ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ ނަމަކީ ޝަހީދު ޢަލީ ސްކޫލް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ސްކޫލަކީ ހުޅުމާލޭ ސްކޫލްތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތްކުރާ ސްކޫލެއްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދޭގޮތުގައި، މި ސްކޫލުގެ ނަން ނިސްބަތްވަނީ، މީލާދީން 1557ން 1558ށް ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި އައްސުލްޠާން ޢަލީ (ހަވަނަ) ނުވަތަ އަލިރަސްގެފާނަށެވެ.
މި ސްކޫލަކީ 1500އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެއް ކަމަށާއި، މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހުންނާނެކަމަށް، ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ، 2023 ވަނަ އަހަރުގެ ޑިސެންބަރު 23 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.