވަގުތު ކުރިމަތިލާން ޖެހިދާނެ ގެއްލުންތަކުން ސަރަހައްދު ރައްކާތެރިކުރުމުގެ ބޭނުމުގައެވެ. ފަހަކަށްއައިސް ގަލްފުގެ ބައެއް ގައުމުތަކާއެކު އީރާނުގެ ގުޅުން ރަނގަޅުވަމުން އަންނާތީވެ އެމެރިކާގެ ވަސީލަތްތަކަށް އަމާޒުކޮށް އީރާނުންދޭ ހަމަލާތަކުގައި އެގައުމުތަކަށް ގެއްލުން ލިބުން އީރާނުން ބޭނުމެއް ނުވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައި ބޮޑު ތަކްލީފެއް އުފުލަން ޖައްސާފައި މިވަނީ ގަލްފުގެ ގައުމުތަކުންނެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ދިނުމަށް އިއުލާންކޮށްފައިވާ ފަނާކުރަނިވި ހަމަލާ ނުދެއްވާނެކަން އެމެރިކާގެ ރައީސް އެންމެފަހު ވަގުތު އިއުލާންކުރެއްވުމުން އިސްރާއީލުގެ ވެރިން ގާތަށް ރުޅިއަތުވެއްޖެއެވެ. އަދި އެތައް ހަފުތާއެއް ވަންދެން ރޭވި ހުރިހާ ރޭވުމަކާއި އިސްރާއީލު މިލިޓްރީގެ ފައުޖުތައް ތައްޔާރީ ހާލަތުގައިތިބުން ފޭލިކޮށްލަން ނިންމެވުމަކީ އެމެރިކާގެ ރައީސް ދެއްވި ވަރަށްބޮޑު ލަނޑެއްކަމަށާއި އެގައުމުގެ މައިބަދަ ބިންދާލުންކަމަށްބުނެ އިސްރާއީލުގެ ބޮޑުން ގެންދަނީ ސިފަކުރަމުންނެވެ. އިސްރާއީލުން މިހާރުގެންދަނީ އެމެރިކާއަށް އަކަމުގެ އަދަބު ދޭނެކަން ހާމަކުރަމުންނެވެ. ކޮންމެ އަކަސް މިއީ އެމެރިކާއާއި އިސްރާއީލާ ދެމެދުމިހާތަނަށް އުފެދުނު އެންމެ ބޮޑު ދެބަސްވުންކަމުގައި ވެގެން ހިނގައްޖެއެވެ.
ރައީސް ޓްރަމްޕް ނިންމަވާފައިއޮތީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއިން ދޭން ގަސްދުކުރާ އެންމެ ނުރައްކާތެރި ހަމަލާ އީރާނަށް ދިނުމަށެވެ. އެއީ ދެވަނަބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއާއި ނާގަސާކީއަށް ދިން ވަރުގެ ނުރައްކާތެރި ހަމަލާއަކަށް ވުމުގެ ބިރު ބޮޑުވެފައިވާކަން ބައެއް މީޑިއާ ތަކުން ގެންދިޔައީ ފާޅުކުރަމުންނެވެ. އަދި ނިއުކްލިއަރ ހަމަލާއެއް އެމެރިކާއިން އީރާނަށް ދީފާނެތޯ ބައެއް ރިޕޯރޓަރުން ކުރި ސުވާލުތަކަށް “ ނުރައްކާވެގެންވިޔަސް ރައީސް ޓްރަމްޕް ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަން “ ދޭހަވާ މޭރުމަކުން ބައެއް ތަޖްރިބާކާރުން ވާހަކަދައްކާފައި ވެއެވެ.
އިސްރާއީލުގެ މިލިޓްރީ އޮތީ ރައީސް ޓްރަމްޕް ދެއްވާނެ ހަމަލާގެ ފަހަތުގައި ވަގުތުން އީރާނަށް އަރައިގަތުމަށް ތައްޔާރަށެވެ.
އީރާނަށް ހަމަލާދީގެން ނުވާނެކަމަށް ސައޫދީ އެރޭބިޔާގެ ވަލީއަހްދު މުހަންމަދު ބިން ސަލްމާނު ރައީސް ޓްރަމްޕް އަށް ދެއްވި އިންޒާރާ ގުޅިގެން އިސްރާއީލަށްވެސް އެންގެވުމަކާ ނުލައި އެ ހަމަލާ ނުދޭގޮތަށް ރައީސް ޓްރަމްޕް ނިންމެވީ ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. ރައީސް ޓްރަމްޕްގެ ނިންމެވުން ދިފާއުކުރައްވައި އެމަނިކުފާނު ވިދާޅުވެފައިވަނީ މީސްތަކުން މަރަން އަހަރެން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ހަމައެކަނި މެދުއިރުމަތީގައި ސުލްހަވެރިކަން ގާއިމްކުރުން ކަމަށެވެ. އިނގިރޭސި ވިލާތާއި ބަލްގޭރިއާ އަދި ޔޫކްރެއިނުންވެސް އީރާނަށް ގުޅައި އެއިން އެއްވެސް ގައުމަކުން އެއްވެސް ސިފައެއްގައި އެމެރިކާއަށް އެހީތެރިކަން ފޯރުކޮށް ނުދޭނެކަން ވަނީ ކަށަވަރު ކޮށްދީފައެވެ.
ގަލްފުގެ ސަރަހައްދު ހޫނުވެފައިވާ މި ދަނޑިވަޅުގައި ސައޫދީ އެރޭބިއާގެ ހަކަތައިގެ ވަސީލަތްތަކަށް ޑްރޯންތަކަކުން ހަމަލާދީފިއެވެ. އޭގެތެރެއިން ގިނައަދަދެއްގެ ޑްރޯން ސައޫދީ އެރޭބިއާއިން ނައްތާލާފައިވާނެ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެހަމަލާ އަމާޒުކޮށްފައިވަނީ ސައޫދީ އެރޭބިއާގެ އިރުމަތީ ސަރަހައްދަށާއި ރިޔާޒަށެވެ. ޑްރޯން ހަމަލާތައް އައިސްފައިވަނީ އިރާގް ސަރަހައްދުންކަމަށް ސައޫދީ އެރޭބިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ބަޣްދާދުން ވަނީ އިރާގުން ސައޫދީ އެރޭބިއާއަށް އެއްވެސް ހަމަލާއެއް ނުދޭކަމަށް ބުނެފައެވެ. އިރާގުން އިންކާރުކުރަމުންގެނދިއުމާއެކު އެ ހަމަލާތައް މިހާރު ވަނީ އޮޅުންބޮޅުން ގަނޑަކަށްވެފައެވެ. ސުވާލަކީ މިފަދަ ޚުތޫރަތްތެރި ދަނޑިވަޅެއްގައި އެ ހަމަލާދިން ފަރާތެއްގެ މަގްސަދަކީ ކޮބައިހެއްޔެވެ ؟
ސައޫދީ އެރޭބިއާގެ އިސްތިގްލާލް ރައްކާތެރިކުރުމަށްޓަކައި އެގައުމުން ދެވަނަ ވިސްނުމަކަށް ނުދާނެކަމަށާއި ހަމަލާގެ ރައްދު ދޭނެގޮތަކާއި ވަގުތެއް އިޚްތިޔާރު ކުރާނީ އެގައުމުންކަން ވަނީ ހާމަކޮށްފައެވެ. އެ ހަމަލާއާ ގުޅޭގޮތުން ވަރަށްގިނަ ތަޖްރިބާކާރުންގެ ރައުޔުވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ރަސްމީގޮތުންމިހާތަނަށް އެރައުޔުތައް ހާމަކޮށްފައެއް ނުވެއެވެ.
ގަލްފުގެ ގައުމުތަކުން މިހާރު އިންތިޒާރުކުރަމުން ގެންދަނީ ސައޫދީ އެރޭބިއާއިން އަޅާނެ ފިޔަވަޅާ މެދުގައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ރައީސް ޓްރަމްޕް އަށް މިހާރު އޮތީ ހަމައެކަނި 2 އިޚްތިޔާރެއްކަމަށް އީރާނުގެ ސިޔާސީ އިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އިޚްތިޔާރަކީ ހަނގުރާމަ އިތުރަށް ހޫނުކޮށްލައިގެން ގައުމުތަކަށް ބޭނުންވާ ހަކަތައިގެ ބާޒާރު ބަނޑަށް ޖައްސާލުމެވެ. ދެވަނަ އިޚްތިޔާރަކީ މަޝްވަރާގެ މޭޒުން ލިބޭ ނަތިޖާއަކަށް ރުހިވަޑައިގެން ހަނގުރާމަ ހުއްޓާލުމެވެ. ދެވަނައަށް މިބުނި އިޚްތިޔާރުގައި އެމެރިކާއިން ބޭނުންވާ ޝަރުތުތައް ފުރިހަމަކުރަން ފުރުސަތެއް ނުލިބޭނެއެވެ.
މެދުއިރުމަތީގެ ފުންނާބުއުސް ސިޔާސީ ބޭފުޅަކު ވިދާޅުވެފައިވެއެވެ. ވޯޝިންގޓަނުން މިހަނގުރާމައިގާ އީރާން ބަލިނުކުރެވޭނެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެވެސް ބަހަނާއެއްގައި އެމެރިކާއިން ހަނގުރާމަ ކާމިޔާބުކުރިކަން ދުނިޔެއަށް ދައްކަން ބޭނުން ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް