ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހިންގާ ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ފަށައިފިއެވެ.
ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން 12ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކެންޕޭނަކީ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ، ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުމަށް ހިތްވަރުދިނުމާއި، އެކަމުގައި އެހީތެރިކަންދީ، އަދި ސިޔާސީ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި؛ ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ލާމަރުކަޒީ ނިޒާމު އަދި ޖެންޑަރގެ މައްސަލަތައް ހިމެނެއެވެ.
2021ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޕްރޮގްރާމުގައި، މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން 39 އަންހެނުން ބައިވެރިވެފައިވެއެވެ