ހދ. ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ދެކެވެމުންދާ ވާހަކަ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދޮގުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި މިފަދަ މުޢާމަލާތެއް ކުރައްވާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ.
އެހެންނަމަވެސް އެއީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި، އެފަދަ އެއްވެސް މުޢާމަލާތެއް ހިނގާފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެެވެ.
ހަނިމާދޫ އެއާޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫޢުގެ 88 އިންސައްތަ މިހާރު މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.