މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާ އާންމު ބަލިތަކާބެހޭ ފުރަތަމަ ކްލިނިކް މި މަހު ހުޅުވާނެކަމަށް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލެ ސިޓީގައި ޑޮކްޓަރަށް ދެއްކުމުގައި ކިޔޫ ދިގުވެގެން ދިމާވާ ދަތިތައް ހައްލުކޮށް، ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ މަގު ފަހިކުރުމަށް ކްލިނިކްތަކެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.
މި ގޮތުން ހުޅުވާ ފުރަތަމަ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ ކޮރަލް ބޮލެވާޑް އިމާރާތުގައެވެ.
މި ކްލިނިކްތައް ހުޅުވުމުން ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެހޭނީ، މި ކްލިނިކްތަކުން ބަލައި، ބަލީގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް ޑޮކްޓަރުން އިރުޝާދު ދެއްވުމުންނެވެ.
މީގެ އިތުރުން، އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ވަގުތު ދަނީ، ޞިއްޙީ ވުޒާރާއާ ބައެއް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން މި ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންކަންވެސް، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤު ޙަލީމް ފާހަގަކުރެއްވިއެވެ.