ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ، އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ.
މިގޮތަށް ނިންމެވުމުގެ ކުރިން، މިކަމުގެ ސަބަބުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މާލީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރައްވާފައި ވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، ބީއެމްއެލްއިން އެސްޑީއެފްސީ ހިންގާނީ ޝަރީޢާގެ އުސޫލުން މާލީ މުޢާމަލާތްކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި، އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގ ނިޒާމުގެ ތެރޭންނެވެ.
އަދި ބީއެމްއެލްގެ ދަށުން ހިންގާއިރުވެސް، އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ލޯނު ދޫކުރާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށްވުރެ ބޮޑުނުވާ ގޮތަށް ކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.