ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަރމަންޓް ހަބެއް ހެދުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޒަކާތު ހައުސްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުދަ ދުވަހު އޮތް މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް ޢިއްޒުއްދީން ޢަދުނާނެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނީ، މިފަދަ ހަބެއް ހެދުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ކުރިއަރުވައި އިސްލާމީ ތަރުބިއްޔަތު ދިނުމާާއި، އެފަދަ މީހުން ބާރުވެރިކުރުމާއި، އެ މީހުންނަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމާއި، އެ މީހުންގެ މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި ހަބް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ހަތްވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.
![]()
