މިއަދު ހެނދުނު ޅ އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހައިލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި ސިފައިންގެ މީހަކު ނިޔާވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، އުޅަނދުން ދަތުރުކުރި މީހުންގެ ތެރޭން ދެ މީހަކު ގެއްލުނުކަމުގެ މަޢުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިފައިވާކަމަށެވެ.
އަދި އޭނާ ފެނުމާއެކު، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށެވެ.
މާލޭން ފުރައިގެން ޅ އަތޮޅަށް ދަތުރުކުރި ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިކަމަށާއި، އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އާންމު ދިވެއްސެއްގެ އިތުރުން ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި، ހެނދުނު 10.30ހާއިރު އެ އުޅަނދު ބަންޑުންޖަހައިލިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، އެ ވަގުތުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގައި ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން މަޢުލޫމާތުދެއެވެ.