ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކުރުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ޖުލައި 8ވަނަ ދުވަހު، އިސް ރަށްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ މި ސެޝަން އިންތިޒާމުކޮށްފައިވަނީ ހެންވޭރު ޕޮލިސް ނެއިބަރހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެންނެވެ.
މި ސެޝަނުގައި ވަނީ، ސްކޭމްތަކުގެ ބާވަތްތަކާއި، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ ޢަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިވާނެގޮތުގެ މަޢުލޫމާތު އިސް ރަށްވެހިންނަށް ދީފައެވެ.
މީގެ އިތުރުން، ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށާއި، ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި ޒާތީ މަޢުލޫމާތާއި، ބެންކު އެކައުންޓާއި، ކޭޝްކާޑާއި، ޕިން ނަންބަރު ފަދަ މަޢުލޫމާތު ހިއްސާނުކުރުމަށާއި، ފައިސާގެ މުޢާމަލާތް ކުރާއިރު ސަމާލުވާނެ ގޮތްތައް ބުނެދީފައިވެއެވެ.
އިސް ރަށްވެހިންނަށް އަމާޒުކޮށްގެން، ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
![]()
