ގައިންގަޔަށްއަރާ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާންމުވަމުންނެވެ. ރޯގާއަކީ މާލޭ ސަރަހައްދުގައި، ޚާއްޞަކޮށް މާލޭގައި ނުފިލައި އޮންނަ އެއްޗެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ރޯގާއަކީ މާލޭ ސަރަހައްދުގެ އާންމު ހާލަތެވެ. ހުޅަނގުމޫސުމުގެ ރޯގާއެވެ. އިރުވައިމޫސުމުގެ ރޯގާއެވެ. ދެ މޫސުން ބައްދަލުވާ ދުވަސްވަރު ފެތުރޭ ރޯގާތަކެވެ.
މި ރިޕޯޓުގައި މި ބަލައިލަނީ މިފަދަ ބައެއް ބަލިތަކާއި، އެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ފަރުވާ ހޯދުމުގައި ސަމާލުވަންވީ ބައެއް ކަންކަމުގެ މައްޗަށެވެ.
އަރިދަފުސް ރޯގާ:
މި ރޯގާގައި ސަމާލުވާންވީ ބައެއް ކަންކަމުގެ ތެރޭގައި:
- ރޯގާޖެހިއްޖެނަމަ ވީހާވެސް އަވަހަކަށް ޓެސްޓުކުރުން.
- ބަލީގެ އަލާމަތެއް ހުރިނަމަ އަނގަޔާއި ނޭފަތް ނިވައިވާނެހެން މާސްކު އެޅުން.
- ރޯގާޖެހިފައި ވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި ކުދިން އުރައިނުހެދުން.
- ބަލިޖެހިއްޖެނަމަ ނުރައްކާ ބޮޑުވާ މީހުންނަށް އިންފުލުއެންޒާ ވެކްސިން ދިނުން.
ލޮލުރޯގާ:
މިއީ ތަފާތު ބާވަތްތަކުގެ ބެކްޓީރިއާއާއި ވައިރަހުން ޖެހޭ ބައްޔެކެވެ.
ބަލީގެ އަލާމަތްތައް:
- ހުންއައުން
- ލޯ ހިރުވުން
- ލޮލުން ފެންއައުން
- ލޮލުގައި މަޑުލުން
- ލޯ ރަތްވުން
ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅު:
- ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
- ލޮލުގައި އަތްލައި، ލޯ އުނގުޅައި ނުހެދުން.
- ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތައިލުން.
- ލޮލުރޯގާ ޖެހިފައިވާ އެހެން މީހަކު އަޅާ ބޭސްފުޅި އަމިއްލަ ލޮލަށް ނޭޅުން.
ލޮލުރޯގާ ޖެހިއްޖެނަމަ، ނުވަތަ ޖެހިފައިވާކަމަށް ޝައްކުވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަންވާނެއެވެ.
ފާނަބަސަނދު:
މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތިމީހުންނަށްވެސް ބައެއް ފަހަރަށް މި ބަލި ޖެހެއެވެ.
ބަލީގެ އަލާމަތްތައް:
- ހުންއައުން
- ވަރުދެރަވުން
- ނޭފަތުން ފެންއައުން
- ހަމުގައި ބިހިތަކެއް ނެގުން (މި ބިހިތަކަކީ ވަރަށް ހިރުވާ، އަދި ފަސޭހައިން ފަޅައިގެންދާ، ފެންފޮޅުތަކެއްހެން ހުންނަ ބިހިތަކެކެވެ. ދެތިން ދުވަހެއްގެ ތެރޭގައި ގައިގެ އެކި ތަންތަނުގައި މި ބިހިތައް ނަގައެވެ.)
ބަލި ފެތުރޭ ގޮތް:
- ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހިއަޅާއިރު، ނޭވާލާ ނިޒާމުގެ ތެރޭން.
- ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުން ނުވަތަ އެމީހާ ބޭނުންކޮށްފައި ހުންނަ ތުވާލި ނުވަތަ އަންނައުނު ބޭނުންކުރުން.
- ގައިގައި ހުންނަ ބިހިތައް ރަނގަޅުވެ ކުރަމަގާލި ނުލާނަމަ މި ބަލި އަނެއް މީހާއަށް ޖެހިދާނެ.
މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކުރިން މި ބަލި ޖެހިފައި ނެތް މީހުންނަށެވެ. ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު:
- ބަލިޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުން.
- ބަލިޖެހިފައިވާ މީހާ އެއްކޮށް ރަނގަޅުވަންދެން ނުވަތަ ބިހިތަކުގައި ކުރަމަގާލި ލަންދެން ބޭރަށް މީހުންގެ ތެރެއަށް ނުކުމެ ނޫޅުން.
- ބަލިމީހާ ރަނގަޅުވަންދެން އޭނާގެ އަންނައުނާއި ތުވާލިފަދަ ތަކެއްޗާއި ހިފާގެންގުޅޭ ތަކެތި ވަކިކޮށްފައި ބެހެއްޓުން.
- ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުން.
މީހެ އިތުރުން، ބަލިމީހުން ޑޮކްޓަރަށް ދައްކަން ދާއިރު، ވީހާވެސް މަދު މީހުން އެކުގައި ދިއުމާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި މާބަނޑު މީހުން އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުމާއި، އަދި ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަކީ ރައްކާތެރިކަމުގެގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
މަޢުލޫމާތު: އެޗްޕީއޭ