މާފަންނު ބަސް ޓަރމިނަލް ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.
މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާއިރު، އައިޖީއެމްއެޗުން ބުނީ، 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށެވެ.
މި ހާދިސާގައި ޒަޚަމުވި 17 އަހަރުގެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި ނިޔާވެފައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވަމުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިފައި ކޮންޓްރޯލްނުވެ ގޮސް، ކުރިމަތިން އައި ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ކުރަންޖެހޭ ތަހުލީލުތަކާއަ ތަޙުޤީޤުތައް ކުރިއަށްދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.