ދިވެހި ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އޮންނަ އުސޫލަކީ ކޮންމެ ޢާއިލާއަކަށް އެއް ތަން ދިނުން ކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިގޮތުން ބަލާއިރު، އުސޫލުގެ ތެރޭގައި ސީދާ ލިޔެފައި ނެތްނަމަވެސް ގެދޮރުވެރިކަމާބެހޭ އެއްވެސް ސްކީމަކުން ދެމަފިރިންނަށް ވަކިވަކިން ބޯހިޔާވަހިކަން ފޯރުކޮށްނުދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެފަދައިން ބޯހިޔާވަހިކަން ނެތް މީހާއަށް ސަރުކާރުން ހިންގާ ސްކީމެއްގެ ތެރޭން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރުވެސް، އެކަކަށް އެއް ތަނަށްވުރެ ގިނައިން ދޭ އުސޫލެއް ނޯންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުން މިކަމުގައި ބަލާ އެންމެ ބޮޑު އެއް ކަމަކީ ހުރިހާ ޢާއިލާއަކަށްވެސް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މިއީ ރާއްޖޭގައި ވަރަށް ދަތިވެފައިވާ ކަމަކަށްވާތީ، ދައުލަތުން މިކަމަށް އެދެވޭ ހައްލެއް ގެނައުންކަން، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ.
![]()
