މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ، މަޢުލޫމާތު އާންމުކުރުމަށް ބޭނުންކުރާ ޕޯޓަލް އަލުން ފަރުމާކުރުމަށްޓަކައި ފަންނީ އެހީތެރިކަން ހޯދުމާގުޅޭ ފަހުމުނާމާއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57ވަނަ މާއްދާގައި ބަޔާންކުރާ ”ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް“އެވެ.
އެ މިނިސްޓްރީން ބުނީ، މި ޕޯޓަލް އަލުން ފަރުމާކުރުމުގެ މަގުސަދަކީ، ދަފުތަރު ހަރުދަނާކޮށް، އެ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އާންމުކޮށް، ފަސޭހައިން ބެލޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ހަރުދަނާކުރުން ކަމަށެވެ.
މި ދަފުތަރުގައި ހިމެނޭނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ (އެއްވެސް މިންވަރަކަށް އެއްވެސް ހާލަތެއްގައި) ކުރި މީހެއްކަން ކޯޓަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ހުކުމް ކޮށްފައިވާ މީހުންގެ މަޢުލޫމާތެވެ.
މި ނިޒާމާއެކު، އެފަދަ ކުށް ކޮށްފައި މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން މޯބައިލް ފޯނުގެ ޒަރީއާއިން ފަސޭހަކަމާއެކު އެމީހުން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.